ސްޓެލްކޯއިން ކ. ގުރައިދޫގެ ނަރުދަމާއާ ހަވާލުވެ، އާ ފެން ޕްލާންޓެއް ބަހައްޓައިފި

ގުރައިދޫގެ ފެން ޕްލާންޓް ސަރަހައްދު--- ފޮޓޯ: ސްޓެލްކޯ

ކ. ގުރައިދޫގެ ނަރުދަމާގެ ހިދުމަތް ހިންގުމާ ސްޓޭޓް އިލެކްޝަން ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހަވާލުވެ، އަދި އެ ކުންފުނިން އެރަށުގައި ބެހެއްޓި ފެން ޕްލާންޓްގެ ހިދުމަތް އިފްތިތާހްކޮށްފިއެވެ.

ސްޓެލްކޯއިން ގުރައިދޫގެ ނަރުދަމާ ހިންގުމާ ހަވާލުވުމަށާއި އެ ކުންފުނިން ބެހެއްޓި އާ ފެންޕްލާންޓުގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. ރަސްމިއްޔާތުގައި އެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

މީގެ ކުރިން ކ. ގުރައިދޫގެ ނަރުދަމާގެ ނިޒާމު ހިންގަމުން ދިޔައީ އެރަށު ކައުންސިލުންނެވެ.

ދެހާސް ފަނަރަވަނަ އަހަރު އޭރުގެ ސަރުކާރުން ގުރައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރިއެވެ. ނަމަވެސް އޭގެ ފަހުން ތިން އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މުޣުނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ރަށުގައި މިއަދު ބެހެއްޓި އާ ފެން ޕްލާންޓުގައި 100 ޓަނުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި، އާ ޕްލާންޓެއް ބެހެއްޓީ އެ ރަށަށް ބޭނުންވާ ވަރަށް ފެން ނުއުފެއްދޭތީ ކަމަށެވެ. މި ޕްލާންޓު އިންސްޓޯލްކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

ގުރައިދޫގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކުރުން އިފްތިތާހްކުރުމަށް ބޭއްވި ރަސްްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާއާ ގުޅިގެން ގުރައިދޫގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ލޮނުވެފައެވެ. އަދި އޭގެ ފަހުން އެ ރަށުގައި 2017 އިން ފެށިގެން ފެނުގެ ހިދުމަތް ދެމުން ގެންދިޔައީ 30 ޓަނުގެ ދެ ފެން ޕްލާންޓް ބޭނުންކޮށްގެންނެވެ. އެ ދެ ޓަނަކީވެސް ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް ރިސޯޓްއިން ހަދިޔާ ކޮށްފައިވާ ދެ ޕްލާންޓެވެ.

އަދި 2018 ވަނަ އަަހަރު އެމްޑަބްލިއުއެސްސީން ވަނީ ގުރައިދޫގައި ފެނުގެ ނެޓްވާކެއް ގާއިމްކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ ގުރައިދޫގެ ނަރުދަމާއަށް ހަތް މިލިއަން ރުފިޔާގެ ބަޖެޓު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ނަރުދަމާގެ މަސައްކަތާ ހަވާލުވުމުން އެކަންތައްތައް ވަރަށް ގާތުން ބަލައި ރައްޔިތުންނަށް ދަތިނުވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.

ގުރައިދޫގެ ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށްދެނީ ސްޓެލްކޯއެވެ. ފެނާއި ނަރުދަމާގެ ހިދުމަތްވެސް ސްޓެލްކޯގެ ދަށަށް ބަދަލުވުމާއެކު، ތިން ޔުޓިލިޓީ ހިދުމަތް އެރަށުގައި ދޭނީ ސްޓެލްކޯއިންނެވެ.

comment ކޮމެންޓް