އަތޮޅުތަކުގައި އަޅާ ޓްރެކްތަކުގެ ބީއޯކިއު ހެދުމަށް ހަވާލުކޮށްފި

ސިންތެޓިކް ޓްރެކުތަކުގެ ބީއޯކިއު ހެދުމަށް ހެކްޒާ ކުންފުންޏާ ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކުތައް ހެދުމަށް ބޭނުންވާ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު) ގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އިއްޔެ ޔޫތް މިނިސްޓްރީގައި ސިންތެޓިކް ޓްރެކްތައް އެޅުމަށް ބޭނުންވާ ބީއޯކިއު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ހެކްޒާ ކޮމްޕެނީއާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ރަޝީދު އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ ވަޒީރު އަހުމަދު މަހްލޫފް އެވެ. މި މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާ މިނިސްޓްރީއާ ހަވާލު ކުރުމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

ޔޫތް މިނިސްޓްރީގައި އިއްޔެ އޮތް ބައްދަލުވުމުގައި ވާހަކަޕުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ، ބީއޯކިއު ނިމުނުހާ އަވަހަކަށް ޓްރެކްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޓްރެކް އެޅުމަށް ހަމަޖެހިފައި ވަނީ ސ. ހިތަދޫގައި ކަމަށާއި ނަމަވެސް އެއަށްފަހު ގދ. ތިނަދޫ އަދި ފުވައްމުލަކުގެ އިތުރުން ހދ. ކުޅުދުއްފުށި ފަދަ ރަށްރަށުގައި ވެސް ޓްރެކް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ރަނގަޅު އެތުލީޓުން އެބައުޅޭ،" މަހްލޫފް ވިދާޅުވި އެވެ. "އެކަމަކު ބައެއް ރަށްރަށުގައި ދުވަނީ ވެސް... ބަނދަރުމަތީގައި ދުވެފައި އައިސް ގޯލްޑް މެޑަލް އެބަ ހޯދާ އިންޓަ ސްކޫލް އެއްޗެހީގައި."

މަހްލޫފް ވިދާޅުވީ، ސަރުކާރަށް ވީ ވަރަކުން ރާއްޖެތެރޭގައި ވެސް ރަނގަޅު ފެންވަރުގެ ސިންތެޓިކް ޓްރެކުތައް އެޅުމުން ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑެތި ކުރި އެރުންތަކެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މިނިސްޓްރީއާ ހަވާލުވި އިރު، ޔޫތް މިނިސްޓްރީގައި ހަގީގަތުގައި ނެތް ޓްރެކެއް، ނެޓްބޯޅަ ކޯޓެއް، ވޮލީ ކޯޓެއް، ފުޓުބޯޅަ ދަނޑެއް ވެސް، މީގެން އެއްވެސް އެއްޗެއް ކުރަހާލާފައި އަދި ޑިސައިން ކޮށްލައިފަ ވެސް ނެތް."

މީގެ އިތުރުން، ކުރިން އިންޑޯ ވޮލީ އަދި ބެޑްމިންޓަން ކޯޓު ހެދުމަށް ބޭނުންވާ ކުރެހުންތަކާއި ޑިސައިންތައް ހެދުމަށް ބަޔަކާ ހަވާލުކުރެވިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް