ފްލައި މީގެ ހަތަރުވަނަ ބޯޓު ގެނެސް އޮޕަރޭޝަންތައް ފުޅާކުރަނީ

ފްލައިމީން މިއަދު ގެނައި ބޯޓު. މިއީ އެ އެއާލައިންގެ ފްލީޓަށް އިތުރުވާ ހަތަރުވަނަ އެއާކްރާފްޓް-- ފޮޓޯ/ ފްލައިމީ

ވިލާ އެއާއިން ހިންގާ ފްލައިމީއިން އާ ބޯޓެއް ރާއްޖެއަށް ގެނެސްފި އެވެ.

އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

އޭޓީއާރް 600-72 މަރުކާގެ އެ ބޯޓަކީ 29 އިންޗީގެ ސީޓް ޕިޗް (ދެ ސީޓުގެ ދެމެދުގައި ހުންނަ ހުސް ޖާގަ) އެއް ހިމެނޭ، 72 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ވިލާއެއާގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އަލަށް ގެނައި ބޯޓު، އެ އެއާލައިނުން މިހާރު ކުރިއަށްގެންދާ ކޮމާޝަލް އޮޕަރޭޝަންތަކާއި އަލަށް ފަށާ އޮޕަރޭޝަންތަކުގައި ވެސް ބޭނުންކުރާނެ ކަމަށެވެ.

ކައިރި މުސްތަގުބަލެއްގައި ފްލައިމީގެ ދަތުރުތައް އިފުރު އެއާޕޯޓަށްފަށާނެ ކަމަށް އެ އެކުންފުނިން ބުނެ އެވެ. އަދި މާފަރު އެއާޕޯޓް ހުޅުވުމުން މާފަރަށް ވެސް އެ އެއާލައިންގެ ދަތުރުތައް ފަށާނެ ކަމަށް ފްލައިމީން ބުނެ އެވެ.

ފްލައިމީން މިއަދު ގެނައި ބޯޓަކީ އެ އެއާލައިނުން މުޅިން އަލަށް ގެނައި ތިންވަނަ ބޯޓެވެ. އަލަށް ގެނައި ބޯޓާއެކު ފްލައިމީގެ ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރާ އެއާކްރާފްޓް ފްލީޓު ވަނީ ހަތަރު އެއާކްރާފްޓަށް އިތުރުވެފަ އެވެ.

comment ކޮމެންޓް