ގއ. ވިލިނގިލީ އިންޖީނުގޭގެ ބިންގާ އަޅުއްވައިފި

ރައީސް ނަޝީދު، ވިލިނގިލީ އާ އިންޖީނު ގޭގެ ބިންގާ އަޅުއްވައިދެއްވަނީ --- ފޮޓޯ : ފެނަކަ ކޯޕަރޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގއ. އަތޮޅު ވިލިނގިލީގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ވިލިނގިލީގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވާފައިވަނީ މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ވިލިނގިލީގައި އިމާރާތްކުރާ އިންޖީނުގެއަކީ ފެނަކައިން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރަށްރަށުގައި އިންޖީނުގެ އެޅުމުގެ ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ފެނަކައިން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ އެމަނިކުފާނު މިހާރު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން އެމަނިކުފާނު އިއްޔެ ވިލިނގިއްޔަށް ވަޑައިންނެވިއިރު، މިއަދު ހަވީރު ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް