އީރާުނުން ޔޫރޭނިޔަމް ފައްކާ ކުރަން ފަށައިފި، ޔޫރަޕާއި އެމެރިކާ ރަތަށް

އީރާނުގެ ނިއުކްލިޔާ މަރުކަޒެއްގައި ރައީސް ހަސަން ރޫހާނީ

ތެހެރާން (ނޮވެމްބަރު 7): އީރާނުން ފުޅާދާއިރާއެއްގައި ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް ފެށުމާ އެކު އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އީރާން ކުށްވެރިކޮށް އެކަމަށް ފާޑުކިޔައިފި އެވެ.

އީރާނުގެ މިއަމަލީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އެގައުމުން ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށްބުނެ އެކަން ހުއްޓާލުމަށް ޖަރުމަނާއި އިނގިރޭސިވިލާތުން ގޮވާލާފައިވާއިރު މިކަން ކުށްވެރި ކުރެއްވުމަށްފަހު މިމައްސަލާގައި އީރާނާ ވާހަކަދައްކާނެކަމަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ މިއީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތަށް އީރާން ދިޔުންކަމަށް ވިދާޅުވެ އެކަން އެމެރިކާއަށް އެއްވެސް ވަރަކަށް ބަލައި ނުގަނެވޭނެކަމަށް ވިދާޅުވެފައެވެ.

އީރާނުންވަނީ ބިމު އަޑީގައި އެގައުމުން ބިނާކޮށްފައިވާ ފޯޑޯ ނިއުކްލިޔާ މަރުކަޒުގައި ޔޫރޭނިޔަމް ފައްކާކުރުމަށް ހަރުކޮށްފައިވާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކަށް "ޔޫރޭނިއަމް ހެކްސާ ފްލޮރައިޑް" ގޭސް އެޅުމުގެމަސައްކަތް ބުދަދުވަހު ފެށިކަން އިއްލާންކޮށްފައެވެ. މިއީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ސެންޓްރިފިއުޖް ތަކަށް އަޅާގޭހެކެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސާލިހީ ވިދާޅުވާގޮތުން ޔޫރޭނިޔަމް ފައްކާ ކުރުމަށްޓަކައި ފޯޑޯ ނިއުކްލިޔާ މަރުކަޒުގައި ނިއުކްލިޔާ ސެންޓްރިފިއުޖް ގެ މުޅިން އައު ޖީލެއްގެ ޒަމާނީ މެޝިންތަކެއް ވަނީ ހަރުކޮށްފައެވެ. އީރާނުން އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާފައިވާ އެމެޝިންތަކަކީ ކުރިން ބޭނުންކުރާ މެޝިންތަކަށްވުރެ 10 ގުނަ އަވަސްމިނުގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ސެންޓްރިފިއުޖް ތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އީރާނުންވަނީ އެގައުމުގެ އެހެން ނިއުކްލިޔާ ރިއެކްޓަރެއް ކަމަށްވާ ނަތަންޒް ނިއުކްލިޔާ މަރުކަޒުގައިވެސް ޔޫރޭނިޔަމް ފައްކާ ކުރުމަށްޓަކައި ސެންޓްރިފިއުޖް ގެ ޒަމާނީ މެޝިންތަކެއް ހަރުކޮށްފައެވެ. މިއީ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން ކުރުން މަނާކަންތައްތަކެއް ނަމަވެސް މިކަންކުރަން އީރާނުން ފެށީ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވުމަށްފަހު އެމެރިކާއިން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އެ އެއްބަސްވުން ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޔޫރަޕްގެ ބޮޑެތި ބާރުތައް ނާކާމިޔާބު ވުމުގެ ސަބަބުން ކަމަށް ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ބިނާވެފައިވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ފަހެއް އިންސައްތައަށްވުރެ ދަށްކޮށް ނިއުކްލިޔާ ގިނަ ހަރަކާތްތަކެއް ދޫކޮށްލުމުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި އެގައުމުތަކުން އިގްތިސާދީ ގޮތުން އީރާނާ ގުޅުންތައް ބަދަހިކޮށް އެއްބާރުލުން ދިނުމުގެ މައްޗަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެފިޔަވަޅުތަކުގެ ގެއްލުން އީރާނުގެ އިގްތިސާދަށް ކުރާއިރު އެމެރިކާގެ ދަތިކުރުމުގެފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދޭނެކަމުގެ ޔަގީންކަން ޔޫރަޕްގެ ބޮޑެތި ބާރުތަކުން ދިންނަމަވެސް އެކަން އަމަލީގޮތުން ކުރުމުގައި އެ ބާރުތައް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އެމެރިކާއާ އިގްތިސާދީ ގޮތުން ކުރިމަތިލެވޭވަރަށްވުރެ އެމެރިކާއިން ޔޫރަޕް އަތްދަށުލައި ޔޫރަޕްގެ އިގްތިސާދު ކޮންޓްރޯލް ކޮށްފައިވާތީއެވެ.

މި މައްސަލާގައި ޔޫރަޕް ފޭލްވުމުން އީރާނުންވަނީ އެގައުމުގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރާ މިންވަރު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅެންފަށާފައެވެ. މި ސިޔާސަތުގެ ދަށުން މިހާތަނަށް ތިން ފަހަރެއްގެ މަތިން އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު އަމަލުތައް ހިންގާފައެވެ. މީގެތެރޭގައި ނިއުކްލިޔާ ރީސާޗްގެ ބައެއް ހަރަކާތްތައް އަލުން ފެށުމާއި ނިއުކްލިޔާ އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކުރަން ފެށުމާ ނިއުކްލިޔާ ސިނާއަތުގައި ބޭނުންކުރާނެ ސާމާނާއި މެޝިންތައް އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދުމުގެ މަސައްކަތް ހިމެނެއެވެ.

ފަރުބަދަތަކުގެ އަޑީގައިވާ ފޯޑޯ ނިއުކްލިޔާ މަރުކަޒުގައި ޔޫރޭނިޔަމް ފައްކާކުރުމަށް ސެންޓްރިފިއުޖް މެޝިންތައް ހަރުކޮށް އެމެޝިންތަކަށް "ޔޫރޭނިއަމް ހެކްސާ ފްލޮރައިޑް" ގޭސް އެޅުމާއި ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގައި ޔޫރޭނިޔަމް ފައްކާ ކުރުމަށްޓަކައި ސެންޓްރިފިއުޖް ގެ ޒަމާނީ މެޝިންތައް ހަރުކުރުމާއި ފަހެއް އިންސައްތަ އަށް ވުރެ މައްޗަށް ޔޫރޭނިއަމް ފައްކާކުރުމަށް އީރާނުން ނިންމި ނިންމުމަކީ ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރާ މިންވަރު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެޅި ފަސްވަނަ ފިޔަވަޅެވެ.

މި ފިޔަވަޅުތައް އެޅިނަމަވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނޫނީ ޔޫރަޕްގެ ބާރުތަކުން ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލައި އީރާނުގެ އިގްތިސާދު ހިމާޔަތްކޮށްދީފިނަމަ މިފިޔަވަޅުތައް އުވާލައި އަލުން ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވާނެކަމަށް ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު ފިޔަވަޅުތައްއަޅަން ޖެހުނީ އެ އެއްބަސްވުމުގައި ވާގޮތަށް އީރާނުގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ޔޫރަޕް ފޭލްވެ އެހެން ގޮތެއް ނެތިގެންކަމަށާ ނިއުކްލިޔާ އެއްބަސްވުމަކީ ހަމައެކަނި އީރާނުގެ ފަރާތުން ހިފަހައްޓަންޖެހޭ އެއްބަސްވުމެއް ނޫންކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ. އަދި އެއްފަރާތުން ނިއުކްލިޔާ އެއްބަސްވުމާ ޚިލާފުވާއިރު އީރާން އެ އެއްބަސްވުމުގައި އަކުރުން އަކުރަށް ހިފަހައްޓައިގެން އޮންނާނެކަމަށް އަނެއް ފަރާތުން ބަލައިގެން ނުވާނެކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު