ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމު ޗެންނާއީގައި ކޭމްޕުކުރަނީ

ދިވެހި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއި ސްރީލަންކާ ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ / ކްރިކެޓް ބޯޑް

ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކުރިކެޓު ޓީމަށް އެއް މަސްދުވަހުގެ ޓްރެއިނިންގެ ކޭމްޕެއް ޗެންނާއީގައި ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ އެންބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ދަށުން، އިންޑިއާއިން ރާއްޖޭގެ ކްރިކެޓު ކުރިއެރުވުމަށްޓަކައި އެހީތެރިވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޓްރެއިނިންގް ކޭމްޕުތައް ހަމަޖައްސައިދިނުމަށާއި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ބޭނުންވާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މި އަހަރުގެ ތެރޭ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ރާއްޖެ އައެވެ..

ސަބާ ކަރީމް އޭރު ބުނީ ރާއްޖޭގައި ކުރިކެޓު ކުޅުމަށް ރަނގަޅު ބިންގަލެއް މިހާރުވެސް ބިނާކުރެވިފައިވާ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި މިހާރުވެސް އެކި އުމުރުފުރާތަކަކަށް ހާއްސަ ކޮށްގެން މުބާރާތްތައް ބާއްވަމުން ދިއުމާއި އަންހެން ކުދިންނަށްވެސް ހާއްސަކޮށްގެން ކުރިކެޓު އެސޯސިއޭޝަނެއް ހެދިފައި ވާތީ ކަމަށެވެ.

އަދި ސްޓްރެޖިކް ޕްލޭންގެ ދަށުން އަންނަ މަހު ޗެންނާއީގައި އެއް މަސް ދުވަހުގެ އިންޓެންސް ޓްރެއިނިންގް ކޭމްޕް ކުރުމުގެ އިންތިޒާމު ރާއްޖޭގެ އަންހެން އަަދި ފިރިހެން ކުރިކެޓް ޓީމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން މިއަދު ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމަށްޓަކައި ބޯޑް އޮފް ކޮންޓްރޯލް ފޯރ ކުރިކެޓް އިން އިންޑިއާ (ބީސީސީއައި) ގެ ކޯޗިންގް ޓީމެއް ވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. އެ ޓީމުގެ އެހީތެރިކަމާއެކު މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ދުވަހަށް ލެވެލް ދޭއްގެ ކޯޗިންގް ކޯހެއް މާލޭގައި ކުރިއަށް ގެންދާ އިރު 18 ވަނަ ދުވަހު އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯހެއް ފަށާނެއެވެ.

comment ކޮމެންޓް