ސެލްޓަ ވީގޯގެ ޖާޒީގައި އަހަރަކު 15 މިލިއަން ރުފިޔާއަށް ރާއްޖެ އިޝްތިހާރުކުރަނީ

ސެލްޓަ ވީގޯ އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރޭގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސްޕެއިންގެ ފުޓްބޯޅަ ކްލަބް، ސެލްޓަ ޑެ ވީގޯގެ ކިޓުގައި "ވިޒިޓް މޯލްޑިވްސް" ލޯގޯ ބޭނުންކުރުމުގެ އެއްބަސްވުމަށް އަހަރެއްގެ މައްޗަށް 996،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 15.3 މިލިއަން ރުފިޔާ) އަރާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ސްޕެއިންއަށާއި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސެލްޓަ ވީގޯގެ ކިޓުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރުމުގެ އެއްބަސްވުމަށް އަރާ އަދަދަކީ ޓެކްސްއާ އެކު އަރާ އަދަދު ކަމަށާއި އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެެވެ.

އެ އެއްބަސްވުމަކީ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުން ތަފާތު ގިނަ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން ސެލްޓަ ވީގޯގެ އޮފިޝަލް ސްޕޮންސާ އަދި އޮފިޝަލް ޓުއަރިސްޓް ޑެސްޓިނޭޝަން ކަމަށްވުމުގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް ޖާޒީގައި އާއި ޓްރެއިނިން ޖާޒީގައި، ސްޓާފުންނާއި ޓްރެއިނިން ސްޓާފުންގެ ޔުނިފޯމުގައި ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުންކުރަމުން ދާނެ،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ޖާޒީތަކާއި ކްލަބުން ދަތުރުކުރަން ބޭނުންކުރާ ބަހުގައިވެސް ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުންކުރާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ސެލްޓަ ވީގޯގެ ސްޓޭޑިއަމްގައި ބޭނުންކުރާ ސްކްރީންތަކުން ރާއްޖޭގެ ވީޑިއޯތައް ފެނިގެންދާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ލޯގޯ ހިމެނޭ ކިޓުގައި ސެލްޓަ ވީގޯ މި މަހުގެ ނުވައެއްގައި ފެނިގެންދާނެ ކަމަށާއި އެ މެޗުގައި ޓީމުން ކުޅޭނީ ބާސެލޯނާއާ ދެކޮޅަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް އިފެކްޓިވްސް ކޮސްޓެއްގައި ލިބިގެންދާ ވަރަށް ތަފާތު ބޮޑު ސިންދިފާތުކުރުމެއް. ރާއްޖޭގެ ތާރީހުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއީ އަޅުގަނޑުމެންނަށް ދެވޭ އެހެން ލެވެލްއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް