ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގާފައި --- ސަން ފައިލް ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު 'ސަން' އަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު 2:00 ޖަހާއިރަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ވަނީ މަނީ ލޯންޑާ ކުރުމުގެ ދައުވާއެއް އުފުލައި ޝަރީއަތް ފަށައިފަ އެވެ. ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ އޭސީސީގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެންގުމުން، އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

comment ކޮމެންޓް