ހަތް މަސްތެރޭ ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައަށް އަރައި، އާ ރެކޯޑެއް ހަދައިފި

ނޭޕާލްގެ ނިރުމަލް ޕުރުޖާ ވަނީ 7 މަސް ތެރޭ ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައަށް އަރާފަ -- ފޮޓޯ: އީޕީއޭ

ކަތުމަންޑޫ (އޮކްޓޯބަރު 29): ނޭޕާލްގެ ކުރީގެ ސިފައިންގެ މީހަކު ހަތް މަސް ތެރޭގައި ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައިގެ އެންމެ މައްޗަށް އަރާ، އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ޗައިނާގައި ހުންނަ ދުނިޔޭގެ 14 ވަނަ އަށް އެންމެ އުސް ފަރުބަދައަށް މިއަދު އެރި ނިރުމަލް ޕުރުޖާއަކީ، ނޭޕާލްގެ ސިފައިން ހިމެނޭ އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީގެ ސްޕެޝަލް ފޯސެސް ޔުނިޓުގެ ކުރީގެ މެމްބަރެކެވެ. އަދި އެ ކާމިޔާބީ ފޭސްބުކާއި ޓުވިޓާގައި އިއުލާން ކުރަމުން އޭނާ ވަނީ މިއަދު ޗައިނާ ގަޑިން 8:58ގައި އޭނާގެ "މިޝަން ފުރިހަމަވެފައިވާ" ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ އެންމެ އުސް 14 ފަރުބަދަ ހުންނަނީ ނޭޕާލް، ޕާކިސްތާން އަދި ޗައިނާގަ އެވެ. އެފަރުބަދަތަކަށް އެރުމުގެ މަސައްކަތް ޕުރުޖާ ފެށީ މިދިޔަ އޭޕްރިލް މަހު ނޭޕާލްއިންނެވެ. އަދި ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓު އެވަރެސްޓަށް އޭނާ އެރީ މިދިޔަ މެއި މަހުގަ އެވެ.

މީގެ ކުރިން އެންމެ ކުރު މުއްދަތެއްގައި ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައަށް އެރުމުގެ ރެކޯޑު ގާއިމު ކުރީ 2013 ވަނަ އަހަރު ދެކުނު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ކިމް ޗަން ހޯ އެވެ. އޭނާ އެފަރުބަދަކަށް އަރަން ހަތް އަހަރާއި 10 މަހާއި ހަ ދުވަހުގެ މުއްދަތެއް ނެގި އެވެ. ނަމަވެސް މިދިޔަ އަހަރު ނޭޕާލްގެ ފަރުބަދައަކަށް އަރަނިކޮށް، ކިމްއާއި އޭނާއާއެކު ތިބި އިތުރު ބަޔަކު ވަނީ ސްނޯގެ ތޫފާނެއްގެ ސަބަބުން މަރުވެފަ އެވެ.

comment ކޮމެންޓް