ދިވެހި ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ "ފިލްމު އެވޯޑްސް" ގައި ދިނުމަށް ހަމަޖެހިފައިވާ ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ދޭ އެވޯޑެއް ކަމަށެވެ.
އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުންނާއި އަދި ދިވެހި ފިލްމް ފެސްޓިވަލްގެ ސްޓިއަރިންގ ކޮމެޓީއަށްވެސް މި އެވޯޑަށް ނަން ހުށަހެޅޭނެއެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު މި މަހުގެ ފަސްވަނަ ދުވަހުގެ 12:00 ގެ ކުރިން އެންސީއޭއަށް ހުށަހަޅަން ޖެހޭނެއެވެ.
އެވޯޑަށް ހޮވޭ ފަރާތް ކަނޑައަޅާނީ ނަން ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އިންޓަވިއު ކުރުމަށްފަހުގައި ކަމަށް އެންސީއޭއިން މައުލޫމާތުދެއެވެ.
ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހަޅާ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން މިހާރު ލިބޭނެއެވެ.
އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ މުހައްމަދު މުސްތަފާ ހުސައިން އަދި އަސްލަމް ރަޝީދެވެ.
މި އަހަރުގެ ފިލްމު އެވޯޑްސް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެވޯޑުގައި މިއަހަރު ބައިވެރިކުރާނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ. މި އަހަރުގެ އެވޯޑުގައި ޖުމްލަ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ހިމަނާފައި ވެއެވެ.
އެވޯޑުތަކުގައި ހިމެނޭ ނޯމިނޭޝަންތައް މި މަހުގެ 10 ވަނަ ދުވަހު އާންމުކުރާނެ ކަމަށް އެންސީއޭއިން ވަނީ ބުނެފައެވެ.