ނަވާޒް ޝަރީފް ހޮސްޕިޓަލުން ގެޔަށް ބަދަލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ނޮވެމްބަރު 7): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ގެޔަށް ބަދަލުކޮށްފި އެވެ.

މިދިޔަ މަހުގެ 22ގައި ނަވާޒް ޝަރީފަށް ލާހޯރުގެ ސާވިސެސް ހޮސްޕިޓަލުން ފަރުވާ ދޭން ފެށީ އޭނާގެ ޕްލޭޓްލެޓް ލެވެލް ވަރަށް ބޮޑަށް ދަށްވެ، ހާލު ގޯސްވުމުންނެވެ. އޭގެ ފަހުން އޭނާއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށްވެސް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

ޕާކިސްތާނުގައި ތިން ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝަރީފްގެ މައްޗަށް ވަނީ މިދިޔަ އަހަރު ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ނަމަވެސް މިދިޔަ މަހު ކޯޓުން ވަނީ ޝަރީފްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އޭނާ ކަފާލާތުގެ ދަށުން އަށް ހަފްތާއަށް ދޫކޮށްލަން ނިންމާފަ އެވެ.

ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީން ބުނި ގޮތުގައި އޭނާއަށް ފަރުވާ ދިނުމަށް އޭނާގެ ގޭގައި ވަނީ ހާއްސަ އިންޓެންސިވް ކެޔާ ޔުނިޓެއް ގާއިމުކޮށްފަ އެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން ހެދި އެ އައިސީޔޫއިން ޝަރީފަށް ފަރުވާ ދެމުންދާނެ އެވެ.

މީގެ އިތުރުން ޝަރީފަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ އޭނާ އިތުރު ފަރުވާއަށް ގައުމުން ބޭރަށް ގެންދިޔުމަށް ލަފާ ދީފަ އެވެ.

ދެހާސްސަތާރަ ވަނަ އަހަރު ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރީ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް ޝަރީފް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

comment ކޮމެންޓް