ސައޫދީން ޔަމަންގެ ހޫޘީންނާ ސުލްހައިގެ ވާހަކަތައް ފަށައިފި

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ޔަމަންގެ ރައީސް މަންސޫރު ހާދީ

ރިޔާދު (ނޮވެމްބަރު 6) : ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްޙަ ގެނައުމަށްޓަކައި އެގައުމުގެ ބާރުގަދަ ހޫޘީ ޖަމާއަތާ ވާހަކަ ދައްކަމުން ގެންދާކަމަށް ސައޫދީ އަރަބިއާއިން ބުނެފިއެވެ.

ނަން ހާމަކުރަންނޭދޭ ސައޫދީ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން ސައޫދީ ސަރުކާރުންވަނީ ހޫތީންނާއެކު ސުލްހައިގެ ވާހަކަ ދައްކާނެ ޗެނެލްއެއް 2016 ވަނަ އަހަރުން ފެށިގެން ހުޅުވާފައެވެ. އަދި ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ޔަމަންގައި ސުލްހަ ގާއިމްކުރުމަށް މަޝްވަރާތައް އެޗެނެލް މެދުވެރިކޮށް މިހާރުވެސް ހޫޘީންނާ ވާހަކަތައް ކުރިޔަށް ގެންދާކަން ސައޫދީ މަސްއޫލުވެރިއާ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ތަފްސީލެއް ސައޫދީ މަސްއޫލުވެރިއާ ދެއްވާފައެއް ނުވެއެވެ.

ސައުދީ މަސްއޫލުވެރިޔާ މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ މީގެ ދެ މަސްކުރިން ހޫޘީން ސައޫދީ ތެލުގެ މަރުކަޒުތަކަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދިނުމާއެކު ސައޫދީން ޔަމަނަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް މައިތިރިވެފައިވާ ދަނޑިވަޅެއްގައެވެ. ހޫޘީން ސައޫދީ އަރަމްކޯގެ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކުގައި ސައޫދީ ތެލުގެ އުފެއްދުން ދެބައިކުޅަ އެއްބައަށް ދަށަށްގޮސް އެ ސިނާއަތަށް ވަނީ ވަރުގަދަ ލޮޅުމެއް އަރާފައެވެ.

ސައޫދީން ޔަމަނަށް އިތުރު ހަމަލާތައް ދޭނަމަ ސައޫދީގެ ހައްސާސް އިތުރުތަންތަނަށް އެފަދަ ހަމަލާތައް ދޭނެކަމުގެ އިންޒާރުވެސް ހޫޘީންވަނީ ދީފައެވެ. ޙޫޘިންގެ އަމާޒުގައިވާ ސައޫދީގެ ޙައްސާސް މަރުކަޒުތަކުގެ ތެރޭގައި ސައޫދީއަށް ބޭނުންވާ ފެންއުފައްދާ ޑެސިލިނޭޝަން ޕްލާންޓްތަކާއި ޕެޓްރޯކެމިކަލް މަރުކަޒުތަކުގެ އިތުރުން ކަރަންޓް އުފައްދާ މަރުކަޒުތައް ހިމެނުން އެކަށީގެންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޫޘީންގެ ތަރްޖަމާން ޔަހްޔާ ސަރީޢު

އަނެއްކޮޅުން ސައޫދީ ސަރުކާރުގެ ބެލުމުގެ ދަށުން ރިޔާޒްގައި މިއަދުވަނީ ޔަމަނުގެ ދެކުނުގެ ސަރަހައްދުތަކުގައި ވަކި ދައުލަތެއް ގާއިމުކުރަން މަސައްކަތްކުރާ ހަނގުރާމަވެރިންނާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިރަސްމިއްޔާތުގައި ހާދީއާއި، ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ އިތުރުން ޔޫއޭއީގެ ވަލީއުލްއަހްދު މުޙައްމަދު ބިން ޒާޔިދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޔަމަންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހޫޘީން 2015 ވަނައަހަރު ވެރިރަށް ސަންއާ ހިފައި ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމުން ރައީސް ހާދީ ވަނީ ޙޫޘިންނަށް ފިއްލަވައިގެން ސައޫދީ އަށް ވަޑައިގެން އެގައުމުގެ މަދަދު ހޯއްދަވާފައެވެ. މިއާއެކު ހޫޘީން ގެ އަތްދަށުން ޔަމަން މިނިވަންކޮށް ރައީސް ހާދީގެ ސަރުކާރާ ޔަމަންގެ ވެރިކަން ހަވާލުކުރުމުގެ ނަމުގައި ޔޫއޭއީ އާ ގުޅިގެން ސައޫދީން ވަނީ އެއަހަރުގެ މާޗްމަހު ހޫތީންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާފައެވެ.

އެ ހަނގުރާމައިގާ ސައޫދީއާއި ޔޫއޭއީ ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ ބޮޑުބައެއް ހަލާކުވެ އިންފްރާސްޓްރަކްޗާ ފުނޑުފުނޑުވެފައިވާއިރު ޔަމަންގެ ރައްޔިތުންގެ 70،000 މީހުން މަރުވެ އެތަށް ހާސްބަޔަކުވަނީ ޒަޚަމްވެފައެވެ. އަދި ޔަމަންގެ 25 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުންވަނީ ބަނޑަށްޖެހިފައެވެ. ނަމަވެސް ހޫޘީން ބަލިކޮށް އެޖަމާއަތުން ޔަމަންގައިކުރާ ވެރިކަން ވައްޓާލުމުގައާއި ހާދީގެ ވެރިކަން އަލުން އަނބުރައި ރުޖޫއަކުރުމުގައި ސައޫދީއާއި ޔޫއޭއީ ވަނީ ނާކާމިޔާބުވެފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް