މުޒާހަރާކުރުން ހަނިކުރާ ގާނޫނު އުވާލުން ލަސްވުމުން ކުއްލި މައްސަލައެއް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރާ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރުމަށް ވަނީ ހުށަހަޅާފައި --- ފޮޓޯ: މަޖިލިސް

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހު އުވާލުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ލަސްވާތީ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހުގައި ބުނާ ގޮތުން، ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ދޭ ހުއްދައަކާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އެ އިސްލާހު އުވާލުމަށް އޭނާ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމެޓީގައި އޮންނަތާ ދޮޅު މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އިސްލާހު އުވާނުލައި ގިނަ ދުވަސްވެފައިވާއިރު އިދިކޮޅު ޕީޕީއެމްއިން ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުން ފުލުހުން ރޫޅާލައި ބައެއް ފަރާތްތައް އެރޭ ހައްޔަރުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ އެ ވަގުތު ތަޅުމުގުއި ހާޒިރުވެވަޑައިގަތް ތިބި 48 މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލައަށް ބަހުސްކުރި ހުރިހާ މެންބަރުންވެސް ވަނީ އެއްވެއުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.

"ގާނޫނުއަސާސީން ހައްގު ދީފައިވަނީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ހައްގު ހޯދުމަށް އިހުތިޖާޖުކުރަންޖެހޭ ވާހަކަ. އެ ބާރު ފުރިހަމައަށް މީގެން ލިބިދޭން ޖެހޭ. އެކަން ކުރުމަށް އަޅުގަނޑުމެން ތާއީދު،" ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއުވެސް ވިދާޅުވީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެ އިސްލާހަކީ، އިދިކޮޅުގައި އެމްޑީޕީ އޮތް އިރު އެ ޕާޓީން ވަރަށް ދެކޮޅު ހެދި އެއްޗެއް ކަމަށާއި އަދި އެ އިސްލާހު ނުގެނައުމަށް އެތައް އާދޭހެއް ކުރި ކަމަށެވެ. އަދި އެ ގާނޫނު އުވާލުމުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވައި ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ޝިފާއު ވިދާޅުވިއެވެ.

comment ކޮމެންޓް