ހަތް އަހަރަށް ފަހު ޕަބްލިކް ހެލްތް ފަންޑު ލޯންޗްކޮށްފި

ހެލްތު މިނިސްޓަރު ޕަބްލިކް ހެލްތު ފަންޑް ލޯންޗްކޮށްދެއްވަނީ---- ފޮޓޯ: ހެލްތު މިނިސްޓްރީ

ދެހާސްބާރަ ވަނަ އަހަރު އާންމު ސިއްހަތުގެ ގާނޫނުގެ ތަންފީޒުކުރަން ފެށުމާއެކު ގާއިމްކުރަން ލާޒިމްކޮށްފައި އޮތް ޕަބްލިކް ހެލްތު ފަންޑު މިއަދު ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

މިއަދު މެންދުރު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑް ލޯންޗްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ޕަބްލިކް ހެލްތު ފަންޑު ކުރިން އުފައްދާފައި ހުރި ނަމަވެސް އެ ފަންޑަށް މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް އާންމު ސިއްހީ އެކިއެކިކަންކަމަށް ފައިސާ ހަރަދުކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. އެ ފަންޑަށް މި ހުރިހާ ދުވަހު ފައިސާ ޖަމާނުކޮށް ހުރި ސީދާ ސަަބަބު ހެލްތު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެ ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ބައްޔެއް ވެގެން ނުވަތަ އެ ބައްޔަށް ފަރުވާ ދިނުމަށް ނުވަތަ ބަލިމަޑުކަމެއް މެދުވެރިނުވާނެގޮތަށް ހެދުމަށް މަސައްކަތްކޮށް އާންމު ސިއްހަތު ދަމަހައްޓައި ބަލިމަޑުކަމުން ރައްކާތެރިވެތިބުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމާއި ދިވެހިންނަކީ އާންމު ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުން އެ ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

comment ކޮމެންޓް