ވިލިނގިލި-ކޫއްޑޫ ބުރިޖުގެ ދިރާސާއަށް އެއް މިލިއަން ރުފިޔާ ހިމަނައިފި

ވިލިނގިލި - ކޫއްޑޫ: އެ ދެ ރަށް ދޭތެރޭ އަޅާ ބުރިޖުގެ ދިރާސާ ހެދުމަށް ބަޖެޓުގައި ވަނީ ހިމަނާފައި --- ފޮޓޯ/ ސޮއްޓި

ގއ. ވިިލިނގިލި އަދި އެރަށާ ޖެހިގެން އޮންނަ ކޫއްޑޫ ގުޅާލުމަށްޓަކައި ބްރިޖެއް އެޅުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް އެއް މިލިއަން ރުފިޔާ، 2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ވިލިނގިއްޔާ ކޫއްޑޫ ގުޅުވާލަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

2020 އަށް ލަފާކުރާ ބަޖެޓުގައި ވާ ގޮތުން، އެއް މިލިއަން ރުފިޔާއަށް ވިލިނގިލި-ކޫއްޑޫ ބްރިޖު އެޅުމުގެ ދިރާސާކުރުމަށް އަންނަ އަހަރު ޓެންޑާ ކުރާނެއެވެ.

ވިލިނގިޔަށް އަންނަ އަހަރު ބަޖެޓުގައި ބުރިޖުގެ މަސައްކަތާއެކު ހަތަރު މަޝްރޫއުއަކަށް ޖުމްލަ 17.76 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހިމަނާފައެވެ.

ވިލިނގިޔަށް ބަޖެޓުގައި ހިމެނި އިތުރު މަޝްރޫއުތަށް:

  • ބަނދަރު ހެދުމުގެ މަޝްރޫޢު - 1.36 މިލިއަން ރުފިޔާ
  • ބަނދަރު ހެދުމުގެ މަޝްރޫއު ފޭސް 2 - 7.78 މިލިއަން ރުފިޔާ
  • އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގެ ސަރަހައްދުގައި ނަރުދަމާ ނިޒާމް ގައިމުކުރުން - 2.7 މިލިއަން ރުފިޔާ
  • ގއ. އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތް - 1.94 މިލިއަން ރުފިޔާ
  • ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން - 2.2 މިލިއަން ރުފިޔާ
  • ގއ. ވިލިނގިލި ފުޓުބޯޅަދަނޑު ތަރައްގީކުރުން - 766،190 ރުފިޔާ

https://sun.mv/110108

ވިލިނގިލި-ކޫއްޑޫ ބުރިޖުގެ ދިރާސާ ހެދުމަށް ބަޖެޓުގައި ހިމެނި އިރު، 2018 ގެ ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިލިނގިއްޔަށް ވަޑައިގެން ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަށް އެހާ ބޮޑު ހަރަދެއް ނުދާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

ވިލިނގިލި-ކޫއްޑޫ ބްރިޖުގެ އިތުރުން، 2020 ގެ ބަޖެޓުގައި މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށި ގުޅާލާ ބްރިޖު އެޅުމަށްވެސް ވަނީ ފައިސާ ހިމަނާފައެވެ. އެ މަޝްރޫއަށް 411 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ޖަހާފައެވެ.

މީގެ އިތުރުން ބ. އަތޮޅު ގޮއިދޫއާއި ފެހެންދޫވެސް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފެށުމަށް 210،000 ރުފިޔާ ވަނީ ބަޖެޓުގައި ޖަހާފައެވެ. މި ކޯޒްވޭ އެޅުމުގެ މަސައްކަތަށް 2021 އަދި 2022 ވަނަ އަހަރަށް 16.2 މިލިއަން ރުފިޔާ އަދި 9.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެސް ވެއެވެ.

comment ކޮމެންޓް