މިފްކޯގެ ތެރޭ "ވައްކަން"، މިލިއަނުން ފައިދާ ނެގީ އެހެން ބައެއް!

މިފްކޯގެ ބާވެފައިވާ މަސް ބޯޓެއް -- ފޮޓޯ/ އެމްއެންޑީއެފް

ސަރުކާރުގެ މަސް ކުންފުނި "މިފްކޯ"އަށް މައްސަލަތަކުން އަރައި ގަނެވި، ހިންދެމިލެވޭނެ ޒަމާނެއް އަދި ނާދެ އެވެ. އެ ކުންފުންޏަށް ބޮޑުތަނުން ގެއްލުންވުމާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއްގެ ތެރެއަށް ކުންފުނި ވެއްޓި، ދައުލަތަށް ވެފައި ވަނީ ބޮޑު ބުރަޔަކަށެވެ. އެކި ސަރުކާރުތަކުން އެކި ފޯމިއުލާތައް ނެރެގެން ވެސް މިފްކޯއަށް އަމިއްލަ ފައި މައްޗަކަށް ނުތެދުވެވުނެވެ.

އެސްޓީއޯގެ ދަަށަށް 2017 ވަނަ އަހަރު މިފްކޯ ގެންދިޔަފަހުން، އެސްޓީއޯ އިން އެ ކުންފުންޏަށް 425 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ކުންފުނި މަރުވިޔަ ނުދީ ހިފަހައްޓަން މިއަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފަ އެވެ. މި ހުރިހާ ކޭޝް އިންޖެކްޝަނަކާ އެކު ވެސް ކުންފުނީގެ ދަރަނި ވަނީ 800 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އެކަމަކު މަސްވެރިކަމުގައި ތިބި އަމިއްލަ ކުންފުނިތަކުން މިލިއަނުން ފައިދާ ނަގައި މިހާރު އެއީ ވަރަށް މުއްސަނދި ކުންފުނިތަކެވެ. އެކަމަކު ސަރުކާރުގެ މަސް ކުންފުންޏަށް ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟

ބޭރަށް މަސްވިއްކުން؛ ގެއްލުމާއި ވައްކަން

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލައި ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަޒް (އެސްއޯއީ) ކޮމިޓީގައި އެސްޓީއޯގެ އެމްޑީ، އަދި މިފްކޯގެ ޗެއާމަން ހުސެން އަމުރު ހޯމަ ދުވަހު ހާމަކުރެއްވި ގޮތުގައި މިފްކޯއިން ގަންނަ މަހުގެ 67 ޕަސެންޓަށް ވުރެ ބޮޑުބައެއް ބޭރު ކުރަން ޖެހެނީ ފިނިކުރި މަހުގެ ގޮތުގައި ތައިލޭންޑަށެވެ. އެކަމަކު އެއީ އެ ކުންފުންޏަށް ބޮޑު ގެއްލުމާ ކުރިމަތިވާ ކަމެކެވެ.

އަމުރު ވިދާޅުވި ގޮތުގައި ތައިލެންޑަށް ފިނިކުރި މަސް ބޭރުކުރަން ޓަނަކަށް 1،800 އެއްހާ ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ތައިލެންޑްގެ ބާޒާރުގައި ފިނިކުރި މަސް ވިއްކެނީ، ޓަނެއް 900 ޑޮލަރަށެވެ.

އޭރުން މިފްކޯއަށް ޓަނަކުން ގާތްގަނޑަކަށް 900 ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެ އެވެ.

އަމުރު ވިދާޅުވި ގޮތުގައި އެ ގެއްލުން ފޫބައްދަން ސަރުކާރުގެ ބަޖެޓުން އެ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި 23 މިލިއަން ޑޮލަރު (354.66 މިލިއަން ރުފިޔާ) މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ދީފައިވެ އެވެ.

"މިއީ ދިވެހި ސަރުކާރުން ތައިލެންޑުގެ މަސް ކުންފުނިތަކަށް ސަބްސިޑީ ދިނުން ފަދަ ކަމެއް. ތޭވީސް މިލިއަން މިދަނީ އެ ފަރާތްތަކަށް. މީގެއިން މިއީ މިފްކޯއަށް އެއްވެސް ފައިދާވާ ކަމެއް ނޫން. ދައުލަތަށް ވެސް މިކަމުން ފައިދާވާ ކަމެއް ނޫން. މީގެ ފައިދާ އޮތީ ތައިލޭންޑްގެ ކުންފުނިތަކަށް،" އަމުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހި މަސް ގަނެގެން ތައިލެންޑުގެ އެކި ކުންފުނިތަކުން ދަޅުގައި މަސް ބަންދުކޮށް ރާއްޖޭގެ މަހުގެ ގޮތުގައި މާކެޓްކޮށް އެ މަސް ބޮޑު އަގުގައި ދުނިޔޭގެ ބާޒާރުގައި ވިއްކަމުން އަންނަ ކަމަށެވެ. އެކަމަކު މިއީ ހުއްޓުވަން ޖެހޭ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި އެސްޓީއޯ އާއި މިފްކޯގެ ވެރިން -- ސަން ފޮޓޯ

"ތައިލޭންޑުގެ އެކި ކުންފުނިތައް އަތުގައި މި އޮންނަނީ ރާއްޖޭގެ މަހުގެ އަގު ހިފެހެއްޓިފައި. އެ މީހުން އޭގެއިން ބޮޑު ފައިދާއެއް މި ނަގަނީ މަސްދަޅުގެ ބޭރުގައި 'މޯލްޑިވްސް ޓޫނާ ޖަހައިގެން'. މިފްކޯ ފައިދާއަށް ބަދަލު ކުރެވެން އޮތީ މިކަން ހުއްޓުވިިގެން. މިފްކޯއިން ގަންނަ މަސް އަމިއްލައަށް ވެލިއު އެޑްކޮށްގެން. އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ މިހިރީ 50 ޓަނު މަސް ދަޅުގައި ބަންދު ކުރެވޭ ގޮތަށް،" އަމުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައިލެންޑަށް ފިނިކުރި މަސް ގެންދިޔުމުގެ ތެރޭގައި ނުހަމަ ކަންތައްތަކެއް ވެސް ހިނގާފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ތައިލެންޑަށް އެކްސްޕޯޓްކުރި ދިވެހި މަހުގެ ތެރެއިން، ކޮލިޓީ ދަށްވުމުގެ ސަބަބުން ރިޖެކްޓުވި ކަމަށް ބުނާ މަހުގެ އަގު 33 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އެއީ ނުލިބޭނެ ފައިސާއެއް ކަމަށްބަލައި އެ އަދަދު "ރައިޓްއޮފް" ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގައި މިފްކޯގައި އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ތައިލޭންޑްގައި އަމިއްލަ މަސްކުންފުނިތައް ހަދައިގެން ނުއަގުގައި ދިވެހި މަސް ގަނެ، އެ ވިޔަފާރި ކޮށްފައިވާކަން ވެސް އޮތީ ހާމަވެފަ އެވެ. އަދި އޮޅުވާލުމެއްގެ ތެރެއިން މަސް ރިޖެކްޓްވާކަމަށް ހަދައިގެން، އެ މަސް ވިއްކައި އޭގެ ތެރެއިން ވެސް މިފްކޯގެ އެކި ލެވަލްގެ މުވައްޒަފުން ފައިދާ ހޯދަ އެވެ.

އަމުރު ކޮމިޓީގައި ވިދާޅުވި ގޮތުގައި، ތައިލެންޑަށް މަސް ބޭރުކުރުމުގެ ތެރެއިން ހިނގާ ނާޖާއިޒު ކަންކަން މިވަގުތަށް ހުއްޓުވެން އޮތީ ދިވެހި ފިނިކުރި މަސް ތައިލެންޑުގެ ބާޒާރުގައި ވިއްކުން ނިމުމަކަށް ގެނެސްގެން އެވެ.

"މިފްކޯއަށް މިހާތަނަށް ގެއްލުންވާ އެންމެ ބޮޑު ކަމަކީ ނުއަގުގައި ބޮޑު ގެއްލުމުގައި މި މަސް ވިއްކަން ޖެހޭ ޖެހުން. އެކަން އަޅުގަނޑުމެން މި ހުއްޓުވީ. އަޅުގަނޑުމެން މި ބަލަނީ އަންނަ ޑިސެމްބަރުން ފެށިގެން ބްރޭކް އީވަން އަށް އައިސް ދައުލަތުން ފައިސާއާ ނުލައި ހިންގޭނޭ ކުންފުނި،" އަމުރު ވިދާޅުވި އެވެ.

ހައްލަކަށް ވެލިއު އެޑްކުރުން

މިފްކޯއަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 150 ޓަނުގެ މަސް ނަގަ އެވެ. އެހެން ނަމަވެސް ފެލިވަރުގެ ކެޕޭސިޓީ މިވަގުތު ހުރި ގޮތުން 50 ޓަނަށް ވުރެ އިތުރަށް އަދި މަސް ބަންދު ކުރެވެން ނެތް ކަމަށް އަމުރު ފާހަގަ ކުރެއްވި އެވެ. އަދި ފައިސާގެ ދަތިކަން ހުރިގޮތުން، އާ ފެކްޓްރީއެއް އެޅުމަކީ ވެސް މިވަގުތަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެެހެންވެ، މިފްކޯ އިން މިހާރު ވަނީ އާ ފޯމިއުލާއެއް ހޯދައިފަ އެވެ.

"ތައިލޭންޑުން އަޅުގަނޑުމެން މި ހޯދަނީ ކޭނަރީއެއް މިފްކޯއަށް ދަޅުގައި މަސް ބަންދު ކުރެވޭނެ. އަޅުގަނޑުމެންގެ މަސް ތައިލެންޑަށް ގެންގޮސްފައި އެ ތަނުގައި ބަންދު ކުރާނީ ދަޅުގައި. ދެން އޭރުން މިފްކޯގެ އެ މަސްދަޅު ބޭރުގައި ވިއްކޭނެ. އޭރުން އަޅުގަނޑުމެންނަށް މިފްކޯ ބަދަލުކޮށްލެވޭނެ އަންނަ ޖެނުއަރީން ފެށިގެން ފައިދާވާ ކުންފުންޏަކަށް،" އަމުރު ވިދާޅުވި އެވެ.

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އެ ކޮމިޓީގައި މިފްކޯ އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި، ފެލިވަރު ފެކްޓްރީއަށް ބައެއް ބަދަލުތައް ގެނެސްގެން 65 ޓަނަށް އެ ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އާ ފެކްޓްރީއެއް އެޅުމަށް ވެސް ޕްރޮޕޯސަލްތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފްކޯއިން ގަންނަ މަހުގެ 70 ޕަސެންޓް ވެލިއު އެޑްކުރަން އަމާޒު ހިފާފައި ވުމުން މިފްކޯގެ މިސްރާބު ހުރީ މިހާރު ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ދެން ޔޫރަޕާއި ދުނިޔޭގެ ޝެލްފްތަކަށް މިދާ މަސްދަޅު ހުންނާނީ، ކޯޓްއިން މޯލްޑިވްސް ޕެކްޓްއިން މޯލްޑިވްސްގެ ގޮތުގައި. އޭރުން މިބަލަނީ ޑިސެމްބަރާ ހަމައިން އަޅުގަނޑުމެންނަށް ސަރުކާރުގެ ބަޖެޓުން ފައިސާ ނުލާ ކުންފުނި ހިންގޭނެ ކަމަށް،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯއިން މި އާ އިންވެސްޓްމަންޓްތައް ކުރަން އަމާޒު ހިފާފައި ހުރީ، މިފަހުން ދިވެހި ސަރުކާރަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ދިން 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީގެ ތެރެއިން އެވެ. އަމުރު ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފަން ކުންފުނިން ނިންމީ ދައުލަތުގެ ބަޖެޓުން މިހާރު ވެސް ބޮޑެތި ހަރަދުތަކެއް މިފްކޯއަށް ކޮށްފައިވުމުން އިތުރަށް ސަރުކާރުން ފައިސާ ހޯދަން ބޭނުން ނުވާތީ އެވެ.

"މިފްކޯއަށް އެސްޓީއޯ އިން މިދާ ފައިސާ އެއީ ރިކަވާ ކުރެވޭނެ އެއްޗެއް ވެސް ނޫން. ދެން އަޅުގަނޑުމެން މިބަލަނީ މިފްކޯއިން ފައިދާއެއް ހޯދައިގެން އޭގެ ފައިދާ އަޅުގަނޑުމެންނަށް ކުރާނެ ކަމަށް. މި ބަދަލުތަކާ އެކު ފައިދާވާ ތަނަކަށް މިފްކޯ ބަދަލު ކުރެވޭނެ،" އަމުރު ވިދާޅުވި އެވެ.

ކުންފުނި ހިންގުމަށް މިނިވަންކަން ބޭނުން

މިފްކޯއަށް ފައިދާނުވާއިރު ވެސް އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް ވެސް ގިނަ އެވެ. އެސްއޯއީ ކޮމިޓީގެ ބައެއް މެންބަރުން އެކަން ފާހަގަ ކުރެއްވުމާ އެކު، އަމުރު ވިދާޅުވީ ކުރީގެ ސަރުކާރުން މިފްކޯގެ އޯވަހެޑް ކުޑަކުރުމުގެ ގޮތުން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރި އެވެ. އެކަމަކު، އެ ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ބަދަލުގައި ހަމަ އެ ވަރަށް މުވައްޒަފުން ނެގި އެވެ. އަދި އޭގެ އިތުރަށް ކުރިން ކަނޑާލި ބައެއް މުވައްޒަފުން ވެސް ވެއްދި އެވެ. އޭގެ ސަބަބުން ކުންފުނީގެ މުވައްޒަފުން ގިނަވެ، އޯވަހެޑް ބޮޑުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަމަކު މިހާރު ވެސް މިފްކޯއަށް ވެސް މުވައްޒަފުން ވައްދަން އެކި ފަރާތްފަރާތުން ކޯލްތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެއްތޯ އިނގޭނީ ވަޒީފާ ހޯދަން ކޯލްތައް އަންނަވަރު މިހާރު ވެސް. އަދި ކުރިން ވަޒީފާ އިން ގޮސްކޮށް ކަނޑާލާފައި ތިބީމާ އެ މީހުން އަލުން ވައްދަން ހުކުމް ކުރީމާ އަޅުގަނޑުމެންނަކަށް ނޯވެ ވަޒީފާ ނުދީ ވެސް ވާކަށް. މިކަހަލަ ކަންކަން ވެސް އެބަހުރި ހަރަދު ކުޑަ ނުކުރެވޭ،" އަމުރު ވިދާޅުވި އެވެ.

މިފްކޯއާއި އެ ކުންފުނީގެ މަސް ފެކްޓަރީ ފެލިވަރާ ބެހޭގޮތުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އަދި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މީގެ ކުރިން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އޭނާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެކު ވެސް މިފްކޯ އިން އެއް އަގެއްގައި މަސް ގަންނަން ޖެހުމުން އޭގެ ގެއްލުންވެސް ކުންފުންޏަށްވެ އެވެ. ބާޒާރުގައި މަހުގެ އަގު ދަށްވި ނަމަވެސް، ގިނަ ފަހަރަށް މިފްކޯއަށް ޖެހެނީ ބޮޑު އަގުގައި މަސްގަންނާށެވެ. އެކަމަކު އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގޭނެ ގޮތެއް ނޫންކަމަށް އަމުރު ވިދާޅުވި އެވެ.

"ބާޒާރުގެ އަގަށް ވުރެ ބޮޑުކޮށް މަސް ގަންނަން ޖެހެންޏާ މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ. މާކެޓް އަގަަށް މަސް ގަތުމުގެ މިނިވަންކަން އޮންނަން ޖެހޭ،" އަމުރު ވިދާޅުވި އެވެ.

ބޮޑު ކަންނެލި ގަތުމަށް ނިކުންނަނީ

މިފްކޯއިން މީގެ ކުރިން ބޮޑު ކަންނެލި ގަނެ، އެ މަހުގެ އަގު ހިފަހައްޓައި ދެމުން ދިޔަ އެވެ. އެހެން ނަމަވެސް މިފްކޯގެ ކަނޑުއޮތްގިރީގެ ހާލަތު ދަށްވެ އެ އޮޕަރޭޝަންތައް އޮތީ ހުއްޓާލައިފަ އެވެ.

އަމުރު ކޮމިޓީގައި ހާމަކުރެއްވި ގޮތުގައި، މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި 147 މިލިއަން ރުފިޔާގެ ގެއްލުން ހަމައެކަނި ކަނޑުއޮތްގިރިން ވެފައިވެ އެވެ. އަދި އެތަނުގެ ބަނދަރު މިހާރު ހަލާކުވެ، ދޯނިފަހަރަށް ވަދެ ނިކުމެ އުޅެން އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އެ ރަށުގައި ހުރި ބައެއް ފެސިލިޓީތައް ވެސް ހުރީ މަރާމާތަށް ބޭނުންވެފަ އެވެ.

"މިހާރު ހަމައެކަނި ސީގްރޭޑްގެ މަސް މިނަގަނީ ކަނޑުއޮތްގިރިއަށް. އެ މަސް އެތަނުގައި ޕެކްކޮށްގެން އާންމު ފިހާރަތަކަށް ގެންނަ މަސް އެއީ. ބޮޑުކަންނެލި ގަނެގެން އެކްސްޕޯޓް އެއްވެސް ހަރަކާތެއް އެތަނުގައި މިހާރު ނުކުރޭ،" އަމުރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިބަލަނީ ޖެނުއަރީގައި އަލުން އެތަނުގެ އޮޕަރޭޝަންތައް ފަށަން. އޭރުން ކަންނެލި ގަނެގެން އެތަނުން ރަނގަޅު އަގެއް މަސްވެރިންނަށް ދެވޭނެ،"

އެކަމަކު އަމުރު އެހެން ވާހަކައެއް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބޮޑުކަންނެލި އެކަނި ގަނެގެން ކަނޑުއޮތްގިރީގެ އޮޕަރޭޝަނުން ފައިދާ ނުނެރޭވޭނެ އެވެ. އެކަމަކު، އެ ރަށަށް ކަޅުބިލަމަސް ވެސް ކިރުވޭވެ ގޮތަށް އޮޕަރޭޝަންތައް ރާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ބަދަލުތަކާ އެކު މިފްކޯއަށް ރަނގަޅު ފައިދާއެއް ނެރެވޭނެ. ކުންފުނީގެ ކުރިމަގު ފެންނަނީ އުޖާލާކޮށް،" އަމުރު ވިދާޅުވި އެވެ.

އެކަމަކު އެ ހުރިހާ ކަމަގައިގެން ވެސް ކުރިއަށް ދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކުންފުނީގެ އެސެޓްތައް މެއިންޓެއިންނުކޮށް ގިނަ ދުވަސްވެ ބާވެފައި ހުރުމެވެ. ހާއްސަކޮށް ކުންފުނީގެ ވަރަށް ގިނަ ބޯޓްތައް ހުރީ މެއިންޓެއިންނުކޮށް ބޭނުން ނުކުރެވޭ ހާލަތުގަ އެވެ. އެެއީ މީގެ ކުރިން ކުންފުނި ހިންގި ފަރާތްތަކުގެ އިހުމާލެވެ. އެހެން ނަމަވެސް، ދެން އޮތީ އެކަންކަން މާޒީއަށް ދޫކޮށްލައި ކުންފުނި އަލުން ކޮޅަށް ނެގުމެވެ.

comment ކޮމެންޓް