މަޖިލިސް ސްކޫލާއި ޕްރިފެކްޓް ޖާބިރަށް ސަމާލުކަން

ކޮންމެ ހަފްތާއެއްގައި ސޯޝަލް މީޑިއާ ޓްރެންޑުތަކުގައި ސިޔާސީ ވާހަކައެއް ހިމެނޭނެ އެވެ. ނަމަވެސް މިހަފްތާގެ ޓްރެންޑުތަކުގައި ހިމެނެނީ ހުސް ސިޔާސީ ވާހަކަތަކެވެ. ޕްރިފެކްޓު ޔުނީފޯމުން ފެށިގެން މި ހަފްތާގެ ޓްރެންޑުތަކުން ފެންނަނީ ރައްޔިތުންގެ މަޖިލިސް ސުކޫލަކަށް ބަދަލުވެފައިވާ މަންޒަރެވެ.

މެމްބަރު ޖާބިރަކީ މަޖިލިސް ޕްރީފެކްޓް

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިންނަވާފައިވަނީ ހުދު ކުލައިގެ ކޯޓަކާއި ފަޓުލޫނެއް ތުރުކުރައްވައިގެންނެވެ. ވަގުތުން ހުރިހާ އެންމެންގެ ނަޒަރު ހުއްޓުނީ ޖާބިރުގެ "ފެޝަން ސެންސް"އަށެވެ.

މެމްބަރު ޖާބިރުގެ ހެދުން އެޅުއްވުމުގައި ގެންގުޅުއްވާ ސްޓައިލަށް މީގެކުރީންވެސް ތަފާތު ވާހަކަ ދެކެވެ އެވެ. މަޖިލީހުގެ ރައީސް ނަންގަވާފައި ހަމައެކަނި ކޯޓް ފަޓުލޫނުގައި މަޖިލީހަށް ވަޑައިގަންނަވާ މެންބަރަކީ ޖާބިރެވެ. އަދި ހާއްސަކޮށް އާންމުކޮށް މީހުން ތުރު ނުކުރައްވާ ކުލަކުލައިގެ ކޯޓް ފަޓުލޫން ތުރު ކުރައްވަ އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގައި ޖާބިރު ހުސް ހުދު ސޫޓްގައި ޖަލްސާއަށް ވަޑައިގަތުމުން އެތައް ބަޔަކަށް ސިފަވީ ޖާބިރަކީ މަޖިލިސް ސްކޫލްގެ ޕްރިފެކްޓް ކަމަށެވެ. އޭނާގެ ވާހަކަތައް ވެސް މިދިޔަ ހަފްތާ މުޅީން ބައްޓަން ކުރެއްވީ ސިޔާސީ ބޭފުޅުންނަށް ތުހުމަތުތައް ކުރައްވައި އެކަންކަން ތިލަކުރެއްވުމަށެވެ.

އެޑިއުކޭޝަން މިނިސްޓަރަށް އޭ ސްޓާ ވެސް!

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާޒިރު ކުރީ ޓީޗަރުންގެ މުސާރަޔާ ގުޅޭ ގޮތުން ސުވާލު ކުރާށެވެ.

މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި ގޮތާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރަށް ތައުރީފް ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަވާބުތައް ވަރަށް ތަފްސީލުކަމަށާއި ޖަވާބުދާރީވެވަޑައިގަތީ އިތުބާރާއެކު މައުލޫމާތު ލިބިވަޑައިގެން ހުންނަވާ ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އިއްޒަތްތެރި ވަޒީރަށް އަޅުގަނޑު އަރުވަން،" ރައީސް ނަޝީދު ޖަލްސާގައި ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެކި ފަރާތްތަކުގެ ހިޔާލުތައް ތަފާތެވެ. އެއްބަޔަކު މިނިސްޓަރުގެ ބައެއް ވާހަކަތަށް ފާޑުކީއިރު، އަނެއް ބަޔަކު ވަނީ މިނިސްޓަރަށް ތައުރީފް ވެސް ކޮށްފަ އެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅަށް އޭ ސްޓާއެއް ލިބުން ހަމަ ހައްގު ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި އޭސްޓާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ވަނީ އެކަމަނާއަށް ހަފްލާއެއް ބާއްވައި ކޭކުވެސް ފަޅައިފަ އެވެ. އެކަމަށް ވެސް މީހުން ފާޑުކިޔެވެ.

ސްކޫލުގެ އަދަބުތައް މެންބަރު ޓޮމް އަށް!

މިދިޔަ އަންގާރަ ދުވަހަކީ މަޖިލީހުގެ ޖަލްސާގައި ވަރަށް ހެޕަނިން ދުވަހެކެވެ. އެއިން އެއް ކަމަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި އަަދަބުތަކެވެ.

މަޖިލީހުގައި ދުންމާރި ފުމެ، އަޑުގަދަކުރުމުގެ ސަބަބުން ތޯރިގުގެ ނަން އިވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް ރިޔާސަތުން ވަނީ އަންގައިފަ އެވެ. ނަމަވެސް ތޯރިގު އެކަމަށް ދެއްވީ ބީރު ކަންފަތެކެވެ.

އެހާ ހިސާބުން ނަޝީދު ވަނީ ތޯރިގް މަޖިލީހުން ނުކުތުމަށް އަންގަވައި ތޯރިގުގެ އަތުގައި އޮތް ދުންމާރި އަތުލައި މަޖިލީހުގެ އިދާރާއާ ހަވާޅު ކުރުމަށް ސާޖަންޓް އެޓް އާމްސް އަށް އަންގަވައިފަ އެވެ.

އަދި ތަޅުމުން ބޭރަށް ގޮސް، ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން ތޯރިގަށް ވަނީ އަންގައިފަ އެވެ.

"ތިބޭފުޅާ ބޭރަށް ނުކުމެ ހުންނަވާނީ ފާރަށް މޫނު ލައިގެން ކޮޅަށް،" ނަޝީދު އެންގެވިއެވެ. މީގެ އިތުރުން އޭގެ ކުރީ ދުވަހުގެ އިހުތިޖާޖުގެ ތެރެއިން ތޯރިގަށް ރައީސް ނަޝީދު ދެއްވި އަދަބަކީ، "ދެން މަޖިލީހުގައި އަޅުގަނޑު ކަށިގަނޑު ނުފުމޭނަން" މިގޮތަށް 100 ފަހަރު ލިޔުމެވެ.

އެކަމާ ގުޅިގެން މީހުން ދަނީ ތަފާތު ގިނަ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ގިނަ ބަޔަކު ގޮވަމުން ދިޔައީ އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށެވެ. އެއީ ކުރީ ޒަމާނުގައި އެދުރު މީހާ ދަރިވަރަށް ދޭ އަދަބުތައް މަޖިލިސް ފަދަ ސީރިއަސްތަނަކާ ނުގުޅޭ ކަމަށެވެ. އަދި އެއީ އިންސާނިއްޔަތާ ހިލާފު އަދަބުތަކެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އަދި ހަމައެފަދައިން ޓޮމް އަށް އެގޮތަށް ފިޔަވަޅު އެޅުން މަޖިލިސް ގަވާއިދު ތަން ނުދޭ ކަމަށް ވެސް ބައެއް މީހުން ދެކުނެވެ.

ކޮންމެ އަކަސް، މި ހަފްތާ ނިންމާލަން މިޖެހުނީ މަޖިލިސް ސްކޫލާއި އެތަނުގެ ޕްރިފެކްޓްގެ ވާހަކައިން އެވެ.

comment ކޮމެންޓް