ރާއްޖެއަށް އެހީ ދޭން ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުން މަޝްވަރާކޮށްފި

ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުން ރައީސް ސޯލިހާ އެކު ރައީސް އޮފީހުގައި މަޝްވަރާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ އެގްޒެކްޓިވް ޑިރެކްޓަރުން ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާ އެކު މަޝްވަރާކުރައްވައިފި އެވެ.

އެ ދަތުރާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ޑިރެކްޓަރުން ހިމެނޭ ވަފުދެއް މި ހަފްތާ ރާއްޖެ ވަަޑައިގެން އެކި ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރެއްވީ، ވޯލްޑު ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ހޯދިފައިވާ ކުރިއެރުންތަކުގެ ނަތީޖާތަކާ މެދުގައި ކަމަށެވެ. ތިން ދުވަހުގެ މި ޒިޔާރަތުގައި، ރާއްޖެ އިން ތަރައްގީގެ ރޮގުގައި އިސްކަންދޭ ކަންތައްތަކާއި ހުރި ދަތިތަކާ އެކަމަށް ވޯލްޑު ބޭންކަށް ވެވިދާނެ އެހީތަކާ މެދު މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުން ބައްދަލު ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު އާ އެވެ. މީގެ އިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ޕާލޭ މޯލްޑިވްސްގެ މަންދޫބުންނާ އެކު ވެސް ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.

މި ވަފުދުން އައްޑޫ ސިޓީ އަށް ކުރި ޒިޔާރަތުގައި އެ ސިޓީއަށް އެހީދޭ އެކި ފަރާތްތަކުން ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑެއް ކަމަށްވާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫ އަށް ލިބޭ އަދި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ ކަންކަން ބައްލަވާލެއްވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ، ޔޫރަޕިއަން ޔޫނިއަން އަދި ޑީއެފްޓީ (އޮސްޓްރޭލިއާ ސަރުކާރު) އާ ގުޅިގެން، ވޯލްޑް ބޭންކުންނެވެ.

ވޯލްޑު ބޭންކުން ބުނި ގޮތުގައި ހުޅުމާލޭގައި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް މި ވަފުދުން ބައްލަވާލެއްވި ކަމަށެވެ.

ރައީސް ސޯލިހާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އެ ބޭންކުން ބުނީ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަރައްގީގެ ގުޅުމުގެ މައްޗަށް ދެ ފަރާތުން ވެސް އަލިއަޅުވާލެއްވި ކަމަށެވެ. ފިނޭންސް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މާލީ ނިޒާމްގެ ތެރެއިން ތަރައްގީ އާއި ކުރިއެރުމަށް ހުރި ފުރުސަތުތައް އަދި ދަތިތަކުގެ އިތުރަށް، ސަރުކާރުން އިސްކަންދޭ އިސްލާހީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބުނީ އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން، ވެސް އެ ބައްދަލުވުމެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށް ދަނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑީއޭ)ގެ އެއް ގެރެންޓީ އާއި 6 އިންވެސްޓްމަންޓް މަޝްރޫއު އެވެ.

މި މަޝްރޫއުތައް އަމާޒުކުރެވިފައި ވަނީ، މަސްވެރިކަމާއި، ކުނި މެނޭޖްކުރުމާއި، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ދާއިރާގެ އިތުރަށް، ފަތުރުވެރިކަމާއި އައިޓީ ދާއިރާ އަށް ހާއްސަ ސަމާލުކަމެއް ދީގެން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށެވެ. މި ކަންކަމަށް، ޖުމްލަ 104 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން، މުޅި މާލީ ނިޒާމް އިޞްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ކެޓެސްޓްރޮފީ-ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ހިމެނޭ ގޮތަށް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ލޯނެއް ވެސް ހިމެނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީ (ޕީއީއެފް) އެއް ވެސް ހަމަޖައްސައިދީފައިވެ އެވެ. މި ޕީއީއެފް މެދުވެރިކޮށް، ބޮޑު ސަރަހައްދަކަށް ފެތުރުމުގެ ބިރު އޮންނަ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފައިސާ ހަމަޖެހިގެންދާނެ އެވެ.

comment ކޮމެންޓް