އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ޑެއިލީ ފްލައިޓުތައް ބާއްވާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފެށުމަށް އިއްޔެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުުގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މިހާރު މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ބާއްވަނީ ހަފްތާ އަކު ތިން ފްލައިޓް އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފެށީ މިދިޔަ ބޮޑުއީދާ ދިމާކޮށެވެ.
އުތުރުގެ ބައިނަލްއަގުވާމީ އެއާޕޯޓާް، ހަނިމާދު އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު އިއްޔެ ދަތުރުތައް ފަށާފައިވާއިރު ޓިކެޓުގެ އަގު އުޅެނީ 199 ޑޮލަރު (3069 ރުފިޔާ) އަށެވެ.
ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު އިއްޔެ ދަތުރުތައް ފެށިއިރު މާލެ އާއި ކޮޗިން އާއި ދެމެދުވެސް ދަތުރުތައް ފަށަން މޯލްޑިވިއަން އިން ވަނީ ތައްޔާރުވެފަ އެވެ. މާލެ ކޮޗިން ދެކޮޅު ޓިކެޓުގެ އަގު އުޅޭނީ 150 ޑޮލަރު (2313 ރުފިޔާ) އަށެވެ. މި ރޫޓުންވެސް ހަފްތާ އަކު ތިން ފްލައިޓު ބާއްވާނެ އެވެ.
އަދި މި ދަތުރުތަކާއެކު ހަނިމާދޫއިން ހަފްތާއަކު ބާއްވާ ބައިނަލްއަގުވާމީ ދަތުރުގެ އަދަދަކީ ފަހެކެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ ހަނިމާދޫއަކީ އެންމެ ގިނަ އަދަދަކަށް ބަލި މީހުން އުފުލާ އެއާޕޯޓު ކަމަށާއި، ކޮޗިން ދަތުރުތަކާއެކު ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މިއީ އުތުރުގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނ ދަތުރުތަކެއް ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.