ބަޖެޓު ކޮމިޓީގެ މުގައްރިރާއި ނައިބުކަމަށް ނާޝިޒާއި ބިގޭ

2020 ގެ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ހޮވި ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒު (ކ) އަދި ނައިބަކަށް ހޮވި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ---

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރަރަކަށް އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހަމަޖައްސައިފިއެވެ.

ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާ ވަގުތީ ކޮމިޓީންނެވެ.

2020 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީގެ މުގައްރިރާއި ނައިބުކަމަށް ނާޝިޒް އަދި ބިގޭ ހަމަޖައްސަވާފައެވެ. ނާޝިޒްއަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. އަދި މުހައްމަދު ރަޝީދު ހުސައިނަކީ އިގްތިސާދީ ކޮމިޓީގެ މުގައްރިރެވެ.

މި ބައްދަލުވުމުގައި ކޮމިޓީ ހިންގާ ގަވައިދު ފާސްކުރުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ މަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ރަސްމީކޮށް ހުށަހެޅުއްވީ އިއްޔެއެވެ. އެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ އަހަރު މަޖލީހުން ފާސް ކުރި 2019 ވަނަ އަހަރުގެ ބަޖެޓުގެ އަދަދކީ 30 ބިލިއަންނެވެ.

comment ކޮމެންޓް