މިހާރު އޮތް ޖޭއެސްސީއާ ހެދި ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ: ވަކީލުން

ރައީސް ޔާމީންގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިޔާސީ ބޭނުންމަށް ކަންތައްތައް ކުރަމުންދާ ކަމަށާއި، އެ ކޮމިޝަނުގައި މިހާރު ތިބި މެމްބަރުން ތިބެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް ކުރުން މެންދުރަށް ތާވަލުކޮށްފައި އޮއްވައި، ޖޭއެސްސީއިން ވަނީ އެ މައްސަލަ ބައްލަވަ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެހެންކަމުން، ރައީސް ޔާމީންގެ މައްސަލަ މިހާރު އޮތީ މަޑު ޖެހިފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަކީލުން ވަނީ ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"ޖޭއެސްސީއިން ވަނީ ޖުޑިޝަރީގެ ކޮންޓްރޯލު ނަގައިފައި"

ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަދި މިހާރު އެމަނިކުފާނުގެ ވަކީލުކަން ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޖޭއެސްސީގެ ފޯމޭޝަން އޮތް ގޮތުން ސިޔާސީ މީހުންނަށް ޝަރުއީ ދާއިރާގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު އޮތް ވާހަކައަކީ މިހާރު ސަރުކާރުގައި ތިބި ކުރީގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންސާފު ގާއިމް ކުރަން ދަތިވާ ވާހަކަ އެ ފަރާތްތަކުން ދެއްކިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއީ ރަނގަޅު ވާހަކައެއް ކަމަށާއި އޭނާވެސް އޭރު އިދިކޮޅުގައި ހުންނަވައިގެން އެ ވާހަކަ ދެއްކެވި ކަމަށް ޖަމީލް ވިދާޅުވިއެވެ. އެކަމަކު، ކުރިން އެ ވާހަކަދެއްކި މީހުންނަށް ބާރު ލިބުމުން، ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެންނަ ވާހަކަ މުޅިން ހުއްޓާލައި، ފޯމޭޝަން އޮތް ގޮތުގެ ފައިދާ ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު މިއަދުގެ ސަރުކާރު ވުޖޫދަށް އައިސް މިހާރު ޖޭއެސްސީ އޮތް ގޮތަށް ކުރިއަށް ގެންދަން އެ ބޭފުޅުންނަށް މާ އުފާވެރިކަން ލިބޭ،" ޖަމީލް ވިދާޅުވިއެވެ.

ޑަކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެ ބާރުގެ ބޭނުންކޮށްގެން، ޖޭއެސްސީއިން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ޖޭއެެސްސީގައި ތިބި ސިޔާސީ މީހުން ނޭދޭ ގޮތަށް މައްސަލައެއް ނިންނާ ނަމަ ޖޭއެސްސީއިން އެ މީހުންގެ ސުލޫކީ މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އެއާ އެކު ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ވުރެ ބާރުގަދަވެ، މުޅި ޖުޑިޝަރީގެ އެންމެ ބާރުގަދަ ފަަރާތަށް އަމިއްލައަށް ވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ދުސްތޫރީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ސިފަ ލކުރެއްވިއެވެ.

"...ހުކުމަށް އައިސް ވާސިލުވާން އޮތް ދުވަހުގައި އެ ދުވަހުގެ ހެނދުނު ހެނދުނާ އަވަސްކޮށްގެން އެ މައްސަލަ ބެލި ފަނޑިޔާރު ސަސްޕެންޑު ކުރި ކުރުން ކޮންމެ މިންގަނޑަކުން ދުސްތޫރީ ގާނޫނީ ކޮންމެ މިންގަނޑަކުން ވަޒަންކުރި ކަމުގައި ވިޔަސް މާނަ ކުރެވޭނީ ރާއްޖޭގެ ޝަރީއަތް ކުރާ ގެތަކަަށް، ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން ކަމަށް،" ޖަމީލް ވިދާޅުވިއެވެ.

"އިންސާފު ލިބޭނެކަމަށް ގަބޫލުނުކުރެވޭ"

ޖަމީލް ވިދާޅުވީ، ޖޭއެސްސީ ތެރޭގައި މިހާރު ތިބީ މުޅިންވެސް ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން ކަމަށެވެ. އެފަދަ ޖޭއެސްސީއަކުން ރައީސް ޔާމީނަށް އިންސާފު ލިބޭނީ ކިހިނަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ޖޭއެސްސީގައި މި ހިމެނެނީ ކޮން ބޭފުޅުންނެއްތޯ ބަލާލާ އިރުގައި ޖޭއެސްސީގެ އެއް މެމްބަރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު. ޖޭއެސްސީ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ނުފޫޒު ގަދަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ދެން އައްޔަން ކުރައްވާފައި އެބަ ތިބި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނީ ވަކީލުންތަކެއް،" ޖަމީލް ވިދާޅުވިއެވެ.

ޖޭއެސްސީއިން އަމަލު ކުރާ ގޮތުގެ ސަަބަބުން ސަރުކާރާ ސިޔާސީ ގޮތުން ދެކޮޅު އެއްވެސް މީހަކަށް ޖުޑިޝަރީގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލު އަހުމަދު ސަލީމް (ރޭނިސް) ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޖޭއެސްސީގެ އަމަލުތައް މިހެން އޮތްހާ ހިނދަކު އަޅުގަނޑުމެންގެ މުވައްކިލު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް،" ޖަމީލް ވިދާޅުވިއެވެ.

އެ ކަންބޮޑުން ރައީސް ޔާމީންގެ ވަކީލުން ކަމަށްވާ އަހުމަދު ސަލީމް (ރޭނިސް) އާއި އަލީ ޝާހުވެސް ތަކުރާރު ކުރެއްވިއެވެ.

"މިހާރު މި ބޭފުޅުން ހިންގި އަމަލުން ވަރަށް ބޮޑަށް ސުވާލުއުފެދިއްޖެ އަޅުގަނޑުމެންގެ ކްލަޔަންޓަށް އިންސާފު ލިބުމާ ދޭތެރޭގައި،" ރޭނިސް ވިދާޅުވިއެވެ.

"މިއަދު ޖޭއެސްސީއިން އެ ނިންމި ނިންމުމަކީ ހަގީގަތުގައިވެސް ދައުވާ ލިބޭ ފަރާތުގެ އަސާސީ ހައްގަށް އުނިކަން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމާއި، އެކަމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް އަޅުގަނޑުމެން ނުދެކޭ ވާހަކަ އަޅުގަނޑުމެންގެ ޓީމުން ދެންނެވި ވާހަކަ އަޅުގަނޑު ތަކުރާރު ކުރަން،" ވަކީލު އަލީ ޝާހު ވިދާޅުވިއެވެ.

ޖޭއެސްސީއިން ގާޒީ ހައިލަމް ސަސްޕެންޑު ކުރީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދު ޗެއިނަކުން ބަނދެފައިވާ ފޮޓޯއަކާ އެކު ނަސްރުގެ ދުވަހުގެ ތަހުނިޔާކި މައްސަލައާ ގުޅިގެންނެވެ. އެ ފޮޓޯގެ މައްސަލައާ ގުޅިގެން ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އެންގީ މިއަދު ހެނދުނު 8:00 އަށެވެ. އެކަމަކު އޭނާ އެ ކޮމިޝަނަށް ހާޒިރެއް ނުވެއެވެ.

ހައިލަމް ސަސްޕެންޑު ކުރި މައްސަލަ މަޖިލީހުގައިވެސް ހޫނުވިއެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، 19 މެއި 2019ގައި އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަކަށް 200،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުސް އޮފީހުން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިވަޑައިގެންނެވީ ކިހިނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެއެވެ. ފަސްދޮޅަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހައިލަމް ސަސްޕެންޑުކޮށްފައި ވުމުން ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމަށް ދެން ވާނޭ ގޮތެއް މި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ. ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފި ނަމަ އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރެވޭނެ އެވެ. އެ ގާޒީއަކަށް މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެ އެވެ.

ޖޭއެސްސީގެ ފިޔަވަޅުން ނުފޫޒުގެ ތުހުމަތު! ދެން ވާނީ ކިހިނެއް؟

comment ކޮމެންޓް