ފަސް ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދީފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވި ބައެއް ފަރާތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު --- ފޮޓޯ/ ރައީސް އޮފީސް

ފަސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ މ. މަޑުލު، މުހައްމަދު ވަހީދަށެވެ. އޭނާއަކީ ދިވެހި ބަހުގެ އެކި ލިޔުންތަކާއި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 46 އަހަރަށްވުރެ ދިގު މުއްދަތެއްވަނީ ވެފައެވެ.

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް ލިބިފައިވެއެވެ. އެއީ ދެބެއިން ކަމަށްވާ ސައްޔިދު އަލީއަށާއި އަލްމަރުހޫމް ސައްޔިދު ހަސަނަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު، ސައްޔިދު ހަސަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސައްޔިދު އަލީއަކީ ތަފާތު ގިނަ ކުޅިވަރުތަކެއްގައި ނަން މަޝްހޫރު ބޭފުޅެކެވެ. ވޮލީގެ އިތުރުން، ފުޓްބޯޅަ، ޓެނިސް، ބާސްކެޓްބޯލް، ޓޭބަލްޓެނިސް އަދި އެތްލެޓިކްސްފަދަ މުބާރާތްތަކުގައި ވާދަކުރައްވައި ފާހަގަކޮށްލެވޭ ވަރަށްގިނަ ކާމިޔާބީތަކެއް އޭނާ ހޯއްދަވައިފައިވެއެވެ. އޭނާ ވަނީ ފުޓުބޯޅަ އަދި ވޮލީބޯޅަ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައެވެ.

ސައްޔިދު އަލީގެ ކޮއްކޯފުޅު އަލްމަރުހޫމް ސައްޔިދު ހަސަނަކީވެސް ހަމައެހާ ކާމިޔާބު ކުޅިވަރު ކުޅުންތެރިއެކެވެ. އޭނާއަށްވެސް ވަނީ ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން މިރޭ ގައުމީ އިނާމު ލިބިފައެވެ. ސައްޔިދު ހަސަނު ވަނީ ފުޓްބޯޅަ، ވޮލީ، ޓެނިސް، ޓޭބަލްޓެނިސް، ކްރިކެޓް، ހޮކީ، ޗެސް، އަދި ބައިސްކަލް ރޭސްތަކުގައިވެސް ކާމިޔާބީ ހޯއްދަވައިފައެވެ.

https://sun.mv/126505

އަލްމަރުހޫމް ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީއާއި އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީއަށް މިރޭ ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ހިދުމަތް ކުރުމާއި ދީނީ އިލްމު އުގައްނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ޑރ. މަޖީދަކީ މަދީނާ ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ އަދި ހަމައެކަނި ދިވެހި އިލްމުވެރިޔާއެވެ. އޭނާ ލިޔުއްވި ތީސީސް، ވަނީ ސައުދީ އަރަބިއްޔާގައި ތިންފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގަޔާއި، ތައުލީމުދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ. އޭނާ އަދާ ކުރެެއްވި ވަޒީފާތަކުގެ ތެރޭގައި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާބެހޭ ބައިގެ އެންމެ އިސް ބޭފުޅާގެ މަގާމާއި، އިސްލާމިކް މިނިސްޓަރު ކަމާއި، ގައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުގައި ލެކްޗަރާކަން ހިމެނެއެވެ.

ޑރ. އަފްރާޝީމްއަކީ މުދައްރިސުކަމުގެ އިތުރުން އެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ގޮތުން ބަލާއިރު އޭނާ ވަނީ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވައިފައެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޑީއާރްޕީގެ ދީނީ، އިޖުތިމާއި ގޮފީގެ ރައީސްކަމާއި، ފަހުން ޕީޕީއެމްގެ ކައުންސިލް މެންބަރުކަންވެސް ކުރެއްވިއެވެ.

comment ކޮމެންޓް