ޝަހިންދާއަށް އިންޒާރުދިން ޝައްމަންގެ ބަންދަށް 15 ދުވަސް ޖަހައިފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ---

އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން އިސްކޮށް އުޅޭ ޝަހިންދާ އިސްމާއިލްއަށް މަރުގެ އިންޒާރު ދިން ޝައްމަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޝައްމަންގެ ބަންދުގެ މުއްދަތު މިއަދު ކޯޓުން އިތުރުކޮށްދިނީ 15 ދުވަހަށެވެ.

ޝައްމަން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރަކު އޭނާގެ ބަންދުގެ މުައްދަތު ވަނީ އިތުރުކޮށްފަ އެވެ.

ޝައްމަންގެ ވަކީލް ހުސްނީ މުބާރަކް "ސަން" އަށް މިއަދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ފަހުން ގެނައި ބަދަލާއެކު ޓެރަރިޒަމްގެ ބޮޑު ކުށެއްގެ ދައުވާއެއް ޝަމްއާންގެ މައްޗަށް އުފުލުގެ ފުރުސަތު ނެތްއިރު، ޖިނާއީ ބޮޑެތި ކުށްތަކުގައި މުއްދަތު އިތުރުކޮށްދިނުމަށް ކޯޓަށް ލިބިދޭ ބާރުގެ ދަށުން މުއްދަތު އިތުރުކޮށްދެވިދާނެކަމަށް ނުދެކޭ ކަމަށެވެ.

މީގެ ކުރިން ޝަހިންދާއަށް އިންޒާރުދީގެން ފުވައްމުލަކުންވެސް މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެ ކުއްޖާ ވަނީ މިނިވަންކޮށްފަ އެވެ.

އެމްޑީއެންގެ މައްސަަލަ ހޫނުވިއިރު، އެ ޖަމިއްޔާ އުވާލަން ސަރުކާރުން ނިންމައި އެ ޖަމްއިއްޔާގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.

comment ކޮމެންޓް