އޮންލައިން އުނގެނުމާއި އިންޓަނެޓުގެ ޚިދުމަތް

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮސްޓްރޭލިޔާގެ ނަޕްލާން އިމްތިހާން، އޮންލައިންކޮށް ހެދުމަށް މިއަހަރު ބައިވެރިވި ގިނަ ދަރިވަރުންނަށް ސިސްޓަމް ބޭނުންކުރުމުގައި ދިމާވި މައްސަލަތަކުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. ނަޕްލާން (ނޭޝަނަލް އެސެސްމެންޓް ޕްރޮގުރާމް- ލިޓްރެސީ އެންޑް ނިއުމެރަސީ) އަކީ 2008 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިޔާގެ ހުރިހާ އިސްކޫލެއްގެ ގުރޭޑް 3، 5، 7 އަދި 9 ގެ ދަރިވަރުންނަށް ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ދެވޭ ފެންވަރުބެލުމުގެ އިމްތިހާނެކެވެ. މިއިމްތިހާނު ދެވެނީ ހިސާބާއި އިނގިރޭސި މާއްދާ އިންނެވެ. ގައުމުގެ ތައުލީމީ ސިޔާސަތު ބައްޓަން ކުރުމުގައި މިއިމްތިހާނުގެ ނަތީޖާ ބޭނުންކުރެވެ އެވެ.

އޮންލައިންކޮށް ނަޕްލާން އިމްތިހާން ހެދުމަށް އެއްބަސްވެވުމާ ގުޅިގެން ފުރަތަމަ ފަހަރަށް އޮންލައިންކޮށް މިއިމްތިހާނުގައި ދަރިވަރުން ބައިވެރި ކުރެވުނީ 2018 ވަނަ އަހަރު އެވެ. އަޖުމަ ބެލުމުގެ ގޮތުން އެފަހަރު ގާތްގަނޑަކަށް 15 ވަރަކަށް އިންސައްތަ އިސްކޫލުގައި މި ސިސްޓަމް ބޭނުންކުރި އެވެ. އޮސްޓްރޭލިޔާގެ އަމާޒަކީ 2020 ވަނަ އަހަރުން ފެށިގެން މުޅި އިމްތިހާން އޮންލައިންކޮށް ދިނުން ކަމަށްވާތީ މިހިނގާ 2019 ވަނަ އަހަރު ގާތްގަނޑަކަށް 50 ޕަސެންޓް ސްކޫލުން އޮންލައިން ސިސްޓަމް ބޭނުންކުރި އެވެ. ނަމަވެސް ދަރިވަރުން އިމްތިހާނު ހަދަމުން ދިޔަވަގުތު އޮންލައިން ސިސްޓަމަށް ދިމާވި މައްސަލަތަކުގެ ސަބަބުން އެތައް ހާސް ދަރިވަރުންނަށް މިއަހަރުގެ އިމްތިހާނު ފުރިހަމަ ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ޓެސްޓުގައި އަލުން އިށީނުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ހުޅުވާލުމުގެ އިތުރުން އޮންލައިން އިމްތިހާނު ދޭންބޭނުންވި ބައެއް އިސްކޫލުތަކަށް ކަރުދާހުގައި ދިނުމަށް ވެސް ފުރުސަތު ދެވުނެވެ. މިސަބަބުތަކާ ގުޅިގެން މި އަހަރުގެ އިމްތިހާނުގެ ނަތީޖާ ސައްހަ ނުވާނެކަމުގެ ބަހުސްތައް ވެސް ގަދަ ވި އެވެ.

ނަޕްލާންގެ ވާހަކަ އަޅުގަނޑު މިގެނައީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. ފުރަތަމަ ބޭނުމަކީ އޮންލައިން އުނގެނުމާއި އުނގަންނައިދިނުން ހިމެނޭގޮތުން ޓެކްނޮލޮޖީ ޝާމިލުވާ ކަންކަމުގައި ޓެކްނިކަލް މައްސަލަ ދިމާވެދާނެކަން ބަޔާންކުރުމެވެ. އެހެން ނޫންނަމަ އޮސްޓްރޭލިޔާ ފަދަ ގައުމެއްގައި ގައުމީ ފެންވަރުގައި ކުރާ މިފަދަ ކަމެއްގައި އިސްވެ ބަޔާންކުރެވުނު ވަރުގެ ބޮޑެތި މައްސަލަތަކެއް ނުނިކުތީހެވެ. ދެވަނަ ބޭނުމަކީ އޮންލައިން އުނގަންނައިދިނުމުގައި އިތުބާރުކުރެވޭ އިންޓަނެޓުގެ ޚިދުމަތް ދަރިވަރުންނަށް ލިބޭކަން ކަށަވަރު ކުރުމަކީ އުނގެނުމުގެ ހަރަކާތް ފުރިހަމަވުމަށް ހަމަވާން ޖެހޭ ޝަރުޠެއް ކަމުގައި ބަޔާންކުރުމެވެ. މިއީ އޮންލައިން އުނގެނުން ފަރުމާކުރުމުގައި އެންމެ ފުރަތަމަ ބަލަން ޖެހޭ ކަންކަމުގެ ތެރެއިން ކަމެކެވެ.

ރާއްޖޭގެ މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އޮންލައިން އުނގެނުން ޝާމިލުވާ ކޯސްތައް ހިންގާތާ އަހަރުތަކެއް ވެއްޖެ އެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ އުފެދުމުގައި ލިބިފައިވާ ގުދުރަތީ ސިފަތަކާއި، އިގުތިސާދީ ފުދުންތެރިކަމާއި އިންސާނީ ވަސީލަތުގެ ތަނަވަސްކަން ހުރިގޮތުން ރަނގަޅަށް ކިޔަވައިދެވޭ އޮންލައިން އުނގަންނައި ދިނުމުގެ ނިޒާމެއް ރާއްޖެއަށް އިންތިހާއަށް ބޭނުންވެ އެވެ. މިފަދަ ނިޒާމެއް ވާންވާނީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ހިޖުރަނުކޮށް ކިޔެވޭ، ކިލާސްތަކަށް ހާޒިރުވުމަށް ނުހިފޭވަރުގެ ބޮޑުޚަރަދެއް ކުރަންނުޖެހޭ، އަދި ކޯސްތަކުގެ ފެންވަރު ހިފެހެއްޓޭ ނިޒާމަކަށެވެ. މިފަދަ ނިޒާމެއްގެ އެންމެ މުހިއްމު އެއް އުންސުރަކީ ރަނގަޅު އިސްޕީޑެއްގައި ބޭނުންކުރެވޭ، އިތުބާރުކުރެވޭ އިންޓަނެޓު ލިބުމެވެ.

ރާއްޖެއަށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ މުވާސަލާތީ އެންމެ ބޮޑު ދެ ކުންފުނިން ވެސް އާއްމުކޮށް އިއުލާނުކޮށްފައިވާ ގޮތުގައި މުޅި ރާއްޖެއަށް 4ޖީ ނެޓުވަރކު މެދުވެރިކޮށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެވެ އެވެ. ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭ މިދެންނެވި "4ޖީ"ގެ ޚިދުމަތަކީ އޮންލައިންކޮށް ރަނގަޅު ފެންވަރުގެ ކޯސްތައް ހިންގުމަށް އެކަށޭނަ ޚިދުމަތެއް ހެއްޔެވެ؟ ރަށްރަށުގައި ތިބެގެން ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން އިންޓަނެޓުގެ ޚިދުމަތް ހޯދުމަށް ޔޫ.އެސް.ބީ "މޮޑަރމް"އެއް ބޭނުންކުރެއެވެ. ނުވަތަ މަސައްކަތްކުރާ އޮފީހުގެ ކޮންމެވެސް ކޮމްޕިއުޓަރެއް ބޭނުންކުރެއެވެ. ގިނަ ރަށްރަށުގައި، ޚާއްސަކޮށް ކުދި ރަށްރަށުގައި ގޭގެއަށް ގުޅައިދެވިފައިވާ ރަނގަޅު ފެންވަރުގެ އިންޓަރނެޓު ޚިދުމަތެއް ނުލިބެ އެވެ. މީގެ ސަބަބުން ދިމާވާ ތުރާތައް މިހާރު އޮންލައިންކޮށް ކިޔަވާ ދަރިވަރުން ކަށަވަރު ކޮށްދޭނެ އެވެ.

އޮންލައިން އުނގެނުމުގައި އާއްމު ކިލާހެއްގައި ހިނގާ ހުރިހާ މުއާމަލާތެއް ހިނގާނީ އޮންލައިން މަންސަ (ޕްލެޓްފޯމް) އެއް މެދުވެރިކޮށެވެ. މިގޮތުން ލެކްޗަރުތައް ބެލުމާއި، ޓިއުޓޯރިއަލް ކިލާސްތައް ބޭއްވުމާއި، މާއްދާގެ ސުރުޚީތަކާ ގުޅިގެން އޮންލައިން ފޯރަމް މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުން ވާހަކަދައްކައި ބަހުސް ކުރުމާއި، ފިލާވަޅާ ގުޅިގެން ފޯރުކޮށްދެވޭ ކިޔުންތަކުގެ އިތުރުން، އިތުރު މައުލޫމާތު ހޯދުމަށް އޮންލައިން ލައިބްރަރީއެއްގެ ޚިދުމަތް ހޯދުމާއި ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން ދެވޭ އެކިއެކި މަސައްކަތް ފުރިހަމަކުރުން ފަދަ އެތައްކަމެއް ހިމެނެ އެވެ. މިއިން ކޮންމެ ކަމަކަށް އިންޓަރނެޓު ބޭނުންވާނެ އެވެ. އަދި ކީއްހެއްޔެވެ؟ އިންޓަރނެޓުގެ އެޚިދުމަތް ވާންވާނީ އިރުއިރުކޮޅާ ނުކެނޑޭ، ރަނގަޅު އިސްޕީޑެއްގައި ދެވޭ، އަދި އަތްފޯރާ އަގެއްގައި ބޭނުންކުރެވޭ އެއްޗަކަށެވެ. އެހެނީ އާއްމުގޮތެއްގައި މީހުން ޓެކުނޮލޮޖީއެއް ބޭނުންކުރުމުގައި ދެމިތިބެނީ މައިގަނޑު ދެ ކަމެއް ފުރިހަމަ ވާނަމަ އެވެ. ފުރަތަމަ ކަމަކީ އެ އުފެއްދުމެއް ބޭނުންކުރުމަށް ފަސޭހަކަމަށް ގަބޫލު ކުރެވުމެވެ. ދެވަނަ ކަމަކީ އެއުފެއްދުމަކީ ބޭނުންތެރި އެއްޗެއް ކަމުގައި ގަބޫލުކުރެވުމެވެ.

ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ދެމެހެއްޓުމަށް ޓަކައި ހުރިހާ ރަށަކަށް ރަނގަޅު ފެންވަރުގެ އިންޓަނެޓުގެ ޚިދުމަތް ބޭނުންވެ އެވެ. މިޚިދުމަތް ވާންވާނީ ނަމުން 4ޖީ އަކަށް ނޫނެވެ. ހަމައެއާއެކު އާދައިގެ އާމްދަނީއެއް ލިބޭ މީހާގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރަން ޖެހޭ އެއްޗަކަށްވެސް ނުމެނޫންމެވެ. މަތީ ތައުލީމު ދިނުމުގައި ފެންވަރު ރަނގަޅު އޮންލައިން ކޯސްތައް ހިންގޭނީ އޭރުންނެވެ. ދިވެހިރާއްޖެއަށް އިންޓަނެޓުގެ ޚިދުމަތަކީ މިއަދު "ލަކްޝަރީ"އެއް ނޫނެވެ. ދިރިއުޅުމުގެ ބައެކެވެ. ޒަރޫރަތެކެވެ.

comment ކޮމެންޓް