މޯލްޑިވިއަންއިން ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށައިފި

މޯލްޑިވިއަންއިން ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން -- ސަން ފޮޓޯ/ އާއިޝަތު ފަރީހާ އަބްދުﷲ

(ހދ. ހަނިމާދޫ): މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަފިއެވެ.

މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އުތުރުގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށްވެސް ދާ ސަރަހައްދަކަށް ވެފައި، މި ދަތުރުތަކާއެކު އުތުރުގެ މީހުންނަށް މާލެ ނައިސް ކޮޗިން އަށް ދެވޭނެ ފުރުސަތު ފަހިވާނެއެވެ.

ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނަޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދޫއަކީ އެންމެ ގިނަ އަދަދަކަށް ބަލި މީހުން އުފުލާ އެއާޕޯޓު ކަމަށާއި، ކޮޗިން ދަތުރުތަކާއެކު ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ.

އަދި މިއީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ރަނގަޅު ފުރުސަތަކަށް ވާނެކަމާށާއި ސަރަހައްދުގެ ރިސޯޓު އަދި ގެސްޓުހައުސްތަކަށް މީގެ ފައިދާ ކުރާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

ހަނިމާދުއިން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރު (3069 ރުފިޔާ) ގައެވެ.

ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު މިއަދު ދަތުރުފެށިއިރު މާލެ އާއި ކޮޗިން އާއި ދެމެދުވެސް ދަތުރުތައް ފަށަން މޯލްޑިވިއަން އިން ވަނީ ތައްޔާރުވެފައެވެ. މާލެ ކޮޗިން ދެކޮޅު ޓިކެޓުގެ އަގު އުޅޭނީ 150 ޑޮލަރު (2313 ރުފިޔާ) އަށެވެ. މި ރޫޓުންވެސް ހަފްތާ އަކު ތިން ފްލައިޓު ބާއްވާނެއެވެ.

އަދި މި ދަތުރުތަކާއެކު ހަނިމާދޫއިން ހަފްތާއަކު ބާއްވާ ބައިނަލްއަގުވާމީ ދަތުރުގެ އަދަދަކީ ފަހެކެވެ.

comment ކޮމެންޓް