އިމާރާތްކުރުމުގެ ދާއިރާގެ ކަންބޮޑުވުންތަކާއެކު މަސީ، ރައީސްގެ އަރިހަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިމާރާތްކުރުމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއެކު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގެން، އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މަސީއިން ފާޅުކުރި އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ކޮންޓްރެކްޓަރުން، ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ހަރަކާތްތެރިވުމެވެ. އަދި ބައެއް ދާއިރާތަކާ ގުޅޭ މުހިންމު ގަވައިދުތައް އަދިވެސް ހެދިފައި ނެތުމުން ބޭރުގެ ފަރާތްތަކުން އެކަމުގެ ފައިދާ ނަގަމުން އަންނަ ކަމަށްވެސް މަސީގެ ވެރިން ރައީސްއަށް ދެންނެވިއެވެ. އަދި މިހާރު ހުރި ގަވައިދުތައްވެސް ހުރި ގޮތުން ދިމާވާ ދަތިތަކުގެ މައުލޫމާތު ރައީސަށް ހިއްސާކުރެއްވިއެވެ.

މަސީގެ އިސްވެރިން ވަނީ، ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޕްރޮޖެކްޓުތައް ލިބުމުގައި ހުރި ދަތިތައް ހިއްސާކުރައްވަމުން އެކަަމަށް ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މަސީ ޖަމިއްޔާގެ އިސްވެރިން ވަނީ މަސައްކަތްތެރީންގެ ކަންކަން ހަރުދަނާކރުުމަށް ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާ ބެހޭގޮތުން ހިޔާލު ފަޅުކުރައްވާފައެވެ. އަދި އަންނަ އަހަރަށް ދައުލަތުން އެކުލަވާލި އަދި މިއަދު އާންމުކުރި ބަޖެޓުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާތީ، އެކަމުން އިމާރާތްކުރުމުގެ ސިނާއަތަށް އެދެވޭ ކުރިއެރުންތަކެއް ގެނެސްދޭނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސީގެ ކަންބޮޑުވުންތަކާއެކު ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްސީލު ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި 384 މެންބަރުން ހިމެނޭއިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ކުދި ނުވަތަ މެދުފަންތީގެ ކުންފުނިތަކެވެ.

comment ކޮމެންޓް