ރާއްޖެ އިޝްތިހާރު ކުރާ ސެލްޓާ ރޭގެ މެޗުން ވެސް ބަލިވެ ސީޒަންގައި ގޯހަށް

ސެލްޓާ ވީގޯގެ ކޯޗު ފްރެން އެސްކްރިބާ --- ފޮޓޯ// ސަޗާ ޕިސަނީ (ލައިވްސްކޯ)

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސްޕެއިންގެ ސެލްޓާ ވީގޯއާ އެކު ބޮޑު އެއްބަސް ވުމެއްގައި މިއަދު ސޮއެ ކުރުމަށް ހަމަޖެހިފައި އޮތް އިރު އެ ޓީމުގެ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ސެލްޓާ ވީގޯ ވަނީ ގެޓާފޭ އަތުން ބަލިވެފަ އެވެ. މި ބައްޔާ އެކު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފްރެން އެސްކްރިބާ ވަނީ އެ މަގާމުން ވަކި ކޮށްފަ އެވެ. ލީގުގައި ވިދިވިދިގެން ހަތަރު ބައްޔާ އެކު ސެލްޓާ މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ. އެ ޓީމުން މިހާތަނަށް ލީގުގައި 12 މެޗު ކުޅުނު އިރު ލިބުނީ އެންމެ ނުވަ ޕޮއިންޓެވެ.

ސެލްޓާ ވީގޯގެ ކޯޗު ފްރެން އެސްކްރިބާ --- ފޮޓޯ// ސަޗާ ޕިސަނީ (ލައިވްސްކޯ)

"ފްރެން އެސްކްރިބާ ވަނީ މަގާމުން ވަކި ކުރެވިފައި. އޭނާއާއި އޭނަގެ ކޯޗިންގް ސްޓާފު ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރުވެރިވަން. އެދެނީ ކުރި މަގުގައި ރަނގަޅު ގޮތް މެދުވެރިވުން." ސެލްޓާއިން ރޭގެ މެޗަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ ކުރިން ގެޓާފޭއާއި އެލްޗޭއަށް ކޯޗުކަން ކޮށްދީފައިވާ އެސްކްރިބާ ސެލްޓާގެ ކޯޗުކަމާ ހަވާލުވީ މި އަހަރުގެ މާޗު މަހު އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ސެލްޓާ ރެލިގޭޓް ވުމުން ސަލާމަތް ކޮށްދީފަ އެވެ. ނަމަވެސް މި ސީޒަނުގެ ލީގު ދެބައިވާން އަންނަ އިރު އެ ޓީމު މިހާނަތަށް މޮޅުވީ އެންމެ ދެ މެޗުންނެވެ.

ސެލްޓާއިން މިފަހަރުގެ ސީޒަނާއި ކުރިމަތިލީ ބޮޑު އުންމީދަކާ އެކު އެވެ. ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޑެނިސް ސުއަރޭޒްއާއި ރަފީނިއާ އަލަކަންޓްރާ ވެސް ޓީމުގައި ހިމެނިގެން އެ ޓީމުން ލީގާއި ކުރިމަތިލި ނަމަވެސް މިހާތަނަށް އެދެވޭ ކުޅުމެއް އަދި ނަތީޖާއެއްވެސް ނެރެވިފައެއް ނުވެ އެވެ.

ސެލްޓާގެ ކޯޗު މަގާމުން ވަކި ކުރި އިރު ދެން އަންނަ މެޗުގައި އެ ޓީމުން ރަށުން ބޭރުގައި ވާދަ ކުރާނީ ޗެމްޕިއަން ބާސެލޯނާއާ އެވެ. އެ މެޗަށް ސެލްޓާއިން ނުކުންނާނީ ރާއްޖޭގެ ސްޕޮންސަރޝިޕާ އެކު ޖާޒީގައި ވިސިޓް މޯލްޑިވްސް ޖަހައިގެންނެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ނަމަވެސް އެ ކުލަބާ އެކު ބޮޑު އެއްބަސްވުމެއްގައި ސޮއެ ކޮށްގެން ރާއްޖެއަށް މާ ބޮޑެތި ފައިދާތެކެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ނަން މަޝްހޫރު ބޮޑު ކުލަބެއްގެ ސްޕޮންސަރެއް ހޯދުން ބުއްދިވެރިވާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

https://sun.mv/126752

ސެލްޓާއާއި ރާއްޖެއާ ދެމެދުވެވޭ މި އެއްބަސްވުމުގައި ސޮއެ ކުރުން އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން ހަތަރެއް ޖަހާ އިރު އެވެ. މި އެއްބަސްވުން ބައިނަލް އަގުވާމީ ޓީވީތަކުން ވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް