މާލޭ މީހުން ޕިކްނިކް ދާން ތަރައްގީކުރާ ރަށަށް އާންމުންގެ ހިޔާލު ހޯދަނީ

މާލެ ކައިރީ ތަރައްގީ ކުރާ ޕިކްނިކް ދާ ރަށުގެ ކުރެހުމެއް -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާލޭގައި ދިރިއުޅޭ މީހުން ޕިކްނިކް ދިޔުމަށް ތަރައްގީކުރަން ނިންމާފައިވާ ރަށާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދަން ނިންމައިިފި އެވެ.

ޕިކްނިކް ރަށް ތަރައްގީ ކުރަނީ އެނބުދޫ ފިނޮޅުގައި ހިއްކާފައިވާ ކްރޮސްރޯޑްގަ އެވެ. އެ މަޝްރޫއު ހިންގަނީ ކްރޮސްރޯޑް ތަރައްގީ ކުރި ތައިލެންޑުގެ ސިންހާ އެސްޓޭޓްގެ ސީއެސްއާރު މަޝްރޫއެއްގެ ގޮތުގަ އެވެ.

އެކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގެ ހަކުރާ މާލަމްގައި ވަނީ ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 - 6:00 އަށް ކަމަށެވެ.

ތައިލެންޑްގެ ކުންފުނި ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރަށްތަކުގެ ތެރެއިން ރަށެއް މާލެ ސަރަހައްދުން ދަތުރުދާން ކަނޑައަޅައި، އިއުލާނު ކުރިއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ރަށަށް މާލެއިން ފުރައިގެން 15 މިނެޓުން ފެރީގައި ދެވޭނެ އެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ މި ރަށުގައި ރީތި ގޮޑުދޮށަކާ އެކު މޫދު ކުޅިވަރުތަކާއި ބާބަކިއު އޭރިއާ އެއްވެސް ހުންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބް އާއި ފެމެލީ ރޫމްސް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމް ގެ އިތުރުން ލައިފްގާޑުން ވެސް މި ރަށުގައި ތިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ ކުރިން މާލެ ސަރަހައްދުން ދަތުރުދާން ބޭނުންކުރީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ. އެކަމާ ގުޅިގެން އާންމުން ކަންބޮޑުވުން މީގެ ކުރިން ފާޅުކުރި އެވެ.

comment ކޮމެންޓް