ހައިކޯޓުގެ އަމުރާއެކު ކްރިކެޓް ކޯޗު ހައްޔަރުކޮށްފި

ގައުމީ ކްރިކެޓު ޓީމުގެ ކޯޗު އާސިފް ޙާން --

ހައިކޯޓުން މިއަދު ނެރުނު އަމުރާއެކު، ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން މިއަދު ހައްޔަރުކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ ގައުމީ ކްރިކެޓް ކޯޗު އާސިފް ޚާން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު ފަސްވަނަ ދުވަހު، ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ 18 އަހަރުން ފަށުގެ ކުދިންތަކެއްގެ އިތުރުން 18 އަހަރުން މަތީގެ ކުޅުންތެރިންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވި ފަހުން ކަމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޮތީ އޭނާގެ ޕާސްޕޯޓު 30 ދުވަހަށް ހިފަހައްޓާފައެވެ.

މި މައްސަލައިގައި، ޖިންސީ ފުރައްސާރަ ކުރިމަތިވި ކުޅުންތެރިންގެ އާއިލާތަކުންވެސް ދިޔައީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.

އާސިފް ޚާން ހައްޔަރުކުރަން ހައިކޯޓުން މިއަދު އަމުރުކުރީ، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ކްރިމިނަލް ކޯޓުގައި އެދުމުން، އެ އަމުރު ނުނެރެދިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއްވެސް ފެންމަތިވެގެން ދިޔަ އެވެ. ނަމަވެސް އެ އެމްބަސީ އިން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އާސިފް ޚާންއަކީ ޕާކިސްތާން ރައްޔިތެއް ނޫން ކަމަށާއި އޭނާއަކީ ދެކުނު އެފްރިކާ މީހެއް ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް