ކޮރަޕްޝަންގެ ތުހުމަތުކޮށް އަމީރާއި ފައްޔާޒުގެ އިސްތިއުފާއަށް ޖާބިރު ގޮވާލައިފި

ކޮރަޕްޝަންގެ ތުހުމަތުކެއްކޮށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ތުހުމަތު ކުރެއްވީ، ނޫމަޑި ކުންފުންޏަށް ސަރުކާރުން ބަދަލު ދިނުމުގައި ފިނޭންސް މިނިސްޓަރު އަމީރު އަމިއްލަފުޅު މަންފާ ހޯއްދަވާފައިވާ ކަމަށެވެ. އަދި ޖާބިރު ވިދާޅުވީ، އެއީ ފިނޭންސް މިނިސްޓަރު "ކާލާފައި" 800 މިލިއަން ރުފިޔާ ކަމަށެވެ.

އަދި އިކޮނޮމިކް މިނިސްޓަރު ޓެންޑާ ނުކޮށް 50 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ދީފައިވާކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ހިތާމަކުރަނީ ފިނޭންސް މިނިސްޓަރު އޭނާގެ އަމިއްލަފުޅަށް 800 މިލިއަން ރުފިޔާ ނަންގަވައިގެން، އެފަދަ ބޮޑު ހިޔާނާތެއް މިއޮއް ކުޑަ ވަގުތުކޮޅުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވީމަ އަޅުގަނޑު ވަރަށް ހިތާމަކުރަން. ދެން އިކޮނޮމިކް މިނިސްޓަރުގެ ހާލު ހުރިގޮތް ވެސް އަޅުގަނޑު ކުޑަކޮށް ބަލާލިން. ދެ ޕްރޮޖެކްޓެއް މި އުޅެނީ. ކޮންމެ ބޭފުޅަކަށް 850 އެހެންވީމަ 1.6 ބިލިއަން އަސްލު މި ރޯލު ވަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަނީ މިނިސްޓަރު އަމީރަށް ހިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ އިރު، މިނިސްޓަރަށް މަޖިލީހުގައި ބަޖެޓު ހުށަހެޅިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެހާ ބައިވެރު ދެން އަހަރެއްހާ ދުވަސް ތެރޭ އެންމެ މިނިސްޓަރަކު ކާލީމަ އެ ދެން ތަންކޮޅެއް ބޮޑުވަރު، ވަގުތުން ވަގުތަށް ފިނޭންސް މިނިސްޓަރު އިސްތިއުފާ ދޭން އަޅުގަނޑު އެދެން،" ޖާބިރު ވިދާޅުވި އެވެ.

އަމީރާއި ފައްޔާޒަކީ މިހާރުން މިހާރަށް ވަޒީފާ އިން ވަކިކުރަން ޖެހޭ ދެ ބޭފުޅުން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު މިނިސްޓަރު އަމީރާށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި މިއަދު ވާހަކަދައްކަވާފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް 55 މިލިއަން ޑޮލަރުގެ މާލީ ބަދަލު ދިން މައްސަލައިގަ އެވެ.

މެމްބަރު ވަނީ އެ މައްސަލައިގައި މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއާ އެކު ހަދާފައިވާ އެއްބަސްވުންތަކެއް އުވާލުމުގެ ސަބަބުން އެކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށް ސިންގަޕޫރުގައި އާބިޓްރޭޝަންގައި މައްސަލަ ހިނގަމުން ދަނިކޮށް، ދިވެހި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ކޯޓުން ބޭރުން ސެޓްލްމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ވަޒީރުން އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށް ހެކިބަސް ދީފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ދިވެހި ސަރުކާރާ އެއްކޮޅަށް ނިމޭނެކަމަށް ނުބެލެވޭނެތީ، ކޯޓުން ބޭރުން ސެޓްލްމަންޓަކަށް ދިޔައީ ކަމަށެވެ. އަދި އެއީ ދައުލަތް ބަނގުރޫޓްވުމުން ސަލާމަތް ކުރަން ކުރެއްވި ކަމެއް ކަމަށެވެ. އަދި އެކަމުގައި ކުރެވޭ ތުހުމަތުތައް މިނިސްޓަރު އެ ދުވަހު ތުހުމަތު ކުރެއްވި އެވެ.

comment ކޮމެންޓް