އުނގަންނައިދިނުމުގައި ބޭނުންކުރެވިދާނެ ޓެކުނޮލޮޖީ 1

14 ޖުލައި 2018: އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުނގަންނައިދިނުމުގައި ބޭނުންކުރުމަށް އެތައް ހާސް ޓެބުލެޓެއް ދިވެހިރާއްޖޭގައި ހޯދިއްޖެ އެވެ. އެތައް މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެއް ކުރެވިއްޖެ އެވެ. ނަމަވެސް ސުވާލަކީ އުނގަންނައި ދިނުމުގައި ޓެބުލެޓު ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ. ޓެބުލެޓު ބޭނުންކޮށްގެން ކިލާހުގައި ގެންދެވޭނެ އުފެެއްދުންތެރި އުނގެނުމުގެ ހަރަކާތްތަކަކީ ކޮބައިހެއްޔެވެ. ފަސޭހައިން މުދައްރިސުންނަށް ބޭނުންކުރެވިދާނޭ މިފަދަ ބައެއް ޚިޔާލު މިލިޔުމުގައި ބަޔާންކޮށްލާނަމެވެ.

ކަހޫޓް

ކަހޫޓް (Kahoot) އަކީ ކިލާހުގައި ކުޅިވަރުގެ ތެރެއިން އުނގެނުގެ ހަރަކާތް ގެންދަން ބޭނުން ކުރެވިދާނޭ ވަރަށް ރަނގަޅު އުނގެނުމުގެ މަންސަ (ޕްލެޓްފޯމް) އެކެވެ. މިއީ ހުރިހާ އުމުރު ފުރައެއްގެ ދަރިވަރުންގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކުގެ ތަމްރީނުތަކުގައި ބޮޑެތި މީހުންނަށް ވެސް ބޭނުން ކުރެވިދާނޭ އެއްޗެކެވެ. ކަހޫޓް ބޭނުންކޮށްގެން މަލްޓިޕްލް ޗޮއިސްގެ އިތުރުން ޖަވާބު ތަރުތީބުކުރާ (ޖަމްބްލް) ކުއިޒު ހެދެ އެވެ. އަދި ކަމަކާމެދު އޯޑިއަންސްގެ އާއްމު ވިސްނުން ދެނެގަތުމަށް ސާރވޭ އެއްވެސް ދެވިދާނެއެވެ. މީގެ ތެރެއިން މަލްޓިޕްލް ޗޮއިސް ކުއިޒް، މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި މަގުބޫލެވެ.

ކަހޫޓް ކުއިޒެއް ހެދުމަށްޓަކައި މުދައްރިސް ފުރަތަމަ ކުރަންޖެހޭ ކަމަކީ ކަހޫޓް ވެބްސައިޓަށް ވަދެ މުދައްރިސްގެ އެކައުންޓެއް ހެދުމެވެ. މުދައްރިސަށް ހިލޭ އެކައުންޓެއް ހެދޭނެ އެވެ. ދެން އެއަށް ފަހު އައު ކުއިޒެއް ހެދުމަށް ޓަކައި "ކްރިއޭޓް ނިއު" އަށް ފިތާލާނީ އެވެ. އޭގެ ފަހުން އޮންނާނީ ކުއިޒާ ބެހޭ ގޮތުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަކޮށް މުދައްރިސް ބޭނުންވާގޮތަށް ކުއިޒުގެ "ސެޓިން" ހެދުމެވެ. ކަހޫޓް ވެބްސައިޓުގައި ކުއިޒު ހަދަން ފެށުމުގެކުރިން ކުއިޒުގެ ސުވާލުތައް، މުދައްރިސް ތައްޔާރުކޮށްލަން ވާނެ އެވެ. ސުވާލުތައް ހަދާނީ މަލްޓިޕްލް ޗޮއިސް ސުވާލުގެ ގޮތުގައި އިޚްތިޔާރީ ހަތަރު ޖަވާބު އެކުލެވޭ ގޮތަށެވެ.

މުދައްރިސްގެ ސުވާލުތައް ކަހޫޓް ވެބްސައިޓަށް އަޕްލޯޑް ކުރުމުގައި ދެގޮތެއް ބޭނުން ކުރެވިދާނެ އެވެ. އެއްގޮތަކީ ތައްޔާރުކުރި ކޮންމެ ސުވާލެއް ވަކިވަކިން ކުއިޒަށް އިތުރުކުރަމުން ގެންދިޔުމެވެ. އަނެއްގޮތަކީ ކަހޫޓް ވެބްސައިޓުން ފޯރުކޮށްދީފައިވާ ޓެމްޕްލެޓާ އެއްގޮތަށް މައިކްރޯސޮފްޓް އެކްސެލްގައި ހުރިހާ ސުވާލެއް ލިޔެ، ހުރިހާ ސުވާލެއް އެއްފަހަރާ ކުއިޒަށް އަޕްލޯޑް ކުރުމެވެ. މިއީ މުދައްރިސްގެ ވަގުތު ސަލާމަތްކުރެވޭނެ ގޮތެކެވެ.

ކަހޫޓް ކުއިޒު ކިލާހުގައި ބޭނުން ކުރުމަށް ޓަކައި ކޮންމެ ދަރިވަރަކު ވެސް ކަހޫޓް އެޕްލިކޭޝަން ޑައުންލޯޑްކުރަން ޖެހޭނެ އެވެ. މުދައްރިސްގެ ކޮމްޕިއުޓަރުގައި ތައްޔާރުކުރި ކުއިޒު ދަރިވަރުންނަށް ދައްކާނީ ކިލާހުގެ މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ އިސްކިރީނުންނެވެ. މުދައްރިސްގެ ކުއިޒު ހުޅުވުމުން ކުއިޒަށް ވަންނާނެ "ޕިން" ނަމްބަރެއް ވެބްސައިޓުން ޖެނެރޭޓް ކުރާނެ އެވެ. ދެން ދަރިވަރުން ކުއިޒުގައި ބައިވެރިވުމަށް ޓަކައި ޓެބުލެޓުން ކަހޫޓް ހުޅުވައި، މިބުނެވުނު ޕިން ނަންބަރު ޖަހާނީއެވެ. މިގޮތަށް ކިލާހުގެ ހުރިހާ ދަރިވަރުންނަށް ކުއިޒުގައި ބައިވެރި ވެވުމުން، މުދައްރިސް، ކުއިޒު ފަށާނީ އެވެ. ދަރިވަރުން ކުއިޒު ހަދާނީ ގުރޫޕު ކުޅިވަރެއްގެ ގޮތުގަ އެވެ. މިހެންވުމުން ކޮންމެ ދަރިވަރަކަށް ވެސް ޕޮއިންޓު ލިބޭނެއެވެ. އެއީ އެންމެ އަވަހަށް ރަނގަޅު ޖަވާބުދޭ ތަރުތީބުންނެވެ. މިގޮތުން ކުއިޒު ނިމޭއިރު އެންމެ މަތީ ޕޮއިންޓު ލިބޭ ދަރިވަރަކީ ކުއިޒު ކާމިޔާބު ކުރި ދަރިވަރެވެ.

ކަހޫޓް ކުއިޒު ފާހަގަ ކުރެވިފައިވަނީ ދަރިވަރުންގެ މެދުގައި މަގުބޫލު މަންސައެއްގެ ގޮތުގަ އެވެ. ކުއިޒުގެ ކޮންމެ ސުވާލެއް މުދައްރިސް "ޕްލޭ" ކުރަނީ ވަކިވަކިން ކަމަށް ވުމުން، ކޮންމެ ސުވާލެއްގެ ރަނގަޅު ޖަވާބު ދެއްކުމަށް ފަހު، އެސުވާލަކާ ބެހޭ ގޮތުން ދަރިވަރުންނާ ކުޑަކޮށް ވާހަކަ ދައްކާލައި، މުޠާލިއާކޮށް ލެވިދާނެ އެވެ. މިހެންވުމުން ފިލާވަޅުގެ ފެށުމާއި ނިންމުމަށް، ޚާއްސަކޮށް ފިލާވަޅުގެ ނިންމުމަށް ބޭނުންކުރަން މިއީ ވަރަށް ރަނގަޅު ޓޫލް އެކެވެ.

ޕެޑްލެޓް

ޕެޑްލެޓް (Padlet) އަކީ ކިލާހުގައި މުދައްރިސާއި ދަރިވަރުން ޚިޔާލު ބަދަލުކޮށް، ގުރޫޕު މަސައްކަތް ފަދަ ގުޅިގެންކުރާ އުނގެނުމުގެ މަސައްކަތްތަކުގައި ބޭނުންކުރަން ވަރަށް މުނާސަބު ބޯޑެކެވެ. ވަރޗުއަލް ވޯލް އެކެވެ. މިއީ ލެޕްޓޮޕް ކޮމްޕިއުޓަރެއް ނުވަތަ ޓެބުލެޓެއް ބޭނުންކޮށްގެން މުދައްރިސުންނަށާއި ދަރިވަރުންނަށް ފަސޭހައިން ބޭނުންކުރެވިދާނޭ ޓޫލް އެކެވެ. މިގޮތުން ދަރިވަރުންގެ ޚިޔާލު ލިޔެވި، ފިލާވަޅާ ގުޅުންހުރި ފޮޓޯ، ވީޑިޔޯ އަދި ޑޮކިއުމެންޓުތަކާއި ލިންކުތައް ފަސޭހަ ދަރިވަރުންނަށް އަޕްލޯޑު ކުރެވެއެވެ. މިއީ ކީސްޓޭޖް 2 އިން ފެށިގެން މަތީ ދަރިވަރުން ބޭނުންކުރަން ރަނގަޅު މަންސަ (ޕްލެޓްފޯމް) އެކެވެ.

ޕެޑްލެޓް އަކީ އޮންލައިން މަންސައަކަށް ވުމާއެކު ޕެޑްލެޓްގެ އެކައުންޓެއް މުދައްރިސް ހަދަން ޖެހެ އެވެ. ޕެޑްލެޓު ވެބްސައިޓުން މުދައްރިސަށް ހިލޭ އެކައުންޓެއް ހެދޭނެ އެވެ. ހިލޭ އެކައުންޓު ބޭނުންކޮށްގެން މުދައްރިސަށް ހެދޭނީ ތިން ބޯޑެވެ. ނަމަވެސް ޕެޑެލެޓް ފަރުމާކުރެވިފައިވާ ގޮތުން އާއްމު ކިޔަވައިދިނުމަށް މިވަރު ފުދޭނެ އެވެ. ޕެޑްލެޓެއް ހެދުމަށްޓަކައި މުދައްރިސްގެ "ޑޭޝް"ބޯޑުން "މޭކް އަ ޕެޑްލެޓް" އަށް ފިތާލާށެވެ. އެއަށްފަހު މުދައްރިސް ބޭނުންވާ ގޮތަށް ޕެޑްލެޓުގެ ސެޓިން ހަދާނީއެވެ. ކިލާހަށް ދިޔުމުގެ ކުރިން މިބައި ނިންމާފައި އޮތުން މުހިއްމެވެ. އޭރުން ކިލާހަށް ގޮސް، ޕެޑްލެޓު ބޭނުންކުރަން ވުމުން، ޕެޑްލެޓުގެ ލިންކު ނުވަތަ "ކިއުއާރު ކޯޑް" ޕްރޮޖެކްޓަރުން ދެއްކި ދާނެއެވެ. ދަރިވަރުން ޕެޑްލެޓަށް ވަނުމަށް ޓަކައި ކުރަންޖެހޭނެ ކަމަކީ އިންޓަނެޓު ބްރައުޒާގައި މުދައްރިސްގެ ދޭ ލިންކު ލިޔުމެވެ. ނުވަތަ ޓެބްލެޓު ބޭނުންކޮށްގެން ކިއުއާރުކޯޑް ސްކޭންކޮށްލުމެވެ.

ކިލާހުގައި ޕެޑްލެޓް ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟ ފިލާވަޅު ފެށުމުގައި ސުރުޚީއަކާ ގުޅިގެން ޚިޔާލު ފާޅުކުރަން ދެވިދާނެ އެވެ. ފިލާވަޅު ނިންމުމުގައި މުޅި ފިލާވަޅުން ދަސްވި މައިގަނޑު ނުކުތާތައް ޚުލާސާކޮށްލަން ވެސް ބޭނުން ކުރެވިދާނެ އެވެ. ހަމައެހެންމެ ގުރޫޕުގައި ކުރާ މަސައްކަތެއް މުޅިކިލާހަށް ހުށައެޅުމަށް ބޭނުންކުރާ އެހީއެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ އެވެ. މިހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ޕެޑްލެޓުގައި ލިޔާ ނުކުތާތަކުން ފިލާވަޅުން ދަރިވަރުންނަށް އެނގުނު މިންވަރާއި އިތުރަށް އޮޅުންފިލުވައިދޭން ޖެހޭ ބައިތައް މުދައްރިސަށް ދެނެގަނެވޭނެ އެވެ. ވުމާއެކު މިއީ މުދައްރިސަށް ބޭނުންތެރި ޓޫލްއަކަށް ވާނެ އެވެ. މިފަދަ އިތުރު ބައެއް ޓޫލްތަކަށް، އިރާދަކުރެއްވިއްޔާ އެހެން ލިޔުމެއްގައި އަލިއަޅުވައިލާނަމެވެ.

comment ކޮމެންޓް