މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ކެޕޭސިޓީ ދަށް!

ސުޓެލްކޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިރަށް މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯގައި ހުންނަން ޖެހޭ ވަރަށް ކެޕޭސިޓީ ނެތް ކަމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މާލޭގެ އިންޖީނުގޭގެ ޖުމްލަ (އިންސްޓޯލްޑް) ކެޕޭސިޓިއަކީ އަކީ 78،151 ކިލޯވޮޓް ނަމަވެސް، ކަރަންޓު ދިނުމަށް ބޭނުންކުރެވޭ ކެޕޭސިޓީގެ ގޮތުގައި ހުރީ 61،600 ކިލޯވޮޓް ކަމަށެވެ.

އެގޮތުން މާލޭގެ ކަރަންޓު ބޭނުންކުރާ މިންވަރު 2014 އިން 2016 އަށް އަހަރަކު 4،500 ކިލޯވޮޓް އަވާގެ ރޭޓުން އިތުރުވެފައިވާއިރު، 2019 ވަނަ އަހަރު މާލެއަށް ކަރަންޓު ދިނުމަށް 65،800 ކިލޯވޮޓް އަވާގެ ކެޕޭސިޓީ ހުންނަން ޖެހޭކަމަށް ސްޓެލްކޯގެ އަންދާޒާތަކުން ދައްކާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެހެންކަމުން މިހާރު ކަރަންޓު ދިނުމަށް ބޭނުންކުރެވޭ ކެޕޭސިޓީ ހުރީ ހުންނަން ޖެހޭ މިންވަރަށް ވުރެ ގާތްގަނޑަކަށް ހަތް ޕަސެންޓު ދަށުގައި ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރެ އެވެ.

ނަމަވެސް ހުޅުމާލެ އަދި ވިލިމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ ސްޓެލްކޯގައި ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ފަސްވަނަ ޕަވާ ޕްރޮޖެކްޓު މުޅިން ނިމި، ކަރަންޓު ހިދުމަތް ފޯރުކޮށްދޭން ފެށުމުން ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު މާލެ އަދި ހުޅުމާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް މިފަދަ އަންދާޒާތަކަކީ ދައުލަތުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއެކު ބަދަލުވާ އަންދާޒާތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު، ކުރިން އެންގުމަކާ ނުލައި 664 ފަހަރު މާލެއިން ކަރަންޓު ކެނޑިފައިވެ އެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކުރިން އެންގުމަކާ ނުލައި ކަރަންޓު ކެނޑެނީ ޖަނަރޭޓަރުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމަށާއި މިގޮތަށް ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 10،500 ކަސްޓަމަރުންނަށް އަސަރުކުރާ ކަމަށެވެ.

އެ މުއްދަތުގައި ދުރާލާ ރާވައިގެން، ކަސްޓަމަރުންނަށް ލިޔުމުން އަންގައި 814 ފަހަރު ވަނީ ކަރަންޓު ކަނޑާލައިފައެވެ. ދުރާލާ ރާވައިގެން ކަރަންޓު ކަނޑާލަނީ މަގުމަތީގައި ހުންނަ ކަރަންޓު ފޮށި އެހެން ތަނަކަށް ބަދަލުކުރުމަށާއި މަގުމަތީގައި އަޅާފައި އޮންނަ ކޭބަލަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށެވެ.

ކަރަންޓުގެ ހިދުމަތަށް ބުރޫއެރުން މަދުކޮށް، ކަރަންޓު ކެނޑިފައިވާ ވަގުތު ވީހާވެސް މަދުކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް، ސްޓެލްކޯއިން އަންނަނީ މާލެ ސަރަހައްދުގެ 52،542 ގޭބިސީއަށާއި އަތޮޅުތެރޭގެ 8،913 ގޭބިސީއަކަށް ކަރަންޓުގެ ހިދުމަތް ދެމުންނެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2015 އިން 2017 އަށް ކަރަންޓު ކެނޑޭ މިންވަރު އިތުރުވެފައި ވީނަމަވެސް، ކަރަންޓު ކެނޑިފައި ހުންނަ ދިގު މިނާއި، ކަރަންޓު އަނބުރާ ދޭން ހޭދަވާ ވަގުތު ދަށްވެފައިވާ ކަމަށެވެ.

އެހެންކަމުން ކަރަންޓު ދިނުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، ކުންފުނީގެ ކެރިފޯރުންތެރިކަން ހުރި މިންވަރަށް ބަލައި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނިން އަމާޒުކުރާ ނަތީޖާތައް ކަނޑައަޅައި، އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރެވިއްޖެނަމަ، ކަރަންޓު ފޯރުކޮށްދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުވުމުގެ ފުރުސަތު އޮންނާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް