އިންތިޤާލީ އިންޞާފުގެ އޮފީހެއް ހެދުން ބުއްދިވެރި ބާ؟

ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން --- ފައިލް ފޮޓޯ: ރައީސް އޮފީސް

އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގައިމު ކުރުމަށް ސަރުކާރުން ނިންމައިފި ކަމުގައިވެ އެވެ. މި އޮފީހުން ކުރާނެ މަސައްކަތް ތަކުގެ ތެރޭގައި މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި ޚިލާފް ޖަރީމާތައް ބެލުން ހިމެނެ އެވެ. އަދި އަނިޔާ ލިބުނު މީހުން ނަށް އިންޞާފް ހޯދައި ދިނުން ވެސް ހިމެނެ އެވެ. އަނިޔާ ލިބުނު ފަރާތްތަކަށް ޙަޤީޤީ އިންޞާފް ހޯދައި ދެވޭ އިރު، އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ލިބެން ވާނެ އެވެ. އަޅުގަނޑު މެން ދުރު ދުރުން ބަލާލުމުން ވެސް އަނިޔާ ލިބުނު ކަމަށް ގިނަ ބަޔަކު ދެކޭ ވަރަށް ގިނަ މީހުން އެބަ ތިއްބެވެ. އަނިޔާ ލިބުނީ ކޮން ގޮތަކަށްތޯ ބަލައިލާ އިރު އަނިޔާ ލިބިފައި އޮންނަނީ އެއިރު ވެރިކަމުގައި އޮތް ސަރުކާރުގެ މުއައްސަސާ އެއްގެ ނިންމުމެއްގެ ސަބަބުން ނެވެ. އަނިޔާވެރި ނިންމުން ނިންމާ ފައި އޮންނާނީ އެ އިރު އެ މުއައްސަސާ އެއްގައި އަމުރު ކުރެވޭ ހިސާބުގައި ހުރި މީހެކެވެ. ސަރުކާރުގެ ނިންމުމެއްގެ ގޮތުގަ އެވެ. އަނިޔާ ލިބުނު މީހާ އަށް އެ ލިބުނު އަނިޔާ އަށް މާލީ ބަދަލެއް ދެވޭ ނަމަ، އެ ބަދަލެއް ދެވޭނީ ވެސް ސަރުކާރުން ނެވެ. އަނިޔާ ލިބުނު މީހާގެ މައްޗަށް އަނިޔާ ކުރިކަން ސާބިތު ވެއްޖެ ހިންދެއްގައި، މާލީ ބަދަލެއް ބޭނުންވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެ ކަން ކޮށްދެވޭނޭ މާލީ ޤާބިލު ކަން ސަރުކާރުގައި ހުންނާނެ ބާވަ އެވެ؟ އަޅުގަނޑުމެން މި ދައްކަނީ އެކަކު ދެމީހެއްގެ ވާހަކަ އެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ މީހުންގެ ވާހަކަ އެވެ.

މުއައްސަސާތަކުން ނުވަތަ މުއައްސަސާތަކުގެ ވެރިންގެ ފަރާތުން "އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ބަލައި އަނިޔާ ލިބުނު ފަރާތްތަކަށް އިންޞާފް ހޯދައި ދިނުމުގެ" މީޓަރު ކެނޑެނީ 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނެވެ. ނިމެނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި، ޙަވާލުވެ ވަޑައިގެންނެވި ހިސާބުން ނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ މި ބެލެނީ ޕީޕީއެމްގެ ވެރިކަމުގައި މުއައްސަސާތަކުން ނުވަތަ މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ހިންގާ ފައި ވާ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާ ޚިލާފަށް ހިންގާ ފައިވާ ޖަރީމާތަކުގެ ވާހަކަ އެވެ. އެ މުއްދަތުގެ ތެރޭގައި އަނިޔާ ލިބުނު ފަރާތްތަކަށް އިންޞާފް ހޯދައި ދޭ ވާހަކަ އެވެ.

ޕީޕީއެމްގެ ވެރިކަމުގައި، މުސްތަޤިއްލު މުއައްސަސާ އަކަށް ވިޔަސް ނުވަތަ މުސްތަޤިއްލު މުއައްސަސާ އަކަށް ނުވިޔަސް ޤާނޫނީ އިމުން ބޭރުން ބައެއް މުއައްސަސާތަކުން، ވަރަށް ގިނަ ކަންތައްތައް ކޮށްފައި ހުރި ކަމުގެ ތުހުމަތު ވަރަށް ގިނަ ރައްޔިތުން ކުރެ އެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ގެއްލުން ލިބިފައިވާ ކަމުގައި ވެސް ވަރަށް ގިނަ މީހުން ބުނެ އެވެ. އަދި އެމީހުން ތަޖުރިބާކޮށްފައިވާ ކަމުގައި ވެސް ބުނެ އެވެ. ބައެއް މުއައްސަސާތަކުން ޤާނޫނީ އިމުން ބޭރުން ކަންތައް ކޮށްފައި އޮތް ކަން އެންމެ ބޮޑަށް ކަށަވަރު ވާ ކަމުގެ އެއް ޙަޤީޤަތަކީ އެ މުއައްސަސާތަކުން ކުރިން ނިންމާ ފައި ހުރި ބައެއް ކަންތައްތައް ސަރުކާރު ބަދަލު ވުމުން ކުރިން ނިންމާފައި ހުރި ގޮތާ ދިމާ އިދިކޮޅަށް ނިންމާ ފައި ހުރި ކަމެވެ. ކަންތައް ނިންމަން ތިބީ އެއް ބަޔެކެވެ. ޤާނޫނަށް ބަދަލެއް ނާދެ އެވެ. ހަމަ އެކަނި ބަދަލުވީ ސަރުކާރެވެ. ވިސްނުމެވެ.

މުއައްސަސާތަކުން އިންސާފަށް ފުށުއަރާ ގޮތަށް ނިންމި ނިންމުންތައް ނިންމާފައި ވަނީ އެއިރު ވެރިކަމުގައި އޮތް ސަރުކާރާ ޚިޔާލު ތަފާތު ފަރާތް ތަކުގަ އެވެ. ނުވަތަ ކޮންމެވެސް އެހެން ނާޖާއިޒު ނުފޫޒެއްގެ ތެރެއިން ކަމަށް ބުނެ އެވެ. މިހާރު ވެރިކަމުގައި އޮތް ސަރުކާރުގައި ލިބެން ނުވާ އަދަބު ލިބުނު ވަރަށް ގިނަ މީހުން ހިމެނެ އެވެ.

އިންތިޤާލީ އޮފީހެއް، ކިތަންމެ ރަގަޅު މަޤްޞަދެއްގައި ގައިމު ކުރެވުނަސް، މިހާރުގެ ސަރުކާރާ ޚިޔާލުއެއް ގޮތް ނޫން މީހުން، މި ކަމަކީ ބަދަލު ހިފުމުގެ މަޤްޞަދުގައި ކުރެވުނު ކަމެއްގެ ގޮތުގައި ސަރުކާރުގައި އިލްޒާމް އެޅުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ހަމަ ޤަބޫލު ކުރާ ބަޔަކަށް އެކަން ޤަބޫލު ކުރަން ވެސް ވަރަށް ފަސޭހަ ވާނެ އެވެ. ސަބަބަކީ ތަޙްޤީޤް ހިންގުމަށް ކަނޑައަޅާ ފައި އޮތް މުއްދަތުންނެވެ. ކުރީގެ ސަރުކާރު ވެރިކަމުގައި އޮތް މުއްދަތެވެ.

ބައެއް ކަންތައްތައް އަވަސް ކުރުމަށް ސަރުކާރުން ތަފާތު ކޮމިޝަން އުފައްދައިގެން މަސައްކަތް ކުރެ އެވެ. ބޭނުންވާ މިންވަރަށް މަސައްކަތްްތައް އަވަސް ވޭ ތޯ އެވެ. ބައިނުލް އަޤްވާމީ މުޖުތަމަޢަ އަށް ސަރުކާރުން ދައްކަން ބޭނުން ވަނީ ހުރިހާ ކަމެއް ވެސް ކުރެވެނީ ޤާނޫނީ އިމުގެ ތެރެއިން ކަން ދެއްކުމަށް ކަން އެނގެ އެވެ. އެހެންނަމަވެސް ބައެއް ކަންތައްތައް ލަސްވުމުން ބޮޑެތި ކުށް ކޮށްފައި ތިބެ، ކުށުގެ އަދަބަކާ ހަމަ އަށް ނުގެންދެވި ތިބި މީހުންނަށް އިތުރު ހިތްވަރެއް ލިބެ އެވެ. އެ މީހުންގެ ކުށް ސާބިތު ކުރެވޭނެ ވަރަށް ހެކި ނުލިބެނީ ކަމަށް ހީ ކުރެވެ އެވެ. ކުށް ކޮށްގެން ތިބެ ވެސް އެ މީހުންނަށް ރައްޔިތުން ނަށް އޮޅުވާ ލައިގެން ކުރީ ސަފަށް ނުކުމެވިދާނެ ކަމުގެ ޔަޤީން ކަން ލިބެ އެވެ.

އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ގެނައުމުގެ ޒިއްމާ އުފުލާ ފަރާތްތަކުން ވެސް، އަޅުގަނޑު މެންނަށް ނުރައްކާތެރި ކަންތައް ގެނައުމުގައި ބިރުގަންނަ ދަރަޖަ އަށް ބައިވެރި ވެފައި އެބަ ތިއްބެވެ. ޤާނޫނާ ޚިލާފް ކަންތައް ކުރުމުގެ ބައިވެރިންގެ ތެރޭގައި އެ މީހުން މަސައްކަތް ކުރާ ދާއިރާގައި، އެތައް އަހަރެއްގެ ހިންގުމުގެ ތަޖުރިބާ އާއި ހުނަރާ އި ޢިލްމު ލިބިފައި ތިބި މީހުން ނަށް ވުމުން، އެ ފަދަ މީހުންގެ ޚިދުމަތުން މަޙްރޫމް ކުރުމުން، ލިބިދާނެ ގެއްލުމަކަށް ބަލާ ފައި އެ މީހުން އެ ތިބި ގޮތަށް ބައިތިއްބަން ވީ ތޯ އެވެ.

ދާދި ފަހުން ކޮމިޝަނަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސް ބޭފުޅަކު ވިދާޅުވީ ތަޖުރިބާ ލިބިފައި ތިބި އެ ފަންނުގެ ޚާއްޞަ ޢިލްމު އުނގެނިފައި ތިބި މީހުންނަށް ވުމާ އެކު އެކަހެރި ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމުގަ އެވެ. އެތަނަށް ގެއްލުން ވެދާނެ ތީވެ އެވެ. އެ ފެންވަރަށް މީހުން އުފައްދަން އަހަރުތަކެއް ނަގާނެތީވެ އެވެ. އަޅުގަނޑުމެން ދެކޭ ގޮތުގައި އެހެން ކަމަށްވާ ނަމަ އެފަދަ ކުށް ތަކުރާރު ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ކިތަންމެ ބޭނުންތެރި މީހަކަށް ވިޔަސް ކުށް ކުރާ މީހުން ނަށް ކުރާ ކުށާއި ގުޅިގެން ފިޔަވަޅެއް ނޭޅިއްޖެ ނަމަ ކުށެއް ކުރެވުނު ކަން އިޙްސާސް ނުވުމުގެ ފުރުޞަތު އޮންނާނެ އެވެ.

ބިޔަ މުއައްސަސާތަކުގައި ނިންމުން ނިންމާ ހިސާބުގައި މަސައްކަތް ކުރަނީ އެންމެ މީހެއް ނޫނެވެ. ގިނަ ފަހަރަށް އޭނާ ސޮއި ކުރާ ހިސާބަށް، ނުވަތަ ނިންމުމެއް ނިންމާ ހިސާބަށް ކަމެއް ގެންދެވެނީ، އޭނާގެ ދަށުގައި މަސައްކަތް ކުރާ ހުނަރުވެރި، ޢިލްމީ އެތައް ބަޔެއްގެ މަސައްކަތުން ނެވެ. ރާއްޖޭގައި މޮޅަށް ކިޔަވައިގެން ތިބި މީހުން ބައިވަރެވެ. ފާސް އޮތް މީހުންނަށް ބަލާލިއަސް ބައިވަރު މީހުން އެބަ ތިއްބެވެ. ފަންނީ ތަންތަނުގައި އިސްކޮށް މަސައްކަތް ކުރަން ހުންނަ މީހާ ދުރަށް ޖެހުމާ އެކު އޭނާގެ ގޮަނޑި ފުރާނެ މީހުންގެ ކިއޫއެއް އެތާގައި އޮންނާނެ އެވެ. ފަންނީ މީހުން ނެވެ. ރާއްޖޭގައި މަދުވެގެން އުޅެނީ އިޚްލާސް ތެރިންނެވެ. ތެދުވެރިން ނެވެ. ކެރިގެން ޤާނޫނާ އެއްގޮތަށް ކަންތައް ކުރާނެ މީހުން ނެވެ. ފައިސާ އަށް ނުހެއްލޭނެ މީހުން ނެވެ. ޤާނޫނާއި ޚިލާފަށް ކަންތައް ކުރުމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި މީހުން ނެވެ.

އަޅުގަނޑަށް އަދި ވެސް ބުރަ ވެވެނީ އިންތިޤާލީ އިންޞާފުގެ އޮފީހެއް ހަދައިގެން މަސައްކަތް ކުރުމުން ސަރުކާރުން ކުރާ މަސައްކަތަށް ކިލަނބު ކަމެއް އަންނާނެ ކަމަށެވެ. އުޖާލާ ކަމެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް