ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ، ސްޕެއިންގެ ބާސެލޯނާއާއި ޗެކު ރިޕަބްލިކުގެ ސްލާވިއާ ޕްރާގްއާ ބައްދަލު ކުރި މެޗު އެއްވަރުވި ނަމަވެސް އެކަމާ ހާސްވުމެއް ނެތް ކަމަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
ބާސެލޯނާގެ، ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗު 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ އޮތީ އަދިވެސް ގުރޫޕް ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓާ އެކު އެވެ. ދެވަނައިގަ އޮތް ބުރޮޝިޔާ ޑޮޓްމަންޑަށް ހަތް ޕޮއިންޓް ލިބޭ އިރު ތިންވަނައިގަ އޮތް އިންޓަ މިލާނަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ރޭގެ މެޗުން ބާސެލޯނާ ހިފެހެއްޓި ޕްރާގްއަށް މިހާތަނަށް ލިބުނީ ދެ ޕޮއިންޓެވެ.
ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮތް އިރު އޭގެ ތެރެއިން އެއް މެޗުން މޮޅު ވެގެން ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ލިބޭނެ އެވެ. ނަމަވެސް އެ ދެ މެޗުގައި ވެސް ބާސެލޯނާ ބައްދަލު ކުރަން ޖެހޭނީ މިވަގުތު ރަނގަޅު ފޯމުގައި އޮތް އިންޓަ އަދި ޑޮޓްމަންޑާއި ކަމުން ބާސެލޯނާއަށް ޕްރެޝަރު ބޮޑެެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ލެވަންޓޭ އަތުން ބަލިވެފައި އޮތުމުން ސަޕޯޓަރުންގެ ނުރުހުން ވަނީ ޓީމުގެ ކޯޗަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ރޭގެ މެޗަށް ބާސެލޯނާއިން ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް އެ ޓީމުގެ ސްޓްރައިކަރު ލުއިސް ސުއަރޭޒް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. ބަދަލުގައި އުސްމާން ޑެމްބޭލޭ ހިމަނައިގެން އެ ޓީމުން ކުޅުނު ނަމަވެސް އެ މެޗުގައި އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
ފުރަތަމަ ހާފުގެ ތެރޭގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ހުރަސް ދަނޑިއާ އަމާޒުވެފަ އެވެ. އޭގެ ފަހުން ދެވަނަ ހާފުގައި އޭނާ ޖައްސާލި ޕާހަކުން އާތޫރޯ ވިދާލް ވަނީ ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ. އެ މެޗުގައި އިދިކޮޅު ޓީމުން ވެސް ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ފެނުނީ ހަމަހަމަ ކުޅުމެކެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުނީ، ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ގޯސް ކަމަށެވެ. އަދި އެކަމުގެ ޕްރެޝަރު ޓީމަށް ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށެވެ.
"ސަޕޯޓަރުންގެ ފަރާތުން ނުރުހުން އައުމަކީ އާއްމު ކަމެއް. އެއީ މައްސަލައެއް ނޫން. ޓީމަށް ޑިމާންޑް ކުރުން އޯކޭ." ވަލްވާޑޭ ބުންޏެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ޑޮޓްމަންޑާއި އިންޓާ ކުޅުނު ވާދަވެރި މެޗު ނިމުނީ 2-3 ގެ ނަތީޖާއަކިުން ޑޮޓްމަންޑު ކުރި ހޯދައިގެންނެވެ. އެ މެޗުން ޑޮޓްމަންޑް މޮޅުވީ އިންޓާ ދެ ގޯލު ޖަހާފައި އޮއްވާ ފަހަތުން އަރައެވެ.
އިންޓަގެ ލޮޓާރޯ މާޓިނޭޒާއި މެތިއަސް ވެޗީނޯ ފުރަތަމަ ހާފުގައި ލީޑު ނަގާފައި ވަނިކޮށް ޑޯޓްމަންޑް ފަހަރުން އަރައި މޮޅުވީ ދެ ވަނަ ހާފުގައި، އަޝްރަފް ހަކީމީ ޖެހި ދެ ގޯލާއި ޖޫލިއަން ބްރާންޓް ޖެހި ގޯލުންނެވެ.