މައުމޫނު އިސްވެ ތިން ވަނަ ޕާޓީ އުފައްދަވައި، އިންތިގާލީ ރައީސް ކަމަށް

ރައީސް މައުމޫން: އެމްއާރުއެމްގެ އިންތިގާލީ ރައީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ''މޯލްޑިވްސް ރިފޯމް މޫވްމަންޓް'' (އެމްއާރުއެމް) ގެ ނަމުގައު ތިން ވަނަ ސިޔާސީ ޕާޓީއެއް އުފައްދަވައި އެ ޕާޓީގެ އިންތިގާލީ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފި އެވެ.

ރައީސް މައުމޫން އިސްވެ ހުންނަވާ މީގެ ކުރިން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މިހާރު އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަވާފައެވެ. ތިން ވަނަ ޕާޓީ އެމްއާރުއެމް އުފައްދަވާނެ ކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ ފަހުކޮޅުއެވެ.

ސިޔާސީ ޕާޓީ އުފެދުމަށް ބާއްވާ ޖަލްސާ ރޭ ދަރުބާރުގޭގައި އެ ޕާޓީން ވަނީ ބާއްވާފައެވެ.

ކުރިން 8:00 އަށް ތާވަލް ކުރި ޖަލްސާ މީހުން ހަމަ ނުވެގެން ފެށޭވަރުވީ، 10:00 އެހާކަންހާއިރުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ޕާޓީތަށް އުފެއްދުމަށް ބާއްވާ ޖަލްސާގައި މަދުވެގެން 300 މީހުން ހާޒިރުވާން ޖެހެއެވެ.

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ވަނީ ޕާޓީގެ އިންތިގާލީ ރައީސްއާއި ޕާޓީގެ ލޯގޯއާއި ކުލަ، އަސާސީ ގަވާއިދު އަދި ވަގުތީ އެގްޒެކެޓިވް ކައުންސިލް ހޮވާފަ އެވެ. އޭގެ އިތުރުން އެ ޖަލްސާގައި ވަނީ ވަގުތީ އަންހެނުންގެ ކައުންސިލާއި ވަގުތީ ޒުވާނުންގެ ކައުންސިލަށްވެސް މެމްބަރުން އިންތިހާބުކޮށްފައެވެ.

އިންތިގާލީ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަންޏެވެ. އިންތިގާލީ ރައީސްކަމަށް މައުމޫން ހޮވިވަޑައިގަތީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުުފެންނަ ވޯޓަކުންނެވެ.

ޕާޓީގެ ލޯގޯ އަށް ތިން ހުށަހެޅުމެއް ހުށަހެޅިއެވެ. ތިން ލޯގޯއަކަށް ވޯޓަށް އެހުމުން ހޮވިފައިވަނީ ރައީސް މައުމޫން ތާއީދުކުރެއްވި ދެވަނަ ނަމްބަރު ލޯގޯ އެވެ. ކުލަ ގޮތުގައިވެސް ފާސްވީ ލޯގޯގައި ހިމެނޭ ފެހި ކުލައާއި ރަން ކުލައެވެ.

އެމްއާރުއެމްގެ ލޯގޯއަށް ހުށަހެޅި ތިން ހުށަހެޅުން: ފާސްވީ ދެވަނަ ލޯގޯ -- ފޮޓޯ ފަޔާޒު މޫސާ

ބައްދަލުވުމުގައި ފާސްކުރި އަސާސީ ގަވައިދުގައި 10 ބާބާއި 40 މާއްދާ ހިމެނެއެވެ. އަސާސީ ގަވާއިދުގައި ވަނީ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ، މިންތީގެ ހަމަހަމަ ކަމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. އެ ގަވައިދުގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކެވެ.

ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށް އިންތިހާބު ކޮށްފައިވަނީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނާއެކު ޖުމްލަ 20 މެމްބަރުންނެވެ. އޭގެ އިތުރުން އިންތިގާލީ ރައީސް އައްޔަން ކުރާ ހަތަރު މެމްބަރުންނާއި އަންހެނުންގެ ކައުންސިލުން ދެ މެމްބަރުންނާއި ޒުވާނުންގެ ކައުންސިލުން 12 މެމްބަރުން ވެސް ވަގުތީ އެގްޒެކެޓިވް ކައުންސިލްގައި ހިމެނިވަޑައިގަންނަވައެވެ. ޖުމްލަ 32 މެމްބަރަކު އެ ކައުންސިލްގައި ހިމެނެވެ.

އެމް.އާރް.އެމްގެ ވަގުތީ އެގްޒެކެޓިވް ކައުންސިލަށް ހޮވުނު މެމްބަރުން

  1. އަހްމަދު ފާރިސް މައުމޫން، މއ. ކިނބިގަސްދޮށުގެ
  2. މުހަންމަދު ނަދީމް، މއ. ކަނބާގެ
  3. އަހްމަދު ސަފްވާން، މ. ހިންމިޔާ
  4. އިބްރާހީމް އަފްރާތު، މއ. ގުލްޝަންކިނާރާ
  5. އަހްމަދު ޒިޔާން އަބްދުއްރަހްމާން، ގ. ހަނިމާދޫއާގެ
  6. ޝިމާޒް އަލީ، ބްލޫބެލް / ސ. ހުޅުދޫ
  7. އަހްމަދު އިބްރާހީމް، ލޫވާ / އދ. ދަނގެތި
  8. އަބްދުﷲ އަނީސް، ނީސް / ބ. ތުޅާދޫ
  9. ހާލިސް ނަޖީބް، މ. ރެޑްހައުސް
  10. އަލީ ރަޝީދު، ދަފްތަރު 8469 / ކ. މާލެ
  11. އަނީސާ އަހްމަދު، މ. ލޮނުވެލި
  12. އާމިނަތު ނާދިރާ، ގ. ޒަމާނީ ގުލްޝަން
  13. ރާސިދާ ޔޫސުފް، ގ. ކިސޫމޫ
  14. ފަޒްނާ ޝާކިރު، ގ. އޯޑެންސް
  15. ޑރ. ފާތިމަތު ނިޝާން، މ. އޯޑަންއެވެނިއު
  16. އާފިޔާ އަބްދުލްއަޒީޒް، ދަފްތަރު 8946 / ކ. މާލެ
  17. ޝަރުމާ ނަސީރު، އަލަދަނޑިއާގެ / ގއ. ވިލިނގިލި
  18. މޫމިނާ ޢަބްދުއްރަޙީމް، ގ. ޒާމިއާ
  19. ރަޙްމާ މޫސާ، ހ. ހުދުވެޔޮ
  20. ފަޒީލާ މުހަންމަދު، ގ. ޑްރީމް
  21. އިބްރާހީމް ފަރުހާދު، އާސްތާނާ / ސ. ފޭދޫ
  22. އަލީ ތާއިފް / ވ. ލެންސް
  23. ހަސަން ސަމީހު އާތިފް / ހ. ފިނިވައިޖެހޭގެ
  24. ހުސެއިން އީވާން، މ. ކްއީންސްލޭންޑް
  25. އިސްމާއީލް ނާއިލް ނަޝީދު، ގ. މޭވާގެ
  26. އަހްމަދު ޝާހު، އެޑްރެސް
  27. އައިމިނަތު ރިފްގާ / މ. ވައިޓްފިޝް
  28. ނިޝާނާ ހަސަން، ދަފްތަރު ދރ 1423 / ކ. މާލެ
  29. އާއިޝަތު ތައިމާ ހިޝާމް / ހުޅުމާލެ 10007
  30. ފާތިމަތު ހުމައިސާ، މ. ވިސްޓިރިޔާ
  31. ހައްވާ އިއްފަތު، އާސްތާނާ / ސ. ފޭދޫ
  32. މަރިޔަމް ނާޖިލާ އިމްރާން، މާލެހިޔާ 2 1202 / ކ. މާލެ

އަސާސީ ގަވައިދަށް މެމްބަރުންނަށް ހިޔާލު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ހިޔާލުތައް ވަގުތީ އެގްޒެކެޓިވް ކައުންސިލުން ދިރާސާ ކުރުމަށްފަހު ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެމްއާރުއެމް އިން ބުނެއެވެ.

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ބައްދަލުވުން ނިންމާލި އިރު، މެންދަމު 3:30 އެހާކަންހާއިރު ވަނީ ވެފައެވެ.

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމީޝަނުން ދިނީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޕާޓީ އުފެއްދުމަށް ހުށަހަޅަން ޖޭ 3000 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައެވެ. އޭގެ ފަހުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުނަށެވެ.

މިދިޔަ ޖެނުއަރީ މަހު ކުރީ ކޮޅު ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަމަށް މައުމޫން އިއުލާން ކުރެއްވީ، ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވެ އެމަނިކުފާނު ޕާޓީން ވަކިކޮށް، އަދި ޝަރުއީ މަރުހަލާގައި އަނބުރާ ޕީޕީއެމް ނުލިބޭނެކަން އެނގުނު ހިސާބުންނެވެ. ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީ އިން ވަކިވެވަޑައިގެން ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފެށީ ޑީއާރުޕީގެ ދެފަޅިވެ، އެޕާޓީގެ އޭރުގެ ލީޑަރު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް އުފެދުމުންނެވެ.

comment ކޮމެންޓް