އަންނަ އަހަރުގެ ބަޖެޓުގައިވެސް މުލީ އެއާޕޯޓު ހިމަނައިފި

މުއްޔާއި ނާލާފުށި--

މ. މުލީގައި އެއާޕޯޓު އެޅުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މުލީގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މުލީ އެއާޕޯޓުގެ މަސައްކަތަށް 2019 ވަނަ އަހަރުގެ ބަޖެޓުގައިވެސް 39.8 މިލިއަން ރުފިޔާ ހިމެނިއެވެ.

މ. މުއްޔާއި އެއަތޮޅު ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް ނިންމާ އެމަސައްކަތް މިހާރު އޮތީ ޑިޒައިން ސްޓޭޖުގައެވެ. މުލި-ނާލާފުށި ކޯޒްވޭ ޑިޒައިން މަސައްކަތް ހަވާލުކޮށްފައިވަނީ އިންސާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

މަސައްކަތުގެ އަގަކީ 210،000.33 ރުފިޔާ އެވެ. މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި 2,675,000 ރުފިޔާ ވަނީ ހިމަނައިފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެމަސައްކަތަށް ކަނޑައަޅާފައިވަނީ 210،000 ރުފިޔާ އެވެ.

ނާލާފުއްޓާއި މުލި ގުޅާލުމަށް އެ ދެރަށުގެ ކައުންސިލުން އެއްބަސްވެފައި ވަނީ 2015 ވަނަ އަހަރު އެވެ. މީގެ ކުރިން މުލީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު އެ ދެރަށް ގުޅާލުމަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެކުރިން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ އަންނަ އަހަރު ނިމޭއިރު ރާއްޖެއަށް ބޭނުންވާ ހުރިހާ އެއާޕޯޓެއް އޮންނާނީ ނިމިފައިކަމަށާއި 2020 ގެ ބަޖެޓުގައި މުލީ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހިމަނާނެ ކަމަށެވެ.

މުލީ އެއާޕޯޓުގެ މަސައްކަތާއި ކޯޒްވޭގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރިން ސްޓޭޖުގައި ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.

comment ކޮމެންޓް