ގިނަ އަހަރުތަކެއް ވަންދެން ރިލީޒްނުކޮށް އޮތް ފިލްމު "މާޔޫސް" އެންމެފަހުން ބައިސްކޯފަށް!

މާޔޫސްގެ ޕޯސްޓަރެއް، މި ފިލްމު ރިލީޒްނުކުރާތާ އަހަރުތަކެއް ފަހުން ބައިސްކޯފުގައި މި ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައި---

ސާކް ފިލްމު ފެސްޓިވަލުން 2014ގައި ބްރޯންޒް މެޑެލް ހޯދި "އިނގިލި" އަށް ފަހު، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، އޭނާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމު "މާޔޫސް" ޝޫޓިން ނިމިފައި އޮންނަތާ ހަތަރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

އެ ފިލްމު ރިލީޒްކުރަން ނިންމީ 2014 ވަނަ އަހަރު އެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ ފިލްމުގެ ވާހަކަތައް ބެލުންތެރިން ދެއްކުން މަދުވި އެވެ. މިހާރު އެ ފިލްމުގެ ނަންވެސް ހަނދާން ހުންނާނީ މަދު ބައެއްކަން ޔަގީނެވެ. ފިލްމުގެ ޕްރޮޑިއުސަރު މަހުދީ މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވިޔަސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.

ހަތަރު ވަރަކަށް އަހަރު ފަހުން އެ ފިލްމު ރިލީޒްކުރަން އުޅެނީއެވެ. ބައިސްކޯފު އެޕްލިކޭޝަނަށް މި މަހު އަހަރެއް ފުރޭއިރު ގިނަ ފިލްމުތަކެއް އެ އެޕްލިކޭޝަނުން ދެއްކުމަށް ނިންމާފައިވާ އިރު ފިލްމު "މާޔޫސް" ވެސް ދެއްކުމަށްވަނީ ނިންމާފައެވެ. ބައިސްކޯފުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

"މާޔޫސް" އަކީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާ އެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ފެންނަ އިރު، ދެން ފެންނާނީ އިސްމާއީލް ރަޝީދު(ކޮޕީ އިއްސެ)ގެ އިތުރުން ޖުމައްޔިލް ނިމާލެވެ. އެ ފިލްމަކީ ނިއުމާގެ ކުޅުނު ފިލްމުތަކުގެ ތެރެއިން ރިލީޒްނުވެ ދިގުލައިގެންދިޔަ އެއް ފިލްމު ކަން ފާހަގަ ކޮށްލެވެއެވެ. ނިއުމާ ވަނީ މިހާރު ވަނީ ފިލްމު ކުޅުން އެއްކޮށް ހުއްޓާވެސްލާފަ އެވެ.

ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް އެ ފިލްމަކަށް ހަރަދުކޮށްގެން އުފެއްދި "މާޔޫސް" ޑައިރެކްޓްކޮށްފައި ވަނީ ގިނަ ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ އަޖުނާޒު އަލީ އެވެ. މޫމިން ފިއާދު ކެމެރާ ކޮށްދީފައިވާ އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.

އެންމެފަހުން "މާޔޫސް" މި މަހު ބައިސްކޯފު އެޕްލިކޭޝަނުން ދައްކަން ތައްޔާރުވަނީ އެވެ.

comment ކޮމެންޓް