އެމްޑީޕީއަށް ބަޖެޓު ކަމަކު ނުދިޔަ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުމަށްޓަކައި ކުރައްވާ ކަންކަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓު، އެމަނިކުފާނުގެ ޕާޓީ އެމްޑީޕީގެ މެމްބަރުންނަށް ކަމަކު ނުދިޔަކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމަށް އޮތް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ "ރާއްޖެތެރޭ ބޭފުޅަކު" ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވުމުން އެ މަގާމުން އެމަނިކުފާނު ބޭރުކުރުމަށް "އެ ޕާޓީ" ތެރެއިން ބަޔަކު މަސައްކަތްކުރާތަން ފެންނަމުންދާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި، އެތެރެއިންނާއި ބޭރުންވެސް. މިއީ ކޮންފަދަ ކަމެއްތޯ؟" ގާސިމް މިރޭ ޖަލްސާގައި އެއްސެވިއެވެ.

ގާސިމް ވިދާޅުވީ އޭނާވެސް ހިމެނޭ ގޮތަށް ގިނަ ބަޔަކު މަސައްކަތްކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށްފަހު، އޭރު އަނިޔާތަކެއް ލިބެމުން ދިޔަ އެންމެން މިހާރު ވަނީ އަނިޔާއިން ސަލާމަތްވެފައި ކަމަށެވެ. އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ ވައުދުތައް ފުއްދުމާ ދިމާލަށް ދިއުމުން "ލަސްވެގެން" ޝަކުވާ ކުރާ ކަމަށެވެ.

"އަނިޔާ ލިބެމުން ދިޔަ ހުރިހާ އެންމެން އެ އަނިޔާތަކުން ސަލާމަތްވެ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމާ ދިމާލަށް ދާއިރު. ލަސްވެގެންނޯ. މިހަރު 37 ބިލިއަން ރުފިޔާއަށް ބަޖެޓު ހުށަހެޅީމަވެސް ކަމަކު ނުދިޔަ. 20 ބިލިއަން ރުފިޔާވެސް ލިބުނީމަ ކަމަކު ނުދިޔަ،"

ގާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގެ 27 ވަނަ އަހަރުގައި، 2005 ވަނަ އަހަރު އޭނާއަށް ފިނޭންސް މިނިސްޓަރުކަން ލިބިގެން ހުށަހެޅީ ފަސް ބިލިއަން ރުފިޔާގެ ބެލެންސްޑް ބަޖެޓެއް ކަމަށެވެ. އަދި 2007 ގައި 12 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ކަމަށެވެ.

އޭރު މަޖިލީހުގައި ބަޖެޓު ފާސްކުރުމާ ދެކޮޅަށް އަޑު އުފުލަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީން އޭރު ހިންގެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭރު ރާއްޖޭގެ ދަރަނި ހުރީ ހަ ބިލިއަން ރުފިޔާގައި ކަމަށާއި މިހާރު އެ އަދަދު ހުރީ ގާތްގަނޑަކަށް 70 ބިލިއަން ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި އެހެން ކަންކަން ހާސިލުވާ ކަމަށާއި، ކަން ކުރަންޖެހޭ ގޮތަކީ އެއީ ކަމަށް ގާސިމް ވިދާޅުވިއެވެ.. އަދި ރާއްޖޭގެ އާބާދީއާއި ރައްޔިތުންގެ ބޭނުންތައް ހަލުއިކޮށް އިތުރުވަމުންދާ އިރު، ރައްޔިތުން ނިކަމެތި ހާލަތުގައި ތިބެން ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައި ހުރި ވައުދުތައް ފުއްދެވުމަށްޓަކައި އެމަނިކުފާނު 37 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހެޅުއްވީމާ އެމްޑީޕީ ބޭފުޅުން ކަންބޮޑުވެއްޖެ. ކީކޭތޯ ބުނާނީ،" މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ޖަލްސާގައި ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މީގައި ބަޔަކު ބޭނުންވެގެން އުޅެނީ ކަންކަން "ސްލޯ"ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ހާސިލުވިޔަ ނުދޭން ކަމަށެވެ.

"މި ބޭނުންވެގެން އުޅެނީ ކޮން ކަމެއްތޯ. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައި ހުރި ވައުދުތައް ހާސިލުވެދިޔަ ނުދީ ސަރުކާރުގެ މަސައްކަތްކުރުން ސްލޯއޭ މާ ލަހޭ ކިޔައިގެން ތަޅުވާ ފޮޅުވާ ހަދައިގެންވެސް، ގަހެއްގައި އިންނަ އަނބެއް ބިނދެލާހެން ރައީސުލްޖުމްހޫރިއްޔާ ވައްޓާލަން. ބަލަ އެހެނެއް އެކަމެއް ނުކުރެވޭނެ އިނގޭތޯ،"

އަދި ދިވެހިރާއްޖޭގައި ރައީސަކު ހޮވަކީ ފަސް އަހަރު ދުވަހަށް ކަމަށާއި އެކަމަކު އަމިއްލައަށް އިސްތިއުފާ ދީފިއްޔާ ދެން ކުރާނެ ކަމެއް ނެތް ކަމަށެވެ.

ނަމަވެސް މިހާރު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް އެންމެންނަށް އިންސާފުވެރިކޮށް ކަންކަން ކުރާ މަންޒަރު ކަމަށެވެ. އަދި ހަމަޖެހޭ ތަރުތީބަކުން، ލިޔެވިގެން ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރެވެމުންދާތަންވެސް ފެންނަމުން ދާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް