ސްޓެމް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

ސްޓެމް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސުމަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)އާ ގުޅޭގޮތުން "ސްޓެމް ފެސްޓިވަލް 2019"ގެ ނަމުގައި ބާއްވާ ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރުދޫ ހަމަޖައްސައިފިއެވެ.

އަންހެނުން ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރިކޮށް ބާރުވެރިކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާ "ވިމެން އިން ޓެކް މޯލްޑިވްސްް"އިން ކުރިއަށް ގެންދާ އެ ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ މި ހަފްތާ ބަންދުގެ ތެރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އުރީދޫގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޑިޖިޓަލް ޕާޓްނާ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައޮ ސޮއިކުރެއްވީ އެންޖީއޯ ގެ ރައީސް ހަފްސަތު އަލީމެވެ.

ސްޓެމް ފެސްޓްއަކީ ކޮމިއުނިކޭޝަން މިނިސްޓްރީން އެންޑޯސްކޮށްފައިވާ އިވެންޓެކެވެ. އެ ފެސްޓިވަލްގައި ސްޓެމް އޭރިއާ ގުޅުންހުރި 19 އެގްޒިބިޓަރުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ކޯޕޮރޭޝަންތަކާއި، ޔުނިވަރސިޓީ، އަދި ގިނަ ސްޓާޓްއަޕްތަކެއް ހިމެނެއެވެ.

އެ ފެސްޓިވަލްގައި ދައްކާލެވޭ އުފެއްދުންތަކާއި ސަރވިސްތަކުގެ ހިމެނޭ ބައެއް ދާއިރާތަކަކީ އިދާރާތަކުންދޭ ޑިޖިޓަލް ސަރވިސަސްއާއި، ގޭމް ޑިވެލޮޕްމަންޓާއި، މެރިން ސައިންސްއާއި، ޑިޖިޓަލް ސެކިޔުރިޓީ، އަދި ޚިދުމަތްދިނުން ފަސޭހަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަކެއް ހިމެނޭނެއެވެ. އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކަކީ މީރާ، އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންސް، އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ، މޯލްޑިވްސް ޕޮލިޓެކްނިކް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯތައް ހިމެނެއެވެ.

އެކްޒިބިޓަރސްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެ ޓްވިޓަރ އަދި ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

comment ކޮމެންޓް