ކަސްތަޅުން ނެއްޓި ސިޔާސީ މިނިވަންކަން ލިބުނީތަ؟

ނޮވެމްބަރ 14، 2018: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާސިމް އިބްރާހިމާއި އިމްރާން އަބްދުﷲއާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ތިން އަހަރެއްހާ ދުވަސް ފަހަތަށް ދާއިރު، އޭރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ޖަލު ހުކުމެއް އައީ، ޕޯޑިއަމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ރިޝްވަތު ހުށަހެޅުމުގެ ދައުވާކުރުމުން އެވެ. އެ ޒާތުގެ އެތައް ބިރެއް އޭރުގައި އޮތެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ، ފާރީސް މައުމޫން އެތައް ދުވަހެއްގައި ޖަލު ގޮޅީގައި ބެހެއްޓީ އިދިކޮޅު ހަރަކާތްތަކާ އެމަނިކުފާނު ގުޅިވަޑައިގަތް ސަރުކާރަށް ޕްރެޝަރު ކުރައްވަން ފެއްޓެވުމުން އެވެ. މާދުރުނޫން މާޒީއެއްގައި ރާއްޖޭގެ ސިޔާސީ ބޭފުޅުން ތިބީ އެހާވަރަށް ފިއްތާލައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއްވާން ދާއިރު، އެ ބިރުވެރިކަން ފިލައިފި ހެއްޔެވެ؟ ގާސިމް ފަދަ ސިޔާސީ ބޭފުޅުންނަށް ބިރަކާއި ނުލައި ސަރުކާރަށް ފާޑު ކިޔޭނެ މާހައުލެއް އެބަ އޮތް ހެއްޔެވެ؟

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސީ ހުރިހާ ވާދަވެރިހެން ތިއްބަވަން ޖެހުނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގަ އެވެ. ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، މައުމޫން އަބްދުލްގައްޔޫމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ކުށްތަކުގެ ތުހުމަތު އަޅުވައި ހައްޔަރުގަ އެވެ. ސަލާމަތުން ތިބި ސިޔާސީ އެކި ވަރުގެ ބޭބޭފުޅުން ވެސް "ގޮޅިއަކަށް ލާފާނެ" ކަމުގެ ބިރާ އެކު ރާއްޖެ ދޫކޮށް ގޮސް، އެކި ގައުމުތަކުން ހިމާޔަތް ހޯއްދަވަން ޖެހުނެވެ.

އިމްރާން އަބްދުﷲ ކޯޓަށް ހާޒިރު ކުރުމަށް ފަހު ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގާނޫނަށް ގެނައި ބަދަލުތަކުން މާލޭގައި ބާއްވަމުން ދިޔަ އެއްވުންތައް ގާނޫނީ އިމުން ބޭރުކޮށްލައި، ބާރުގެ ބޭނުންކޮށްގެން އެއްވުންތައްދިޔައީ ރޫޅާލަމުން އެވެ. އަދި އެއްވުންތަކުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް، ބަންދު ޖަހައި، އެ މީހުންގެ މައްޗަށް ބޮޑެތި ޖިނާއީ ދައުވާކޮށް ހެދި އެވެ. އޭރު ކައުންސިލުތަކުން ސަރުކާރަށް ފާޑުކިޔައިފި ނަމަ ވަގުތުން ފިޔަވަޅު އަޅަމުން ދިޔަ އެވެ. އަދި އޭރު އިދިކޮޅުގައި ތިބި މަޖިލިސް މެމްބަރުން ކަންނެލިތަކެއްހެން އުފުލައިލައިގެން ތަޅުމުން ނެރެ އުކާލި އެވެ. ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ ކޮންމެ މީހަކަށް އޮތީ ޖިނާއީ ދައުވާއެއްގެ ބިރެވެ.

އެއްވުންތަކަށް މަޑު މަޑުން ޖާގަ އެބަ ލިބޭ

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އޭރުގެ އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެއްވުންތައް ބާއްވަން ހުރަސްއެޅުމެވެ. ބޭނުންވާ އާންމު ތަންތަނުގައި ޖަލްސާތައް ބާއްވަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ނުދިނުމެވެ. މިއަދު އިދިކޮޅުގައި ތިބީ އެ ހާލަތު އުފެއްދި މީހުންނެވެ. އެކަމަކު އޭރާ އަޅާ ކިޔާނަމަ، މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކަށް ޖަލްސާ ބާއްވަން ކުރިން ލިބިފައި ނެތް ވަރުގެ ޖާގައެއް އެބަލިބެ އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މި އަހަރުގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ތިން ހަތަރު ޖަލްސާ ބާއްވައި އެއްވެސް ހުރަހަކާ ނުލައި ސަރުކާރަށް ފާޑު ކިޔައިފި އެވެ. އަދި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކު އުވާލަން ގޮވާލައި، ސަރުކާރަށް ފާޑުކިޔައި މި ފަހުން އެއްވުމެއް ބާއްވަންވެސް އާންމު ފަރާތްތަކަކަށް ފުރުސަތު ލިބުނެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެހެން ނަމަވެސް، މި ފަހުން ނަސްރުގެ ދުވަހާ ގުޅިގެން ބާއްވަން އުޅުނު "ބަޑި ބުރާސްފަތި" ޖަލްސާއަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ކާނިވާ ސަރަހައްދު ދުލެއް ނުކުރި އެވެ. އަދި ފުލުހުން އެ އެއްވުން ބާއްވަން ހުއްދަވެސް ނުދިނެވެ.

ހުއްދައާ ނުލައި، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުން ފެށުމުން، އެ ރޭ ފުލުހުން ވަނީ އެތަނަށް ގޮސް އެއްވުން ރޫޅާލައިފަ އެވެ. އަދި އެއްވުމުގެ ތެރެއިން 12 މީހަކު ހައްޔަރުވެސް ކުރިއެވެ. އެއީ ރަނގަޅު ފާލެއް ނޫނެވެ.

ނަމަވެސް މިދިޔަ ދެތިން އަހަރުގެ ތެރޭގައި އެފަދަ އެއްވުންތަކުން ހައްޔަރު ކުރާ މީހުން އާންމުކޮށް، ޖަލު ބަންދަށް ގެންދެ އެވެ. އަދި އެ މީހުންނަށް ބޮޑެތި ދައުވާތައްވެސް ކުރެ އެވެ. މަޝްހޫރު މޭޑޭ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންނަށް ވީ ގޮތަކީ އެކަމުގެ މިސާލެކެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތެއްގައި މީހަކު ހައްޔަރުކޮށްގެން ދައުވާކުރި މައްސަލައެއް މިހާތަނަށް ފެންމަތިވެފައެއް ނުވެ އެވެ. ޕީޕީއެމް-ޕީއެންސީ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި 12 މީހުންވެސް އެ ރެއިން އެ ރެއަށް ދޫކޮށްލީ އެވެ.

ނޮވެމްބަރ 4، 2019: ސިޔާސީ ދައުވާގެ ނަމުގައި ޕީޕީއެމް އަދީ ޕީއެންސީގެ ފަރާތުން ޕީޕީއެމް އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެޔޮ ބަދަލުތައް ފެންނަ ނަމަވެސް ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި އިސްލާހު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން އަދި އުވާލާކަށް އުޅޭ މަންޒަރެއް ނުފެނެ އެވެ. މިއަދާ ހަމައަށް އޮތީ އެގޮތަށެވެ. އެ ގާނޫނު އެ ގޮތަށް އޮތުމަކީ ސިޔާސީ ހަރަކާތްތައް ހިންގަން އޮތް މިނިވަންކަމަށް ހުރަހެކެވެ. އެކަމަކު އެ ހުރަސްތަކުގެ ތެރެއިން ވެސް އެއްވެއުޅުމުގެ މިނިވަންކަން ލިބޭ ކަމުގެ އިހުސާސް އެބައޮތެވެ.

މަޖިލީހުން އިދިކޮޅުގެ އަޑު އިވޭ

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި މަޖިލީހެކެވެ. އެ މަޖިލީހުގައި އިދިކޮޅުން ބޭނުން ކުރަމުން ދިޔަ ޓެކްޓިކްތަކުގެ ސަބަބުން މަޖިލީހުގެ ކޮންޓްރޯލުގައި ތިބި ފަރާތްތަކުން ހަރުކަށި ވާން ފެށި އެވެ. މަޖިލީހުގެ ރިޔާސަތު އުސްކޮށް، ވަށައިގެން ފާރެއް ރޭނިއެެވެ. ނިޒާމު ގެއްލުވާލާ ކަަމަށް ބުނެ ސިފައިން ގެނެސް ބައެއް މެމްބަރުން "ފޮށި ތަންމަތި"ހެން އުފުލައިގެން މަޖިލީހުން ބޭރަށް ގެންދިޔަ އެވެ. ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލި އިރު މަޖިލީހަށް ވަންނަން އުޅުނީތީ އަނެއްބައި މެމްބަރުންގެ މައްޗަށް ދައުވާވެސް ކުރިއެވެ.

އޭރު ވަކި ހިސާބަކުން އިދިކޮޅު މައިތިރިކޮށް އަޑު ކަނޑުވާލި ނަމަވެސްް، މިއަދު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަންނަނީ އުންމީދީ ބަދަލުތަކެއް ފެންނަމުންނެވެ.

އަދުގެ ރައްޔިތުންގެ މަޖިލީހުގައި ތިބީ އިދިކޮޅު ހަތް މެމްބަރުންނެވެ. އެ ހަތް މެމްބަރުންވެސް، ބަރާބަރަށް ބަހުސްތަކުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ގެންދަވައެވެ. މަޖިލީހުގައި ސަރުކާރަށާއި، މަޖިލީހުގެ ނިޒާމަށްވެސް މިނިވަންކަމާ އެކު ފާޑު ކިޔަމުންދެއެވެ. އެ ފުރުސަތު ރިޔާސަތުން ދެއެވެ.

އޮކްޓޯބަރ 7، 2019: މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އެހެންނަމަވެސް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގައި ތިބި މެމްބަރުންނަށް ކުރިމަތިވި ބިރެއް މިއަދުގެ އިދިކޮޅު މެމްބަރުންނަކަށް ނެތެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި މެމްބަރުން ބިރުން ތިއްބެވީ ޖިނާއީ ދައުވާތަކަށެވެ. މިއަދުގެ މެމްބަރުން މަޖިލީހުގައި ދައްކާ ވާހަކައަކުން ނުވަތަ އުޅޭ ގޮތަކުން އެފަދަ ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ. އެ މެމްބަރުން ނިޒާމު ނަގާލަމުން ލިބޭ އަދަބުތަކަކީ، ސްކޫލު ކުދިންނަށް ދޭ އަދަބުތަކެވެ. ސީރިއަސް ފިޔަވަޅެއް އެކަމާ ދެކޮޅަށް ނުފެނެ އެވެ.

އަދުގެ ސަރުކާރު ވެރިކަމަށް އައީ ސިޔާސީ ދައުވާ ނުކުރުމާއި އަދުލު އިންސާފު ގެންނާނެ ކަމުގެ ވައުދާ އެކު އެވެ. ހަރުކަށި ގޮތްތައް ދޫކޮށްލައި އިދިކޮޅަށްވެސް އިންސާފުން އަމަލު ކުރާކަމަށް ބުނަމުން އެވެ. އެ ވައުދާ އެއްގޮތަށް ބަދަލުތައް އެބަ ފެނެ އެވެ. އެކަމަކު އަދިވެސް މިއަށް ވުރެ ބޮޑަށް ސިޔާސީ މިނިވަންކަން ފެންނާން ޖެހެ އެވެ.

comment ކޮމެންޓް