އިއާދަކުރަނިވި ހަކަތައަށް ތަރުހީބު ކުޑަ!

ލަކްސް ސައުތު އަރިއެޓޯލްގެ މޫދުގައި ހަރުކުރި ސޯލާ ޕެނަލް ސިސްޓަމް -- ފޮޓޯ: ލަކްސް

އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރައްޔިތުންނަށް ބާރުއެޅުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް އެކިއެކި އިނާޔަތްތައް ތައާރަފުކޮށް، އެކަމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަމަށް ލިބޭ ތަރުހީބު ކުޑަ ކަމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްފައި ބޭނުންކުރަމުން ގެންދާ ހަކަތައިގެ ތެރެއިން ދުވާލުގެ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ގަޑީގައި، ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ބޭނުންކުރުމަށް ނިންމައި ބޭރުގެ ހިލޭ އެހީގެ ދަށުން ތަފާތު އެކި މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އަމިއްލަ ފަރާތްތައް މިކަމުގައި ބައިވެރިކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭރުގެ އެހީދޭ ޖަމާއަތްތަކާ ގުޅިގެން އިއާދަކުރަނަވި ހަކަތައަށް އިންވެސްޓް ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައި، އެކަމާ ގުޅޭ މަޝްރޫއުތައް އެންވަޔަރަމެންޓް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.

އެގޮތުން ތަފާތު ހަތަރު ޕްރޮޖެކްޓެއް ހިންގާފައި ވާއިރު އެ ޕްރޮޖެކްޓުތަކަށް ޖުމްލަ 386،119،078 ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން 1،281،938 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ހަމައެއާ އެކު އެކިއެކި އިނާޔަތްތައް ތައާރަފުކޮށް، އެކަމަށް ބޭނުންވާ ފައިސާ (ގްރީން ފަންޑިންގް) ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

1. އިއާދަކުރަނިވި ހަކަތައިގައި ބައިވެރިވާން އެދޭ އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް އަމިއްލަ ތަންތަނުގައި އުފައްދާ ހަކަތަ ބޭނުންކުރުމަށް ފަހު ބާކީވާ ހަކަތަ ސްޓެލްކޯއަށް ވިއްކޭނެ "ނެޓް މީޓަރިންގް" ގަވާއިދެއް ހަދާ އެ ގަވާއިދު ތަންފީޒުކުރުން. ނަމަވެސް 2017 ވަނަ އަހަރުގެ ނިޔަަލަށް މި އުސޫލުގެ ދަށުން އިއާދަކުރަނިވި ހަކަތަ އުފައްދާ ބޭނުން ކުރަމުން އަންނަނީ އެންމެ ތިން ފަރާތުން.

2. ރާއްޖެއަށް އެތެރެކުރެވޭ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތަކުން ޑިއުޓީ މައާފްކޮށްދިނުން. އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ރިސޯޓް ތަކުންނާއި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ރާއްޖެ އެތެރެ ކުރެވިފައިވާ ވަސީލަތްތަކަށް 17،743،562 ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ވަނީ އުނިކޮށްފައި.

3. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ތިން ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ލޯނު ލިބޭ ސްކީމެއް 2008 ގައި
ތައާރަފުކުރުން. މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް މި ސްކީމުގެ ބޭނުންކޮށްފައި ވަނީ އެންމެ ހަތް ފަރާތުން.

މީގެ އިތުރުން، ސީދާ މާލެ ސަރަހައްދުގައި އިންވެސްޓް ކޮށްފައި ނުވި ނަމަވެސް، ސްޓެލްކޯއިން ވެސް އިއާދަކުރަނިވި

ހަކަތައިގައި އިންވެސްޓްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ. ވ.ރަކީދޫ، އދ.ދިއްދޫ އަދި ކ. ގުޅީފަޅުގައި ޖުމްލަ 5،327،376 ރުފިޔާ، އިއާދަކުރަނިވި ހަކަތަ އުފައްދަން އިންވެސްޓު ކޮށްފައިވާކަމަށް ރިޕޯޓުގައިވެ އެވެ.

އެހެންނަމަވެސް މި އިނާޔަތްތަކުގެ ބޭނުން މިހާތަނަށް ކޮށްފައިވަނީ މަދު ފަރާތްތަކުން ކަމަށްވާތީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ހާސިލްވަމުން ނުދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަންކަން އިސްލާހު ކުރުމަށް، ލަނޑުދަނޑިތައް ކަނޑައަޅާއިރު އެ ކަންކަން ހާސިލް ކުރެވޭނެ ވަސީލަތްތައް ހުރިނެތް ގޮތުގެ ދިރާސާއެއް ކުރުމާއެކުު ތަނުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކަން ހާސިލްވާނެ މިންވަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.

އަދި "ނެޓްމީޓަރިންގ"ގެ އުސޫލަށާއި ލޯން ސްކީމަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ހުރި ފުރުސަތުތަކާއި އޭގެ ފައިދާއާ ބެހޭ ގޮތުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރުމަށް ވެސް މިނިސްޓްރީ އާއި ސްޓެލްކޯއަށް ވަނީ އަންފައިފަ އެވެ.

ހަމައެއާއެކު ދައުލަތުން އެންޑޯޒްކޮށްފައިވާ އެނާޖީ ޕޮލިސީތައް ތަންފީޒުުކުރާނެގޮތާއި އެކަމަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި،
އެފަދަ ޕޮލިސީތައް ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމަށް އަހަރުން އަހަރަށް މޮނިޓާ ކުރުމަށް މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.

އިއާދަކުރަނިވި ހަކަތައަކީ ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ތިމާވެށީގެ ކަންކަމުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން ވެސް ވަރަށް ބޮޑަށް ބާރުއަޅާ ހަކަތައިގެ ނިޒާމެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ނިޒާމަކަށް ވާއިރު، މިއީ އެކުވެރި ދައުލަތް (އދ) އިން އެކުލަވާލައިފައިވާ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގެ މުހިންމު އެއް އަސާސެވެ.

ނަމަވެސް މި ލަނޑުދަނޑި މާލެ ސަރަހައްދުގައި ހާސިލުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، އިއާދަކުރަނިވި ހަކަތަ އުފައްދަން ރާވާފައިވަނީ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަމުގައިވާ އިރު، މާލޭގައި ސޯލާ ޕެނަލް ހަރުކުރަން އެކަށީގެންވާ ވަރަށް ފުރާޅު ނެތް ކަމަށާއި، ހުރި ފުރާޅުތަކަކީ ވެސް ސައިޒުން ކުޑަ ފުރާޅުތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި މާލެއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ހަކަތަ ބޭނުންކުރަމުން އަންނަ ރަށް ކަމަށްވާއިރު، މާލޭގައި އެވްރެޖްކޮށް 59،490 ކިލޯވޮޓް އަވާގެ ކަރަންޓު ބޭނުންކުރާ އިރު، ސޯލާ ޕެނަލް ބޭނުންކޮށްގެން މާލެއަށް ބޭނުންވާ 30 ޕަސެންޓު ކަމަށްވާ 17،847 ކިލޯވޮޓް އަވާގެ ކަރަންޓު އުފައްދާނެ ސޯލާ ޕެނަލް ހަރުކުރެވޭ ފަދަ ފުރާޅުތައް މާލޭގައި ނެތް ކަމަށެވެ.

ދެހާސް ބާރަވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް 993 ކިލޯވޮޓް އަވާގެ އިއާދަކުރަނިވި ހަކަތަ މާލެ ސަރަހައްދުގައި އުފައްދާފައިވާއިރު، 2017 ވަނަ އަހަރު މި އަދަދު ވަނީ 1225 ކިލޯވޮޓް އަވާ އަށް ވަނީ އިތުރުވެފަ އެވެ.

މިބަދަލު އައިސްފައި ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ބާރުއެޅުމުގެ ގޮތުން ދައުލަތުން "ނެޓް މީޓަރިންގް" ތައާރަފުކުރުމާ ގުޅިގެންނެވެ.

މިއަދަދަކީ ދައުލަތުން ހާސިލްކުރުމަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިއާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ނަމަވެސް، އިރުގެ އަލިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ހުޅުމާލޭގައި 1.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރެވި، 2018 ވަނަ ސްޓެލްކޯގެ ގްރިޑަށް ވަނީ ގުޅާލެވިފަ އެވެ.

comment ކޮމެންޓް