ކުދިން ސަލާމަތް ކުރިތާ 15 މަސް ފަހުން، ތަމް ލުއަންގް ހޮހޮޅަ ހުޅުވާލައިފި

ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅަ ބަލާލުމަށް އިއްޔެވެސް 2000 މީހުން އެއްވި -- ފޮޓޯ: އީޕީއޭ

ބޭންކޮކް (ނޮވެމްބަރު 2): މިދިޔަ އަހަރުގެ ޖޫން މަހު ތައިލޭންޑުގައި 12 ކުއްޖަކާއި އެކުދިންގެ ފުޓުބޯޅަ ކޯޗު ތާށިވި ތަމް ލުއަންގް ހޮހޮޅަ އަލުން ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.

ތައިލޭންޑުގެ ޗިއަންގް ރައިގައި އޮންނަ އެ ހޮހޮޅަ އަލުން ހުޅުވާލުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެގަ އެވެ. އަދި އެ ރަސްމިއްޔާތުގައި އެގައުމުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ނެޝަނަލް ޕާކްސް އާއި ހާމުދުރުންނާއި ސަރުކާރުގެ އޮފިޝަލުންނާއި ޕާކް އޮފިޝަލުން ބައިވެރިވި އެވެ.

ބޭންކޮކް ޕޯސްޓުގައިވާ ގޮތުން އެ ހޮހޮޅަ ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ހަވީރު 16:30އަށެވެ. އަދި ހޮހޮޅައިގެ ފުރަތަމަ ޗޭމްބާއަށް ވަދެވޭނީ ފަހަރަކު 20 މީހުންނަށް ކަމަށާއި އިއްޔެ އެކަނި ވެސް ހޮހޮޅަ ބަލާލުމަށް 2،000 މީހުން ޖަމާވި އެވެ.

ތައިލޭންޑުގެ ހޮހޮޅައިން ސަލާމަތް ކުރި ކުދިން -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން ފާއިތުވި އަހަރު ތެރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ހޮހޮޅަ ބަލާލަން ދިޔަ ކަމަށާއި ނަމަވެސް އެމީހުންނަށް އެތެރެއަށް ވަނުމުގެ ހުއްދަ ނުދޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ތަމް ލުއަންގް ހޮހޮޅާގައި 'ވައިލްޑް ބޯސް' ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމުގެ ކުދިންނާއި ކޯޗު ތާށިވީ މިދިޔަ އަހަރުގެ ޖޫން 23ގަ އެވެ. އަދި އެކުދިން ފެނުނީ ނުވަ ދުވަސް ފަހުންނެވެ. އޭގެ ފަހުން އިންޓަނޭޝަނަލް ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ ޖުލައި އަށެއްގަ އެވެ. އެ މަސައްކަތް ކާމިޔާބުވީ ތިން ދުވަސް ފަހުންނެވެ. އަދި އެކުދިން ރައްކާތެރި ކަމާއެކު ސަލާމަތް ކުރެވުނު ނަމަވެސް އެމަސައްކަތުގައި ބައިވެރިވި ޑައިވަރެއް މަރުވި އެވެ. އެއީ ކުރީގެ ނޭވީ ސީލްއެއް ކަމަށްވާ ސަމަން ގުނާން އެވެ.

comment ކޮމެންޓް