ރައީސް ނަޝީދު އޭ ސްޓާ ދެއްވުމުން އެޑިއުކޭޝަން މިނިސްޓްރީގައި ކޭކު ފަޅައިފި

އެޑިއުކޭޝަން މިނިސްޓަރަށް މަޖިލީހުގެ ރައީސް އޭ ސްޓާއެއް ދެއްވުމުން އެ މިނިސްޓްރީގެ އިސްވެރިން މިއަދު އުފާ ފާޅުކުރަނީ -- ފޮޓޯ/ އަހްމަދު ރިޔާޒް (ޓްވިޓާ)

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުންގެ ސުވަލުތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވި ކަމަށާއި މިނިސްޓަރަށް "އޭ ސްޓާ"އެއް ދެއްވާކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އުފާ ފާޅުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ހެނދުނު މަޖިލީހަށް ވަޑައިގެންނެވީ ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރައްވާ ސުވާލަކަށް ޖަވާބުދެއްވުމަށެވެ. އަދި އެއަށްފަހު ތައުލީމީ ދާއިރާއާ ބެހޭގޮތުން އެހެން މެމްބަރުންވެސް ކުރެއްވި އެކިއެކި ސުވަލުތަކަށް މިނިސްޓަރު ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވި އެވެ.

މިނިސްޓަރުގެ ޖަވާބުތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޖަވާބުތައް ވަރަށް ތަފްސީލުކަމަށާއި ޖަވާބުދާރީވެވަޑައިގަތީ އިތުބާރާއެކު މައުލޫމާތު ލިބިވަޑައިގެން ހުންނަވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އިއްޒަތްތެރި ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އިއްޒަތްތެރި ވަޒީރަށް އަޅުގަނޑު އަރުވަން،" ރައީސް ނަޝީދު ޖަލްސާގައި ވިދާޅުވި އެވެ.

މިނިސްޓަރު ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވިކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓަކަށް ރިޕްލައިކުރައްވަމުން، ސްޓޭޓު މިނިސްޓަރު އަހްމަދު ރިޔާޒް ވަނީ "މިއަދު އަހަރެމެން އުފާ ފާޅުކުރަން"ކަމަށް ވިދާޅުވެ، މިނިސްޓްރީގައި އެކަން ފާހަގަކުރި ފޮޓޯއެއް އާންމުކުރައްވާފަ އެވެ.

އެ ފޮޓޯގައި ފެންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން އިސްވެރިން ވަޒީރަށް މަރުހަބާކިޔުމަށް މަރުހަބާ ޖަހާފައިވާ ބޯޑަކާއި މާބޮނޑިއަކާއި ކޭކެއް އަދި ގިފްޓް ޕެކެއް ހިފައިގެން ތިބޭ މަންޒަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ އިތުރުން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އިސްލާހުކޮށްފައި ޕޭ ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ އިތުރުން، މަސައްކަތް ކުރަން ޖެހޭ މާހައުލަކީ އެންމެ ހިތްގައިމު މާހައުލަކަށް ނުވާތީ ކަމަށެވެ.

https://sun.mv/126912

ނަމަވެސް އަންނަ އަހަރު މުދައްރިސުންގެ މުސާރައަށް ރަނގަޅު ގޮތްތަކެއް ހަދައިދިނުމަށް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން އިންސާފުވެރި ގޮތަކަށް މުސާރައިގެ އޮނިގަނޑުތައް ފަރުމާކޮށް އެ އޮނިގަނޑުތައް ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ހަމައެއާއެކު ތައުލީމީ ދާއިރާއަށް ނުކުންނަ މީހުން އިތުރު ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ރާވަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މިއަދު މިނިސްޓަރު މަޖިލީހަށް ވަޑައިގެންފައިވަނީ މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

comment ކޮމެންޓް