އުލިގަމުގައި އާ އިންޖީނުގެއެއް އަޅަން ހަވާލުކޮށްފި

ހއ. އުލިގަމުގައި އާ އިންޖީނުގެއެއް އެޅުމަށް ފެނަކައިން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފެނަކަ

ހއ. އުލިގަމުގައި ފެނަކައިން އާ އިންޖީނުގެއެއް އަޅަން 5.6 މިލިއަނަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ. އަދި ޓޫއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިބްރާހިމް ރަޝީދެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 170 ދުވަހުން ނިންމާގޮތަށެވެ. އަދި މިމަހު 13 ވަނަ ދުވަހު މަސައްކަތް ފަށަން ޖެހޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ފެނަކައިގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އާ އިންޖީނުގެއާއެކު އެރަށުގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑްކޮށް އޮފީސް އިމާރާތަކާއި ޑީސަލް ސްޓޯކުރެވޭނެގޮތްވެސް ހަދާނެ ކަމަށެވެ.

އެ އިންޖީނުގެއިން އެއް މެގަވޯޓަށް ވުރެ ގިނައިން ކަރަންޓު އުފައްދާނެކަމަށާއި އަދި ދުމުގެ އަސަރު މަދުކޮށް އިންޖީނުގެއިން އިވޭ އަޑުވެސް މަޑުވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 500 އެއްހާ މީހުން ދިރިއުޅޭ އުލިގަމުގެ އިންޖީނުގޭގެ މިވަގުތު ކެޕޭސިޓީއަކީ 336 ކިލޯވޮޓެވެ.

comment ކޮމެންޓް