ރައީސް ޔާމީނަށް ހުކުމް އިއްވުން މާދަމާ މެންދުރު 1:00ގައި

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް ކޯޓަށް ހާޒިރުވެވަޑައިގަތުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަަލައިގައި ހުކުމް އިއްވުމުގެ މަޖިލިސް މާދަމާ މެންދުރު 1:00 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޫބަރު ނުވަ ވަނަ ދުވަހު އެވެ.

އެދުވަހުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ނޮވެމްބަރު ފަސް ވަނަ ދުވަހު މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ. ދައުލަތުގެ ހުލާސާ ބަޔާނުގައި ބުނެފައި ވަނީ އެ ކުށްތައް އެމަނިކުފާނު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރި ނުކުތާކަކަށް ބަލާ އިރު، މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތައް ރައީސް ޔާމީން ކުރި ކަމަށް ސާބިތު ނުވާ ކަމަށް ދެކޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ބުނެފައިވެ އެވެ. އަދި އެ މާއްދާގައި ބުނާ ކުށްތަކާއި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ނުގުޅޭ ކަމަށް ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

ދިފާއުން އެންމެ ބޮޑަށް ބާރު އެޅީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތާއި، މުއައްވިޒު ރަޝީދުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެގޮތުން ޒިޔަތާއި އަދީބަކީ ކުށް ސާބިތުވެފައިވާ މީހުން ކަމުން އެ މީހުންގެ ހެކިބަހަކީ އަދުލުވެރި ހެކިބަސް ކަމުގައި ނުބެލެވޭނެ ކަމަށް ބުންޏެވެ. އަދި އެ ދެ މީހުން ހެކިބަސް ދިނީ ވަކި ކަންތައްތަކެއް ކޮށްދޭން ޝަރުތުކޮށްގެން ކަމަށް ބުންޏެވެ. އަދި މުއައްވިޒުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އޭނާގެ ހެކިބަސްވެސް ގަބޫލު ނުކުރެވޭނެ ކަމަށް ދިފާއުގެ ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް