އައްޑޫ އެއާޕޯޓް ހިންގަން ހިއްސާދާރުންގެ އެހީ ބޭނުން: ޕީސީބީ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝެއާ ހޯލްޑަރުންގެ އެހީ އާއި ނުލާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑަށް ކުރިއަށް ދެވެން ނެތްކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

ސަރުކާރު ކުންފުނިތަކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.

އެ ކުންފުންޏަށް އާމްދަނީ ލިބޭ އެއް ވަސީލަތަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލް ވިއްކައިގެން ލިބޭ އާމްދަނީ އެވެ. 2018 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖެޓްފިއުލް ވިއްކައިގެން ލިބުނު އާމްދަނީވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖެޓްފިއުލް ވިއްކައިގެން އާމްދަނީގެ ގޮތުގައި 8،542،096 ރުފިޔާ ލިބުނު އިރު މިއަހަރުގެ އެމުއްދަތުގައި އެކުންފުންޏަށް ލިބިފައިވަނީ 6،946،236 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 18.68 ޕަސެންޓު ދަށް އަދަދެކެވެ.

އެއް އަހަރުން އަނެއްއަހަރަށް ކުންފުނީގެ ދަރަނި އިތުރުވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ނެގެޓިވް އީކުއިޓީ އިތުރުވަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.ކުންފުނީގެ ދަރަނި އިތުރުވަމުންދާކަން ފާހަގަކޮށް ރިޕޯޓުގައި ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނީ އޭއައިއޭ އޮތީ ދަރަނި އަދާކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ކުންފުންޏަށް ކުރިއަށްދެވެންއޮތީ ކުންފުނީގެ ޝެއާހޯލްޑާރުންގެ އަތުން ފައިސާ ހޯދައިގެން ކަމަށެވެ. އިތުރު ދަރަންޏެއްގެ ޒިންމާ އެކުންފުންޏަށް ނެގޭނެކަމަށް ނުބެލެވޭކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އައްޑޫ އެއާޕޯޓު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީ ދަށްވަނީ އެ އެއާޕޯޓަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އަދަދު މަދުވުމުން ކަމަށާއި އޭގެ އަސަރު ކުންފުނީގެ ނެޓް ލޮސް އަށް ކުރާ ކަމަށެވެ. މީގެ އިތުރުން ކުންފުނީގެ ހިންގުމުގެ ހަރަދު، ލިބޭ ފައިދާ އާއި ނުބައްދަލުވުމަކީވެސް ގޮންޖެހުމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.

ކުންފުނީގެ ހިންގުން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް އެއާޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރެވިދާނެ ކަމަށާއި އައްޑޫ ސަރަހައްދުގައި ޓޫރިސްޓު އެނދު އިތުރުވެއްޖެނަމަ އޭގެ ރަނގަޅު އަސަރު އެއާޕޯޓަށްވެސް ކުރާނެ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ބާރު އަޅާފައިވާއިރު ކުންފުންޏަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ހޯދަން އަވަސް ކުރުމަށް ވަނީ ބާރު އަޅައިފައެވެ.

ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސްޓާފުން މަދުކޮށް، ފޯނު ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ކުންފުންޏަށް ފައިދާނުވާނެގޮތަކަށް ހުރި އެއްބަސްވުންތައް ބާތިލްކޮށް ބިޒްނަސް ޕާޓްނަރުންނާއެކު އެއްބަސްވުންތައް ހަދާއިރު ކުންފުންޏަށް ފައިދާވާނެހެން އެއްބަސްވުންތައް އެކުލަވާލުމަށްވެސް ވަނީ ބާރު އަޅައިފައެވެ.

comment ކޮމެންޓް