ފޫހިވުމުން ލިބޭ ފައިދާތައް އެނގޭތަ؟

ފޫހިވުމުން ލިބޭ ފައިދާ އެނގޭތަ؟

އެކިކަންކަމުގައި ހަރަކާތްތެރިވެ، ނިކަން ބުރަ ޝެޑިއުލްއަކުން ހިންދެމިލާ، އެއްވެސް ކަމެއް ނެތި ލިބޭ މަދު ވަގުތުކޮޅުތަކަކީ ގިނަ މީހުންނަށް ވަރަށް ފޫހިވަގުތުތަކެކެވެ. ދުނިޔޭގެ މަސައްކަތްތަކުން އެއްކިބާވެ، ކުރާނޭ ކަމެއް ނެތި އެންމެ ބައިގަޑިއިރު ހޭދަކުރުން ވެސް ވާނީ ބޮޑު ކަމަކަށެވެ. އެހެންނަމަވެސް، މިފަދައިން ލިބޭ ފޫހިވަގުތުތަކަކީ ވެސް އިންސާނެއްގެ ހަށިގަނޑަށް ވަރަށް މުހިންމު ވަގުތުތަކެކެވެ.

މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ހަމަ ހަގީގަތެކެވެ. ސައިންސްގެ އަލީގައި 'ޔަގީން' ކުރެވިފައިވާ ކަމެކެވެ. ކުޑަކުއްޖަކަސް، ޒުވާނަކަސް، އުމުރުން ދޮށީ މީހަކަސް، ކުރާނޭ ކަމެއް ނެތި، އަމިއްލަ ޚިޔާލީ ދުނިޔެއަށް ކޮންމެވެސް ސިފައެއްގައި އެބަ ދަތުރުކުރަން ޖެހެ އެވެ.

ފޫހިވުމުން ހަށިގަނޑަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ މީހާ އުފެއްދުންތެރިވުމެވެ. ހާއްސަކޮށް ލިޔުމާއި ކުރެހުމާއި އިނޮވޭޓިވް މަސައްކަތް ކުރާ މީހުންނަށް މިއީ ޒަރޫރީ ކަމެކެވެ. އިނގިރޭސިވިލާތުގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ސޭންޑީ މޭން މިކަމާ ބެހޭ ގޮތުން ހެދި ދިރާސާއެއްގައި ބަޔަކަށް ފޫހި އެތައް މަސައްކަތެއް ހަވާލުކުރި އެވެ. ނަތީޖާ ދެއްކި ގޮތުން އެންމެ އުފެއްދުންތެރި ކަމެއް އެވަގުތު ކުރީ ފޯނު ނަމްބަރުތަކެއް ކޮޕީކުރުމަށް ހަވާލުކުރެވުނު ގްރޫޕް އިންނެވެ. އެހެންކަމުން މިއިން ހާމަވި ކަމަކީ ފޫހިވުމަކީ މީހާގެ ސިކުނޑި ތަފާތު ކަންކަމާ މެދު ވިސްނައި ފިކުރުކުރަން ހުޅުވާލާ ދޮރެއްކަމުން ތަފާތު ގޮތަކަށް ކަންކަމާ ވިސްނައި ޚިޔާލުކުރަން މަގުފަހިވާ ކަމެވެ.

ހަމައެޔާ އެކު ފޫހިވުމުގެ ސަބަބުން އެމީހެއްގެ އަމާޒުތަކަށް ވާސިލްވުމަށް ވެސް އެހީވާކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެ އެވެ. މިގޮތުން އެބޭފުޅުން ވިދާޅުވަނީ ފޫހިވުމުން އެމީހަކަށް ވިސްނޭނީ ވަށައިގެންވާ ކަންކަން އެކަނި ނޫންކަމަށާއި އެމީހެއްގެ މުސްތަގުބަލާ މެދު ވިސްނޭނެ ކަމަށެވެ. މުސްތަގްބަލާ މެދު ވިސްނުމަކީ އެމީހެއްގެ ދިރިއުޅުމުގައި ކަނޑައަޅާފައިވާ އަމާޒުތައް މަތީން ހަނދާން އާވެ އެ މިސްރާބަށް ދަތުރުކުރުމަށް ބާރުއަޅާކަމަކަށް ވާނެ އެވެ. މިފަދައިން ވިސްނުމަށް އޮޓޯބައިގްރޮފިކަލް ޕްލޭނިންއޭ ވެސް ކިޔާއުޅެ އެވެ.

މީގެ އިތުރުން ވެސް ފޫހިވުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށްދީ މައްސަލަ ހައްލުކޮށްދިނުމުގައި ވެސް އެހީއަކަށްވެ އެވެ. ދަސްކޫލްރަން ވެބްސައިޓްގައިވާ ގޮތުން އަބަދު ވެސް ކޮންމެ ވެސް ކަމެއްގައި ނުވަތަ އެއްޗެއް ހިފައިގެން ކުދީން ކުޅެން އުޅެފަައި، ކުރާނޭ ކަމެއްނެތި ފޫހިވުމުން އެ ފޫހިކަން ފިލުވާލުމަށް ކުރާނެ އެހެންކަމެއް އަމިއްލައަށް ހޯދަން މަސައްކަތްކުރުމަކީ އެ ކުއްޖެއްގެ ޕްރޮބްލަމް ސޯލްވިން ސްކިލް ރަނގަޅުކޮށްދޭނޭ ކަމެކެވެ. އަދި ފޫހިވެފައި ހުންނަ ވަގުތުތަކުގައި އަމިއްލަ އަށް އާ ކަންކަން ހޯދާ ބަލައި ތަޖުރިބާކުރުމަކީ ސެލްފް ކޮންފިޑެން އިތުރުކޮށްދޭނެ ކަމެކެވެ.

ޖުމްލަކޮށް ބުނާ ނަމަ ފޫހިނުވާ ނަމަ އަބަދު ވެސް އެމީހާ ހުންނާނީ ކޮންމެވެސް ކަމެއްގައި އަވަދިނެތިއެވެ. ސިކުނޑި ހަމަޖައްސާލާނޭ ހުސްވަގުތެއް އަހަރެމެން އެންމެނަށް ވެސް ބޭނުންވާނެ އެވެ. އުފާވެރި މީހަކަށްވުމަށެވެ.

comment ކޮމެންޓް