ދޮގު ޚަބަރު ހުއްޓުވުމުގެ ކެމްޕެއިނެއް ފަށައިފި

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ހޯމް މިނިސްޓްރީ

ދޮގު ޚަބަރު ފެތުރުން ހުއްޓުވައި ހަބަރުގެ ސައްހަކަން ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން ހޯމް މިނިސްޓްރީން ކެމްޕޭންއެއް ފަށައިފިއެވެ.

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" މިޝިއާރުގެ ދަށުން އިއްޔެ ފެށި އެ ކެމްޕޭން ލޯންޗްކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދެވެ.

ބައިސްކޯފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އެ ކެމްޕެއިންގައި މީޑިއާ ދާއިރާގެ ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކުން ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނީ ވީމީޑިޔާގެ ސީއީއޯ މުހައްމަދު އާސިފް، ޕީއެސްއެމްގެ ބޯޑު ޑިރެކްޓަރު މަރިޔަމް ވަހީދާއާއި، މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ މުހައްމަދު ހަމްދޫނާއި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ ޝަމްއާން ޝާކިރުއާއި، ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީނާއި، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަންއާއި، ވަގުތު އޮންލައިންގެ ހުސެއިން އަރުބާން ފައްވާޒެވެ.

އެ ކެމްޕެއިންގެ ދަށުން ސޯޝަލް މީޑިއާ އަދި އެނޫންވެސް ޒަރިއްޔާއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމްބެސެޑަރުން ހިމަނައިގެން ތައްޔާރުކުރާ ވީޑިއޯ ސްޕޮޓާއި، ވަކިވަކި ފޮޓޯ ޕޯސްޓަރުންތަކުގެ ޒަރިއްޔާއިންވެސް މަސައްކަތްކުރާނެއެވެ. އަދި ދާއިރާގެ އެހެން ފަރާތްތަކުގެ ބައިވެރިވުންވެސް ކެމްޕެއިންގެ ތެރޭގައި ހޯދާނެއެވެ.

އެ ކެމްޕެއިން އަންނަ އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް