މުދިންބެ ގޯނާކުރީ 11 އަހަރުގައި، މުޅި ހަޔާތް ބިރާއި ވޭނުގައި!

ބ އަތޮޅުގެ ރަށަކަށް ނިސްބަތްވާ، އާމިނަތު އިބްރާހީމްގެ (އަސްލު ނަމެއް ނޫން) 11 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދީންނަށް މުދިންބެ ޖިންސީ ގޯނާކުރާކަން ފަޅާއެރީ އެކުދީންގެ ރައްޓެއްސެއްގެ ފަރާތުންނެވެ. ގުރުއާން ކިޔަވަން މުދިންބެ ގާތަށް ގެންދަން އުޅުމުން އެ ކުއްޖާ ބުނި ކަމަށް ވަނީ؛ "އެއީ ކުޑަކުދިންނާ ބެހޭ މީހެކޭ، އަހަންނެއް ނުދާނަމޭ"އެވެ.

ދޮށީ އަންހެން ދަރިފުޅަށް ވަމުން ދިޔަ ހުރިހާ ކަމެއްގެ އަސްލު ސަބަބު އައިމިނަތަށް ވިސްނޭން ފެށީ އެ ހިސާބުންނެވެ. ގައިން ވަރުދެރަވެ، ކުއްޖާ ތުރުތުރު އަޅައި ނުކެވި، ރޭގަނޑު ނުނިދި ކޮންމެ ހަފްތާއަކު ތިން ދުވަހު ކަހަލަ ގޮތަކަށް އެ ކުއްޖާއަށް ވަމުންދާ ގޮތްތަކަކީ، މުދިންބެގެ ފަރާތުން ކުއްޖާއަށް ލިބެމުން ދިޔަ ޖިންސީ ގޯނާތަކުގެ ނަތީޖާ އެވެ.

"ކުރިން މާލެ ގޮސް ޑޮކްޓަރަށް ދެއްކިން. ދެއްކީމާ ބުނީ ނަފްސާނީ ކަމެކޭ. އަހަރެންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު ވިސްނާ ވިސްނާ ވެސް އެކަހަލަ ކަމެއް ދިމާވާންޖެހޭ ސަބަބެއް އޭރު. މިކަން އެނގުނީމަ [މުދިންބެ ޖިންސީގޯނާ ކުރާކަން އެނގުނީމާ] އަދި މި އެނގުނީ އެހެންވެ ވާގޮތެއް ކަން،" އާމިނަތު ކިޔައިދިނެވެ.

އެކުވެރިޔާގެ ފަރާތުން ލިބުނު މައުލޫމާތާއެކު އެކަމުގެ ހަގީގަތް ހޯދަން އާމިނަތު އޭނާގެ ދޮށީ ދަރިފުޅު، އައިޝާއާ (އައިސްލު ނަމެއް ނޫން)ސުވާލު ކުރި އެވެ. ކޮއްކޮ ގާތު ނުބުނާނެ ކަމަށް މަންމަ ލައްވައި ހުވާކޮށް، މުދިމުގެ ނުބައި އަމަލުތައް ތަފްސީލްކޮށް މަންމައަށް ކިޔައިދޭން އައިޝާ މަސައްކަތް ކުރި އެވެ. ނަމަވެސް "މަންމައަށް ކިޔައިދޭން ބޭނުންވުން" ފިޔަވައި އިތުރު ޖުމްލައެއް އެކުއްޖާއަށް ބުނެވޭ ވަރެއް ނުވި އެވެ. އެ ވާހަކަ ފަށާއިރަށް އޭނާގެ އަނގަ ބަންދުވެ އެވެ.

އެފަދަ ހާލެއްގައި އުޅުމަށްފަހު މުދިންބެ އޭނާއަށް ކޮންމެ ދުވަހަކު ކުރަމުން ދިޔަ ގޯނާ މަންމައަށް ކިޔާދެވުނީ ފަސް ވަރަކަށް ދުވަސް ފަހުންނެވެ.

އެންމެ ފުރަތަމަ މުދިންބެ އެ މުޑުދާރު އަމަލު ހިންގީ މިސްކިތް ތެރޭގަ އެވެ. އޭރު އޭނާ "ގުރްއާން ކްލާސް" ހިންގީ މިސްކިތުގަ އެވެ. އެއަށްފަހު އޭނާގެ ގެއަށް ގުރުއާން ކުލާސް ބަދަލުކޮށް ކުދިން ގެންދަން ފެށި އެވެ. އަދި ގޭގައިވެސް އެކުދިންނަށް ޖިންސީ ގޯނާ ކުރަން ފެށި އެވެ.

މުދިންބެ ދަރިފުޅަށް ކޮށްފައިވާ ޖިންސީ ހާނިކަތައް ދަރިފުޅުގެ އަމިއްލަ ދުލުން ތަފްސީލުކޮށް އާމިނަތަށް އަޑުއިވެން ފެށުމުން އޭނާގެ ލޭ ކެކެމުން ދިޔަ އެވެ. ލޯބިން ބަލައިބޮޑުކުރަމުން އައި ދެ ކުދިން، އަނިޔާވެރި މީހެއްގެ ވަކިތަކުގެ ޝިކާރައަކަށް ވެގެން ދިޔައީ އެވެ. އެ ކުދީންގެ އެއްވެސް ކުށެއް ނެތެވެ.

އައިޝާ ކިޔައިދިން ގޮތުގައި މުދިންބެގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާކުރަން ފެށީ އުމުރުން އެންމެ ހަ އަހަރުގަ އެވެ. މިހާރު އޭނާއަށް 24 އަހަރުވެއްޖެ އެވެ.

މިސްކިތުގައި ގުރުއާން ކުލާސް ހިންގި އިރު، ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ކުދިންގެ ކިޔެވުން ޓެސްޓު ކުރުމުގެ ނަމުގައި "އެކަހެރި" ކުލާސްތަކެއް މުދިންބެ ބާއްވާ ކަމަށް އައިޝާ ބުންޏެވެ. އަދި "ޓެސްޓު"ކުރުމުގެ ނަމުގައި، މިސްކިތަށް ވައްދަނީ ފަހަރަކު ކުއްޖެކެވެ.

"މިއިން އެއްވެސް ދުވަހެއްގައި ގުރުއާން ކިޔެވި ހަނދާނެއް އަހަންނެއް ނުވޭ،" މިހާރު ބޮޑުވެފައި ހުރި އައިޝާއަށް މުދިންބެގެ ފަރާތުން ކުޑައިރު ލިބެމުން ދިޔަ އަނިޔާތައް ކިޔައިދިނެވެ.

ކުދިންގެ ކިޔެވުން ޓެސްޓު ކުރުމުގެ ނަމުގައި މުދިންބެ ގެންދިޔައީ އޭނާގެ އަމިއްލަ އެދުންވެރިކަން ފުއްދަމުންނެވެ. ކުދިންގެ ގައިގައި އަތްލައި، އޭނާގެ ޖިންސީ ގުނަވަން ކުދިންނަށް ދައްކައި އެތައް މުޑުދާރު އަމަލެއް އޭނާ ހިންގި އެވެ.

މިސްކިތުގައި ހިންގަމުން ދިޔަ ކްލާސްތައް އޭނާގެ ގެއަށް ބަދަލުކުރި ހިސާބުން ފެށިގެން، "ޓެސްޓް" ކްލާސްތައް އިތުރުވަމުން ދިޔަކަމަށް އައިޝާ ބުންޏެވެ. އަދި ކޮންމެ ދުވަހަކުވެސް އެންމެ ފަހުން ގެއަށް ފޮނުވާލާ ކުއްޖަކީ އައިޝާއަށް ވިއެވެ. މިއިން ކޮންމެ ދުވަހަކު ވެސް މުދިންބެ ދިޔައީ ކުޑަކުޑަ އައިޝާގެ ކުރިމަތީގައި އެތައް ނުބައި އަމަލުތަކެއް ހިންގަމުންނެވެ. ބައެއް ފަހަރު އައިޝާ ގުރުއާން ކިޔަވަން އިންނަ ވަގުތުވެސް، އައިޝާގެ ގައިގާ މުދިންބެ އަތްލަ އެވެ.

މުދިންބެ ކުރަމުން ދިޔައީ ކިހާ ނުބައިކަމެއްކަން ވިސްނޭ ވަރަށް ވުރެ އެތުއްތު ކުއްޖާގެ ސިކުނޑި އޭރު ވަރަށް ޅަ އެވެ. އައިޝާއަށް ވިސްނިފައި އޮތީ މުދިންބެ އޭނާގެ އަތުން ފީއެއް ނުނަގާތީ، އޭނާއަށް ލިބެމުން ދިޔަ ގޯނާއަކީ އޭގެ އަގު ކަމަށެވެ.

މިގޮތުގައި ހުއްޓުމެއް ނެތި ހަތް އަހަރު ވަންދެން ޖިންސީ ގޯނާ ލިބެމުން ދިޔަ އެވެ. އެ ގޯނާތަކުގެ ސަބަބުން އެހާ ކުޑައިރު ޑިޕްރެޝަނަށް ވެއްޓި، ދުނިޔެ މަތިން އައިޝާ ހުރީ މިހާރު ފޫހިވެފަ އެވެ. ކުޅިވަރާ މަޖަލުގައި އެހެން ކުދިން އުޅެމުން ދިޔައިރު، އައިޝާ ވަށައިލީ މޮޅިވެރިކަމެވެ. އޭނާއަށް ދުނިޔެވީ ނުތަނަވަސްކަމާއި ބިރުވެރިކަން ގެންނަ ތަނަކަށެވެ.

އައިޝާއަށްވެސް އޭރު ވިސްނިފައި އޮތީ އޭނާ ދައްކާ ވާހަކަ މީހުން ގަބޫލު ނުކުރާނެ ކަމަށެވެ. ކުޑަ ކުއްޖަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ މީހުން ކިޔާނީ ކީކޭ ބާއޭ ހިތަށް އަރައި އޭނާ އެވާހަކަތައް ފޮރުވީ އެވެ.

ނަމަވެސް ދުނިޔޭގެ ލަދަށް، ނުވަތަ މީހުން ކިޔާނެ އެއްޗަކަށް ބެލުމެއް ނެތި މުދިންބެގެ އަނިޔާއިން ދެ ދަރީންނާއި، އެރަށުގެ އެހެން އަންހެން ކުދިން ސަލާމަތްކުރަން ނުކުތީ މަންމަ އައިމިނަތެވެ. މުދިމު ކުރަމުން ދިޔަ ކަންކަން ދަރިފުޅު އައިޝާ ކިޔާދިނުމާއެކު އައިމިނަތު ވަނީ ރަށު އޮފީހުގައި މައްސަލަ ޖައްސައިފަ އެވެ. އަދި އެ ސިއްރު މުޅި ރަށަށް ފަޅާއަރުވާލައި މުދިމު ބޭޒާރުކޮށްލި އެވެ.

އެއީ 2007 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅެވެ. ރަށު އޮފީހުގައި މައްސަލަ ޖެއްސިތާ ދެތިން ދުވަސް ތެރޭ ފުލުހުން އެރަށަށް އައިސް މައްސަލަ ތަހުގީގުކުރަން ފެށި އެވެ. އަދި ތަހުގީގަށް ބަޔާން ދިނުމަށް އައިޝާ އާއި އައިޝާގެ ކޮއްކޮ އޮފީހަށް ގެންދިޔަ އެވެ.

"ފިރިހެން ފުލުހުންތަކެއް އައިސް ސުވާލު ކުރަން ފެށީމަ އެކުދިންނަކަށް ނުކެރުނު ކިޔާދޭކަށް. އެހެންވެ އަޅުގަނޑު ބުނީ އަޅުގަނޑު ލީ ސިޓީ ފެނުނު ހެއްޔޭ. ސިޓީގައި ހުންނާނެ އެކުއްޖާ ކިޔާދިން ހުރިހާ ވާހަކައެއް ވެސް ހިމަނާފައި. ދެން ސިޓީ ބަލާފަ އެދުވަހު ފޮނުވާލީ،" އާމިނަތު ބުންޏެވެ.

ނަމަވެސް ފަހުން ޖެންޑާ މިނިސްޓްރީގެ ޓީމަކުން އެރަށަށް ގޮސް އާމިނަތުގެ ހަގު ކުއްޖާއާ ސުވާލު ކުރުމުން، އެކުއްޖާއަށް ކޮށްފައިވާ ގޯނާތައް ކޮންމެސް ވަރަކަށް ކިޔައިދިނެވެ. ނަމަވެސް ދޮށީ ކުއްޖާގެ ބަޔާން ނެގޭ ގޮތެއް ނުވި އެވެ. އެހެންކަމުން ޖެންޑާއިން އެދުނީ އިތުރަށް އެވާހަކަ ނޭހުމަށެވެ.

އެހިސާބުން ފެށިގެން އައިމިނަތުގެ ދަރިންނަށް އަޑު އިވޭ ވަރަށް މުދިމުގެ ނަން ވެސް ނުގަނެ އެވެ. މައްސަލައިގެ ތަހުގީގު ނިމި، 2010 ވަނަ އަހަރު ކޯޓުގައި މައްސަލަ ހިނގައިގަނެ، މިދިޔަ މަހުގެ ފުރަތަމަ ދުވަހު މައްސަލަ ނިންމި އިރުވެސް، އެގޭގެ ތެރޭގައި އިތުރަށް އެވާހަކައެއް ނުދައްކަ އެވެ.

ކޯޓުގައި މައްސަލަ ހިނގާތާ ނުވަ އަހަރު ފަހުން، ކޯޓުން ހުކުމް ކުރީ މުދިންބެގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. މައްސަލަ ސާބިތުނުވީ އެކަށީގެންވާ ވަރަށް ހެކި ނެތިގެންނެވެ.

ނުވަ އަހަރު ވަންދެން އައިޝާގެ މަންމަ ހުރީ އޭނާގެ ދެ ދަރީންނަށް އިންސާފު ލިބޭނެކަމަށް އުންމީދު ކޮށްގެންނެވެ. އޭނާގެ ދެދަރިން ރޮމުން ކިޔައިދިން ވާހަކަތައް ހެއްކަކަށް ފުދޭނެ ކަމަށް އޭނާ ހީކުރި އެވެ. ނަމަވެސް އެންމެ ފަހުން މައްސަލަ ނިމުނީ އާމިނަތު ރޮއްވާލައިފަ އެވެ. ދެ ދަރީންގެ ދުނިޔެ އެފުށް މިފުށަށް ޖަހައިލި މީހާއަކީ ކުށެއް ނެތް ސާފު މީހެއްކަމަށް ކޯޓުން ނިންމީ އެވެ. ދެ ދަރީން އަދިވެސް އެ މީހާ ފެނުމުން ބިރުން އިސް ޖަހާއިރު، މުދިމު މީހާ އިސް އުފުލާލައިގެން އުފަލުގައި ރަށު ތެރޭގައި އުޅެމުން ދަނީ އެވެ.

ސަތާރަ އަހަރު ވަންދެން އައިޝާގެ ހިތުގައި ފޮރުވާފައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލީ ކޯޓުން ކުރި ހުކުމުގެ ސަބަބުންނެވެ. ފާއިތުވި ކޮންމެ ދުވަހެއްގައި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއި، ފެންނަ ބިރުވެރި ހުވަފެންތައް މުޅި ދުނިޔެއާ ހިއްސާކުރަން ހިތްވަރު ލިބުނީ، ލިބުނު ނާއުންމީދުގެ ސަބަބުންނެވެ.

"މިވާހަކަ ދައްކަން އަހަންނަށް ވަރަށް ދުވަސް ނަގައިފި. އަހަންނަށް ކުރިން މިވާހަކަތައް ކިޔާދެވުން ނަމަ، މިއަދު އޭނަ މިނިވަނެއްގެ ގޮތުގައި ނުހުންނާނެ ކަންނޭނގެ،" އައިޝާ ބުންޏެވެ.

މުދިންބެގެ ޝިކާރައަކަށްވީ އައިޝާ އާއި އޭނާގެ ކޮއްކޮ އެކަންޏެއް ނޫނެވެ. އެ މުޑުދާރު މީހާގެ ގޯނާ ރަށުގެ އެތައް ކުދިންނަކަށް ލިބިފައިވެ އެވެ. ނަމަވެސް އެވާހަކަ ދައްކަން އަދިވެސް އެމީހުން ޖެހިލުންވެ އެވެ. އެވާހަކަ ދައްކަން ފަށާއިރަށް، ހަނދާން ކުރަން ބޭނުން ނުވާ އެތައް ކަމެއްގެ ހަނދާންތައް އާވެ، މުޅި ދުވަސް ހަރާބުވެ އެވެ.

"އެކަމަކު މިކަން ނިމުމަކަށް އަންނަން ޖެހޭ. ހެކި ނެތުމަކީ އޭނާ އެކަން ނުކުރާ ކަމަށް ގަބޫލު ކުރެވޭނެ އުޒުރެއް ނޫން. ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވިޔަސް ﷲ ދެނެވޮޑިގެންވާނެ ހަގީގަތަކީ ކޮބައިކަން. ލަދެއް އަދިވެސް އޮތިއްޔާ މީހުން ކުރިމަތީ ނޫޅޭނެ. މިހާރުވެސް ކިތައް ކުދިންގެ ދިރިއުޅުން ކަމެއް ނޭނގެ ހަލާކުވަމުން ދަނީ،" އައިޝާ ބުންޏެވެ.

އައިޝާ ގަބޫލުކުރާ ގޮތުގައި މުދިންބެ ކުށަށް އިންކާރު ކުރީ އޭނާ ކޮށްފައިވާ އެއްވެސް ކަމަކާމެދު އޭނާ ލަދުނުގަންނާތީ އެވެ.

"އަހަރެން މިހާ ދުވަސް ވަންދެން ވެސް ކެތް ކުރީ. އަދިވެސް ކުރާނަން. އަހަންނަކީ ހިތްވަރުގަދަ މީހެއް. އަދި އަހަންނަކީ އީމާންތެރިކަން ވަރުގަދަ މީހެއް. ﷲގެ ހަޟްރަތުގައި އޭނާއަށް ހައްގު އަދަބު ލިބޭނެ،" އައިޝާ ބުންޏެވެ.

ތެދެކެވެ. އައިޝާ އަކީ ވަރަށް ހިތްވަރުގަދަ އަންހެނެކެވެ. އުމުރުން ހަ އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، އެ ބިރުވެރިކަމުން އަދިވެސް ސަލާމަތްނުވެވެ އެވެ.

އައިޝާގެ މަންމަ ބުނީ އޭނާގެ ދެ ކުދިންނަކީ ވެސް ކިޔެވުމަށް މޮޅު ދެކުދީން ކަމަށެވެ. އައިޝާއަކީ މިހާރު ޓީޗަރެކެވެ. ނަމަވެސް މާސްޓާޒްވެސް ފެށުމަށްފަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ އެވެ.

ހަމަ މުދިމުގެ ސަބަބުންނެވެ. އައިޝާމެން ގޮވައިގެން އާމިނަތު މާލެ ބަދަލުވިތާ ގިނަ ދުވަސްތަކެއް ނުވެ މުދިމުވެސް އާއިލާ ގޮވައިގެން މާލެ ބަދަލުވި އެވެ. ކުދިން ކިޔަވާ ނިމިގެން އަލުން ރަށަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ބަދަލުވިތާ ތިން މަސް ނުވެ މުދިމު އަނެއްކާވެސް ރަށަށް ބަދަލުވެއްޖެ އެވެ.

"ވަރަށް މޮޅު ކުދިންތަކެއް. އެކުދިންނަށް ބޭނުންވި ވަރަކަށް ނުވެސް ކިޔެވުން. މާސްޓާޒް ފަށާފަވެސް ނުވެގެން ހުއްޓާލާފަ އައީ. މި ހުރިހާ ކަމަކާ ހެދި. އޭނާ ފެނޭ. ފެންނަ ހިސާބުގައި އެނބުރެނީ. ރަށަށް އަންނަ އިރަށް ރަށަށް އައިސް ވެސް ފެންނަ ހިސާބުގަ އެނބުރެނީ،" އާމިނަތު ބުންޏެވެ.

މުދިމު ފެންނަ އިރަށް އައިޝާ މިހާރުވެސް ބިރުން ތުރުތުރު އަޅަ އެވެ. އެތައް ދުވަހަކު ކުލާހުގައި ދަރިވަރުންގެ ކުރިމަތީގައި ރޮވިއްޖެ އެވެ. ވާގޮތެއް އެނގެނީ މަދު މީހަކަށެވެ. މުދިމު ފެންނަ އިރަށް މުޅި މީހާ ބިރުން ތުރުތުރު އަޅައި، އަތުގައި އޮންނަ އެއްޗެއް ވެއްޓޭ ވަރުވެ އެވެ. އަދި އައިޝާ ބޮލަށް އެނބުރުން އަރައިގަނެގެން އެތައް ފަހަރަކު މީހުންގެ އަތްދަނޑިމައްޗަށް ލައިގެން ގެއަށް ވެސް ގެންނަން ޖެހިފައި އެބަހުއްޓެވެ.

"17 އަހަރު މިވީ އެކުއްޖާ އެހެން އުޅޭތާ،" އާމިނަތު ރޮއެފައި ކިޔާދިނެވެ.

ރޭގަނޑުގެ ނިދިންވެސް އައިޝާއާއި އޭނާގެ ކޮއްކޮ ވަނީ މަހްރޫމުވެފަ އެވެ. ހުވަފެނުގައިވެސް އެ ނުބައި މީހާ ފެންނަނީ އެވެ. މުދިމު ދިން އަނިޔާއިން މިންޖުނުވެވި، ދެކުދިންގެ ދިރިއުޅުން މިވަނީ އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ.

އަމިއްލަ ހަށިގަނޑަށްވެސް ނަފުރަތު ކުރެވެ އެވެ. ލޯގަނޑުން އަމިއްލަ މީހާގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ވެސް އެތައް ހަނދާންތަކެއް އައިޝާއަށް އުނދަގޫކުރެ އެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް އިތުބާރެއް ނެތެވެ. ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުމެއް ފަށަން ހިޔާލުކޮށްލާއިރަށް ވެސް، އޭނާއާ އިންނާނެ މީހަކު ނުވާނެކަމަށް ވިސްނެ އެވެ.

އައިޝާ ބޭނުންވަނީ އެ ހިތި ހަނދާންތަކާ ދުރުވާށެވެ. ނަމަވެސް ގުރުއާން ކިޔަވާ ކޮންމެ ފަހަރަކު، ނުވަތަ މީހަކު ގުރުއާން ކިޔަވާ އަޑު އިވުނަސް، ބަންގީގެ އަޑު އިވުނަސް އެހުރިހާ ކަމެއް ހަނދާންވެ އެވެ.

ޓީޗިން ޑިޕްލޮމާ ހެދިއިރު، މޮޑިއުލްއެއްގެ ގޮތުގައި ވެސް ގުރުއާން މާއްދާ އޮތެވެ. މި އުނދަގޫތަކުގެ ސަބަބުން އެ މޮޑިއުލްއިން އައިޝާ ދެފަހަރު ފެއިލްވި އެވެ. އެކަމާ އައިޝާ ދެރަވެ ލަދުގަތެވެ. ގުރުއާން ކިޔަވާ އަޑުން އެހެން މީހުންގެ ހިތަށް ފިނިކަން ލިބޭއިރު، އައިޝާގެ ހިތަށް ވަންނަނީ ބިރުވެރިކަމެކެވެ.

މިކަމުން ކޮންމެސް ވަރެއްގެ ލުޔެއް ލިބޭތޯ މި ދެކުދިންވެސް އަންނަނީ އަދިވެސް ކައުންސިލިން ނަގަމުންނެވެ. މިހާރު ކުރިން ވާ ވަރަށް އުނދަގޫ ނުވި ނަމަވެސް، ދިރިއުޅުން ފަސޭހައެއް ނޫނެވެ. އުޅެން ޖެހިފައި އޮތީ ހާސްކަމެއްގެ ތެރޭގަ އެވެ. މަގުމަތީގައި ހިނގަން ޖެހެނީ އިސްދަށަށް ޖަހައިގެންނެވެ. ބިރަކީ އެ މީހުންނަށް އަނިޔާދިން މުދިންބެ ފެނިދާނެތީ އެވެ.

"އޭނާ ފެންނަ އިރަށް އަހަންނަށް ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވޭ. އަލުން ހަމައަކަށް އެޅެން ދެތިން ދުވަސް ނަގާ. އެ ދުވަސްތަކުގައި އަހަންނަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭ،" އައިޝާ ބުންޏެވެ.

އެ ރަށުގައި ޖިންސީ ގޯނާ ލިބުނު ގިނަ ކުދިންގެ ހާލަކީވެސްމި އެވެ. އެކުދިންނަށް އަދިވެސް މިވާހަކަ ދައްކަން އުނދަގުލެވެ. މުދިމު ދިން އަނިޔާގެ ނިޝާނެއް އެކުދިންގެ ހަށިގަނޑުން ފެންނާން ނެތް ނަމަވެސް، އެކުދިންނަށް ލިބުނު ނަފްސާނީ ގެއްލުން އަދިވެސް ހުރީ ތާޒާކޮށެވެ. ހިތުގައި ހުރި އެ ފާރުގަނޑުތައް ފަސޭހައެއް ނުވެ ހުރީ ހަމަ ރޮލަށެވެ. އެ ބިރުވެރިކަމުން ސަލާމަތްވާން އަދި ކިހާ ދުވަހެއް ނަގާނެކަން އަންދާޒާކޮށްލަންވެސް ދައްޗެވެ.

ދަށު ކޯޓުން ކުރި ހުކުމް މިހާރު ވަނި ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އާމިނަތު ބުނީ ދެ ދަރީންނަށް އިންސާފު ހޯދަން އޭނާ ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. މުދިމަށް ހައްގު އަދަބު ދެވުމުން ނޫނީ އޭނާގެ ފަރާތުން ގޯނާ ލިބުނު އެއްވެސް ކުއްޖަކަށް ކުޑަވެސް ލުޔެއް ލިބޭނެ ކަމަކަށް އާމިނަތު ގަބޫލެއް ނުކުރެ އެވެ.

"އެއް ތަނަކުން ނުވިއްޔާ އަނެއް ތަނަކަށްވެސް އަހަރެން ދާނަން. ނެތިން މި މަސައްކަތް ހުއްޓާލާކަށް،" އާމިނަތު ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ކޯޓުގެ ހުކުމާ ގުޅިގެން ގިނަ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެ ރަށުގެ ގިނަ މީހުން ވެސް ބުނާ ގޮތުން މުދިންބެ އަކީ، "ޖަލުގައި އޮންނަން ޖެހޭ" މީހެކެވެ.

މުދިމުގެ މިފަދަ އިތުރު މައްސަލަތަކެއް ފުލުހުން ބަލާކަމުގެ މައުލޫމާތު ލިބިފައިވާ އިރު، އޭނާގެ އަނިޔާ ލިބުނު ކުދިން ތިބީ ގާނޫނު އޭނާއާ އަރާ ހަމަކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކުދިންގެ ދިރިއުޅުމަށް އޭނާ ލީ ޒަހަރުގެ ބަދަލު މި ދުނިޔެމަތީގައި ލިބޭތަން ދެކެން އެ ކުދިންނާއި އާއިލާތައް އިންތިހާއަށް ބޭނުންވެ އެވެ.

comment ކޮމެންޓް