އޭންޓް މޭންގެ ތިންވަނަ ބައިގެ މަސައްކަތް ފަށައިފި

އޭންޓް މޭން އެންޑް ވޯސްޕްގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ : ޕޮޕް ޝުގާ

މާވެލް ސިނެމޭޓިކް ޔުނިވާސްގެ އޭންޓް މޭންގެ ތިންވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕޭޓަން ރީޑް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވާ އޭންޓް މޭންގެ ތިންވަނަ ބައިގެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ޕޭޓަން އަކީ އޭންޓް މޭން ފްރެންޗައިޒްގެ ފުރަތަމަ ދެ ބައި ކަމަށްވާ "އޭންޓް މޭން" އާއި "އޭންޓް މޭން އެންޑް ދި ވޯސްޕް"ގެ ވެސް މަސައްކަތްކޮށްފައިވާ ޑައިރެކްޓަރެވެ.

އޭންޓް މޭންގެ ތިންވަނަ ބައިގައި އޮރިޖިނަލް ކާސްޓުން ކަމަށްވާ ޕޯލް ރަޑް އާއި އެވާންޖެލީން ލިލީ ފެނިގެން ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މާވެލްގެ ސުޕަހީރޯތަކުންގެ ލިސްޓުގައި ހިމެނޭ އޭންޓް މޭންގެ ތިން ވަނަ ބަޔަކީ މާވެލްގެ ހަތަރު ވަނަ ފިޔަވަހީގެ ފިލްމެކެވެ.

މާވެލްގެ އާ ފިޔަވަހީގެ ދަށުން ތަފާތު އާ ކެރެކްޓަރުން ތައާރަފުކުރުމުގެ މަސައްކަތް ވަނީ ޑިޒްނީ އިން ފަށައިފަ އެވެ. އެގޮތުން އޭގެ ތެރޭގައި މާވެލް ކޮމިކްތަކުން ފެންނަ މިސް މާވެލް އާއި ޝީ ހަލްކް އާއި މޫން ނައިޓް ވެސް ކުރިއަށް އޮތް ތަނުގައި މާވެލް ފިލްމުތަކުން ފެނިގެން ދާނެ އެވެ.

comment ކޮމެންޓް